ކުރީގެ ޓޫރިޒަމް މިިނިސްޓަރަށް ސުޕްރީމް ކޯޓުން އިއްޔެ އިއްވި ޖަލު ހުކުމް ތަންފީޒު ކުރަން އޭނާ ރާއްޖެ ގެނައުމަށް ފުލުހުންގެ ކިބައިން އެދެން ނިންމާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯތުން އަލީ ވަހީދު ޖަލަށް ލާން ހުކުމް ކުރީ ދެ މަހާއި 12 ދުވަހަށެވެ. އެ ހުކުމް ކުރީ އަލީ ވަހީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް ހާޒިރުވާން ސުޕްރީމް ކޯޓުން ޗިޓު ފޮނުވުމުން ވެސް އަޑުއެހުމަށް ހާޒިރުވެފައި ނުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލުަމަށް ފަހު އެވެ.
މި މައްސަލައިގަ އަލީ ވަހީދު ޖަލަށް ލާން ބަލާއިރު އޭނާ ހުންނެވީ އިނގިރޭސިވިލާތުގައ އެވެ.
އަހުމަދު މިއަދު މީޑިއާގައި ވިދާޅުވީ އަލީގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންސް އިން އަމަލު ކުރާނީ އެ އިދާރާގެ ތަންތަން ނުހުންނަ ތަނެއްގައި ހުރި މީހަކު ގެނައުމަށް މީގެ ކުރިންވެސް އަމަލުކޮށްފައިވާ އުސޫލުގެ މަތިން ކަމަށެވެ. އެ އުސޫލުލގެ ތެރެއިން ހުކުމް ތަންފީޒު ކުރަން ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެނެސްދޭން ފުލުހުންގެ ކިބައިން އެދޭނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.
މިނިސްޓަރަކަށް ހުންނެވި އިރު އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައިގަ އޭނާ އާއި ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ މިދިޔަ ނޮވެމްބަރު މަހު އެވެ. އަލީ ވަހީދާއި ދެކޮޅަށް މި މައްސަލައިގަ ދައުލަތުން ހަތް ދައުވާއެއް އުފުލާފައިވެ އެވެ.
އޭތެރޭގައި ޖިންސީ އަނިޔާ ކުރުން، ރޭޕް ކުރަން އުޅުން، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުން ހިމެނެ އެވެ. އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އުޅުނު ކަމުގެ ދެ ދައުވާ އާއި ޖިންސީ ގޯނާ ކުރުން އަދި ޖިންސީ ގޯނާ ކުރަން އުޅުން ހިމެނެ އެވެ.
އެކަމަކު އަލީ ވަނީ ބޭސް ފަރުވާގެ ނަމުގައި ކޯޓު މެދުވެރިކޮށް ޕާސްޕޯޓު ހޯދައިގެން ރާއްޖެ ދޫކޮށް ވަޑައިގެންފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް