ޗައިނާގެ 'ނެޓިޒަނުން' ހޮންކޮންގް ފަދަ ޤައުމުތައް ހިމަނައިގެން ޗައިނާގެ އޮލިމްޕިކް ރަން މެޑަލްތައް އަދިވެސް އިތުރު ކުރަނީ

މިއަހަރުގެ އޮލިމްޕިކްސް ނިމިފައި ވީ ނަމަވެސް، ޗައިނާގެ ނެޓިޒަނުން އަދިވެސް މަސައްކަތް ކުރަމުން ދަނީ އެ ޤައުމަށް ރަން މެޑަލް ހޯދައި ދިނުމަށް ކަމަށް ބުނެ ބޭރުގެ މީޑިއާތަކުން އިންޓަރނެޓްގައި ހަރަކާތްތެރި...

12 Aug 2021 | 06:46

މިއަހަރުގެ އޮލިމްޕިކްސް ނިމިފައި ވީ ނަމަވެސް، ޗައިނާގެ ނެޓިޒަނުން އަދިވެސް މަސައްކަތް ކުރަމުން ދަނީ އެ ޤައުމަށް ރަން މެޑަލް ހޯދައި ދިނުމަށް ކަމަށް ބުނެ ބޭރުގެ މީޑިއާތަކުން އިންޓަރނެޓްގައި ހަރަކާތްތެރިވާ ޗައިނާ ނެޓިޒަނުންނަށް މަލާމަތް ކުރަން ފަށައިފިއެވެ.

މިގޮތަށް މީޑިއާތަކުން ބުނަން ފަށާފައި ވަނީ، އެހެން ޤައުމުތައްވެސް ޗައިނާގެ ބައެއްގެ ގޮތުގައި ހިމަނައިގެން ޗައިނާގެ ނެޓިޒަނުން އެ މީހުންނަށް ލިބުނު ރަން މެޑަލްތަކުގެ އަދަދު އިތުރު ކުރަމުން ގެންދިއުމާއި ގުޅިގެންނެވެ. ޓައިވާން ނިއުސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޗައިނާގެ ނެޓިޒަނެއް ހިއްސާ ކުރި އޮލިމްޕިކްސް މެޑަލް ކައުންޓުގެ ފޮޓޯއެއްގައި މި އަހަރުގެ 1 ވަނައިގައި އޮތް އެމެރިކާ ފަހަތަށް ޖައްސާލައި ޗައިނާ ވަނީ 1 ވަނައަށް އަރާފައެވެ.

ޗައިނާއަށް ޙަޤީޤަތުގައި މި އަހަރު ލިބިފައި ވަނީ 38 ރަން މެޑަލެވެ. 1ވަނަ އަށް ދިޔަ އެމެރިކާއަށް ވަނީ 39 ރަން މެޑަލް ލިބިފައެވެ. ނަމަވެސް ޗައިނާގެ ނެޓިޒަނުން އަންނަނީ ޓައިވާނު، ހޮންކޮންގ އަދި މެކާއޯއިން އޮލިމްޕިކްގައި ހޯދާފައިވާ މެޑަލްތައްވެސް ޗައިނާގެ މެޑަލް ކައުންޓްގެ ގޮތުގައި ހިމަނަމުން ކަމުން، ޗައިނާގެ މެޑަލް ކައުންޓް މިވަނީ އެތަށް ގުނައަކަށް އިތުރު ވެފައެވެ.

ޓައިވާންއާއި ހޮންކޮންގ ފަދަ ޤައުމުތަކުން އޮލިމްޕިކްސްގައި ބައިވެރިވެފައި ވަނީ ވަކި ވަކި ޤައުމުތަކުގެ ގޮތުގައި ނަމަވެސް، ޗައިނާގެ ނެޓިޒަނުން މި ކަން ޤަބޫލު ކުރާކަށް ބޭނުމެއް ނުވެއެވެ.

ޗައިނާގެ ނެޓިޒަނުން އޮޅުވާލާފައި ވާ 'ފޭކު' އޮލިމްޕިކް ޓެލީ މިހާރު އަންނަނީ އެކި އެކި މީސްމީޑިއާތަކުގައި ވައިރަލް ވަމުންނެވެ. އެގޮތުން ވެއިބޯގައިވެސް ގިނަ އަދަދަކަށް މި ޓެލީވަނީ ޝެއަރ ކުރެވި ދައުރުވާން ފަށާފައެވެ. ފާއިތުވެ ދިޔަ ހަފްތާގައި ޗައިނާ ޑެއިލީގެ ކޮރަސްޕޮންޑެންޓު ޗެން ވެއިހުއާވެސް ވަނީ އޭނާގެ ޓްވިޓަރގައި 2 ޤައުމަށް ލިބުނު މެޑަލްގެ އަދަދު އަސްލާއި އެއް ގޮތަށްވާ ފޮޓޯއެއް ހިއްސާ ކޮށްފައެވެ.

އޭރު ޗައިނާއަށް ލިބިފައިވާ ރަން މެޑަލް އެމެރިކާއަށް ވުރެ ގިނަ ނަމަވެސް، މެޑަލް ކައުންޓުގެ ގޮތުން 2 މެޑަލް އިތުރުވެ އެއްވަނައިގައި އޮތީ އެމެރިކާއެވެ.މި ފޮޓޯ ހިއްސާ ކުރަމުން ވެއިހުއާ ބުނެފައި ވަނީ އެމެރިކާގެ މީޑިއާއިން އަބަދުވެސް މަސައްކަތް ކުރަނީ އެމެރިކާގެ ނަން އެއްވަނައިގައި ބޭއްވުމަށް ކަމަށެވެ. ވައިހުއާގެ ވާހަކައަށް ރައްދު ދެމުން ގިނަ ބަޔަކު ވަނީ އެމެރިކާ އޭރުވެސް އޮތީ މެޑަލް ކައުންޓުގެ އެއް ވަނައިގައި ކަމަށާއި، އެއީ އަބަދުވެސް އެކަން ކުރާ ގޮތް ކަމަށް ބުނެފައެވެ.

ޗައިނާގެ ނެޓިޒަނުންގެ މި އަމަލާއި ގުޅިގެން މީސް މީޑިއާގައި ކޮމެންޓު ކުރާ މީހުން މިހާރު އަންނަނީ ހޫނު ގަދަ ބަހުސްތައްވެސް ކުރަމުންނެވެ. އެއް ބަޔަކު ހޮންކޮންގ އަކީ ޗައިނާގެ ބައެއް ކަމަށް ބުނެ، ހޮންކޮންގގެ މެޑަލްތައްވެސް ޗައިނާގެ ނަމުގެ ތެރެއަށް ވަންނަން ޖެހޭ ކަމަށް ޤަބޫލު ކުރާއިރު، އަނެެއް ބަޔަކު ބުނަމުން ދަނީ މެޑަލްތައް އެ ގޮތަށް ލިސްޓު ކުރަން ބޭނުންވި ނަމަ ހޮންކޮންގއާއި ޗައިނާ ޖެހޭނީ އެއް ބައެއްގެ ގޮތުގައި އޮލިމްޕިކްސްގައި ވާދަ ކުރަން ކަމަށެވެ.

މަކަރު ހަދާނެ އެއްވެސް އުކުޅެއް އޮތް ނަމަ، އެ އުކުޅެއް ޗައިނާއަށް އެނގޭނެ ކަމަށްވެސް ބައެއް މީހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް