ޖަމީލް ވަކިކުރި މައްސަލާގައި ދައުވާ ކުރެވޭނެ، އެކަމަކު ފުރަތަމަ ސިވިލް ކޯޓުގައި: ސުޕްރީމް ކޯޓު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބު ރައީސް ކަމުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކި ކުރި މައްސަލައިގަ ދައުވާ ކުރުމުގެ ހައްގު އެމަނިކުފާނަށް އެބައޮތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި...

12 Aug 2021 | 07:53

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބު ރައީސް ކަމުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކި ކުރި މައްސަލައިގަ ދައުވާ ކުރުމުގެ ހައްގު އެމަނިކުފާނަށް އެބައޮތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

ޔާމީންގެ ވެރިކަމުގައި ނައިބު ރައީސަކަށް ހުންނަވަނިކޮށް ޖަމީލް އެ މަގާމުން ވަކިކުރީ އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށް، ރައްޔިތުންގެ މަޖިލީހުގައި ނެގި އިތުބާރު ނެތްކަމުގެ ވޯޓަކުންނެވެ. އެ މައްސަލަ ޖަމީލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ 2019 ވަނަ އަހަރު އެވެ.

އެ މައްސަލައިގަ މިއަދު ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އިސްލާމްދީނާއި ގާނޫނު އަސާސީ އާއި ގާނޫނުތަކާ ޚިލާފްވާ ހާލަތްތަކުގައި ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރުމުގެ ބާރު މަޖިލީހަށް އެބައޮތް ކަމަށާއި އެކަމާބެހޭ އިޖްރައާތުތައް ކަނޑައެޅުމުގެ ބާރު ވެސް އޮތީ މަޖިލީހަށް ކަމަށެވެ. އެކަމަކު ޖަމީލް ވަކިކުރުމުގައި މަޖިލީހުން އަމަލުކުރި ގޮތް ގާނޫނު އަސާސީ އާއި ހިލާފު ކަމަށް ގަބޫލު ކުރެވޭނަމަ ކޯޓު މެދުވެރިކޮށް ހައްލު ހޯދަން އޭނާއަށް ދައުވާ ކުރެވިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ.

އެކަމަކު އެ މައްސަލަ އެންމެ ފުރަތަމަ ހުށަހަޅަން ޖެހޭނީ ސިވިލް ކޯޓަށް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ. ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ގާނޫނު އަސާސީ އޮތްގޮތުން ސުޕްރީމް ކޯޓަށް ބެލޭނީ ރައީސް މަގާމުން ދުރުކުރާ މައްސަލަތައް އެކަނި ކަމަށްވުމުން އެ މައްސަލަ ފުރަތަމަ މަރުހަލާގައި ބަލަންޖެހޭނީ ދަށު ކޯޓުން ކަމަށެވެ.

އެކަމަކު ހުކުމުގައިވަނީ ޖަމީލް ވަކިކުރަން ނިންމުމުގައި އޭރުގެ ރައީސް ޔާމީންގެ ބަހެއް ނެތުމަކީ އެކަމާ މެދު ކޯޓަށް ގޮތެއް ނިންމޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިތުބާރު ނެތްކަމަށް ފާސް ކުރުމުގައި ރައީސްގެ ބަހެއް ނެތުމަކީ އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ބުރަވި މިންގަނޑަކީ ވެސް އެކަމާ މެދު ކޯޓުތަކުން ބަސް ނުބުނެވޭނެ ކަންކަން ކަމަށް އެ ހުކުމުގައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް