އޯލެވެލް އިމްތިހާނުގެ ނަތީޖާ ސެންޓަރުތަކުން ދޫކުރަން ފަށައިފި

މިދިޔަ މެއި/ ޖޫންގައި ބޭއްވި އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ އިމްތިހާނު ހެދި ސެންޓަރުތަކުން ދޫކުރަން ފަށައިފި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކެމްބްރިޖު ޓެސްޓުގެ ނަތީޖާ ހެނދުނު 10:00...

12 Aug 2021 | 08:17

މިދިޔަ މެއި/ ޖޫންގައި ބޭއްވި އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ އިމްތިހާނު ހެދި ސެންޓަރުތަކުން ދޫކުރަން ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކެމްބްރިޖު ޓެސްޓުގެ ނަތީޖާ ހެނދުނު 10:00 ގައި އަދި އެސްއެސްސީގެ ނަތީޖާ މެންދުރު 1:00 ގައި އިމްތިހާނު ސެންޓަރުތަކަށް ލިބިފައިވާ ކަމަށެވެ. އޭގެ ފަހުން އެ ސެންޓަރުތަކުން ހަމަޖައްސާ އިންތިޒާމެއްގެ ތެރެއިން ނަތީޖާ ދޫކުރަމުންދާ ކަމަށެވެ.

މިއަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި 235 ސެންޓަރަކުން 5،955 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އިމްތިހާނު ކުރިޔަށް ގެންގޮސްފައިވަނީ ކޯވިޑަށް ޕޮސިޓިވް ދަރިވަރުންނާއި ކަރަންޓީންގައި ތިބި ދަރިވަރުންނަށް އިމްތިހާނުގައި ބައިވެރިވެވޭނެ ފަސޭހަ އިންތިޒާމްތަކަކާއި އެކު އެވެ.

މިއީ އޯލެވެލް އިމްތިހާނު މެއި/ ޖޫންގައި ބޭއްވި ފުރަތަމަ އަހަރެވެ. މި އިމްތިހާނުގައި ބައިވެރިވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު ނޮވެމްބަރުގައި އޯލެވެލް އިމްތިހާނު ހަދަން ހަމަޖެހިފައި އޮތް ދަރިވަރުންނެވެ.

ކޯވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު ސްކޫލްތައް ބަންދުކޮށް ކިޔަވައިދިނުމަށް ހުރަސް އެޅުމުން އޯލެވެލް އިމްތިހާނު މިއަހަރުގެ މެއި/ ޖޫން މަހަށް ބަދަލު ކުރި އިރު މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖޭގައި އޯލެވެލް އިމްތިހާނު ބާއްވާނީ މެއި/ ޖޫންގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް