އެމެރިކާގައި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ކޯވިޑް ވެކްސިންގެ ތިން ވަނަ ޑޯޒެއް ދޭން ފަށަނީ

ދިފާއީ ނިޒާމު ބަލިކަށި ވެފައިވާ މީހުންނަށް ކޮވިޑު ދިފާއުގެ ބޫސްޓަރ ޑޯޒްއެއްގެ ގޮތުގައި 3 ވަނަ ޑޯޒެއް ދިނުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެފްޑީއޭ) މަސައްކަތް ފަށާފައިވާ ކަމަށް އެންބީސީ ...

12 Aug 2021 | 06:03

 ދިފާއީ ނިޒާމު ބަލިކަށި ވެފައިވާ މީހުންނަށް ކޮވިޑު ދިފާއުގެ ބޫސްޓަރ ޑޯޒްއެއްގެ ގޮތުގައި 3 ވަނަ ޑޯޒެއް ދިނުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެފްޑީއޭ) މަސައްކަތް ފަށާފައިވާ ކަމަށް އެންބީސީ ނިއުސްއިން ރިޕޯޓު ކޮށްފިއެވެ.

އެންބީސީ ނިއުސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ދާދި އަވަހަށް އެފްޑީއޭއިން ފައިޒަރ އަދި މޮޑާނާ ވެކްސިންގެ 3 ވަނަ ޑޯޒެއް ބޫސްޓަރ ޑޯޒްގެ ގޮތުގައި ދިފާއީ ނިޒާމު ބަލިކަށި ވެފައިވާ މީހުންނަށް ދޭން ފަށާނެއެވެ. ބެލެވޭ ގޮތުގައި މި ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް މިކަމަށް ވާން ޖެހޭ ތައްޔާރީތައް އެފްޑީއޭއިން ފުރިހަމަކޮށް މި 2 ވެކްސިން އެމެޖެންސީގައި ބޭނުން ކުރުމުގެ ހުއްދަތަކަށް އިސްލާހު ގެންނާނެއެވެ.

އެއަށް ފަހު، ދިފާއީ ނިޒާމު ބަލިކަށި ވެފައިވާ އިމިއުނޯ ކޮމްޕްރޮމައިޒްޑް ބަލި މީހުންނަށް ކޮވިޑު ދިފާއު ވެކްސިންގެ 3 ވަނަ ޑޯޒެއް އެމެރިކާގައި ދޭން ފަށާނެ ކަމަށްވެސް އެންބީސީއިން ބުނެއެވެ.

މިވަގުތު އެފްޑީއޭއިން އަންނަނީ ހުއްދަ ދޫކޮށްފައިވާ ކޮވިޑު 19ގެ ވެކްސިންތަކުގެ ތެރެއިން 3 ވަނަ ޑޯޒެއް ޖެހުމާއި ގުޅޭ ގޮތުން މި ވަގުތަށް ލިބެން ހުރި ދިރާސާތައް ވަރަށް ގާތުން ބަލަމުން ކަމަށް ވިދާޅުވެ އެފްޑީއޭގެ ތަރުޖަމާނު އެބީ ޗެޕޮބިއާންކޯ ވަނީ ބަޔާނެއް ދެއްވާފައެވެ. މި ބަޔާނުގައި އެބީ ވިދާޅުވީ ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ)އާއި ގުޅިގެން އެފްޑީއޭއިން އަންނަނީ މި މައްސަލައަށް އިތުރު ހައްލުތައް ހޯދުމަށްވެސް އިވެލުއޭޝަންތަކެއް ހަދަމުން ކަމަށާއި، އަވަސް މުސްތަޤްބަލެއްގައި މި ކަމާއި ގުޅޭ ތަފްސީލީ މައުލޫމާތު މީޑިއާތަކާއި ހިއްސާ ކުރައްވާނެ ކަމަށެވެ.

ސީޑީސީގެ އެޑްވައިޒަރީ ޕެނަލުން މިހާރު ލިބިފައިވާ ޑޭޓާތައް ރިވިއު ކުރުމަށް އަންނަ ހުކުރު ދުވަހު ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.މި ބައްދަލުވުމުގައި މިކަމާއި ގުޅޭ ގޮތުން ވޯޓެއް ނެގުމަށް އަދި ތާވަލު ކޮށްފައި ނުވި ނަމަވެސް، އެމެރިކާގެ ފެޑެރަލް ރެޖިސްޓަރއިން މައުލޫމާތު ދީފައިވާ ގޮތުގައި ރިކޮމެންޑޭޝަން ވޯޓަކަށް އެހުމަށް މި ބައްދަލު ވުމުގައި ވަނީ ތާވަލު ކޮށްފައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ތަކުރާރުކޮށް ވަނީ ވެކްސިންގެ ބޫސްޓަރ ޑޯޒުތައް ދިނުމަށްވުރެ، މުއްސަނދި ޤައުމުތަކުން ފަޤީރު ޤައުމުތަކަށް ވެކްސިން ފޯރު ކޮށްދިނުން މިވަގުތަށް މާ މުހިންމު ކަމަށް ބުނެފައެވެ.ނަމަވެސް ގިނަ ޤައުމުތަކަކުން އަންނަނީ ވެކްސިންގެ ބޫސްޓަރ ޝޮޓްތައް ދިނުމަށް މަސައްކަތް ކުރަމުންނެވެ.މި ޤައުުމުތަކުގެ ތެރޭގައި ޖަރުމަނުވިލާތާއި، ފަރަންސޭސިވިލާތާއި އިސްރާއިލް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް