މަލިކަކީ ދިވެހިރާއްޖޭގެ ރަށެއްގެ ގޮތުގައި އޮތް ތަނެއްކަން ރާއްޖޭގެ ތާރީޚުން ދައްކާ އިރު، އެރަށުގައި ދިރިއުޅެނީ ދިވެހީން ކަމާމެދު އެއްވެސް މީހަކު ޝައްކެއް ނުކުރާނެ އެވެ.
ބަސްމޮށުންތެރިކަމާއި އެރަށުގެ ސަގާފަތަކީ ހަމަ އެކައްޗެކެވެ.
އިންޑިއާގެ ބެލުމުގެ ދަށުގައި އޮތް ނަމަވެސް ނަސްލާއި ހަސަބުން އަދި ޢަމަލުން ރާއްޖެއާއި މަލިކަކީ އެެއްމާބަނޑު ދެބެންނޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.
ރާއްޖޭގައި ވެސް ވާހަކަ ދައްކަނީ ދިވެހި ބަހުން ނެވެ. އަދި މަލިކުގައި ވެސް މޮށެނީ (ވާހަކަ ދެއްކުމަށް މަލިކު މީހުން ބޭނުންކުރާގޮތް) ދިވެހި ބަހުން ނެވެ. މަލިކަކީ ވެސް މިއުޒިކަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ރަށަކަށްވާ އިރު، އެެރަށުގެ ލަވަތަކަކީ ރާއްޖޭގައި ވެސް މަޝްހޫރު ލަވަތަކެކެވެ.
އެގޮތުން ކުޑަކޮށް ހާވާލިތަނުން އަޅުގަނޑަށް މި ފެނުނު ލަވަ އެތައް ފަހަރަކު އަޑު އަހާލެވުނެވެ. އަދިވެސް ފޫހިކަމެއް ނެތި އަޑުއަހާން ބޭނުމެވެ.
ޔޫޓިއުބް' ގައި 2021 ވަނަ އަހަރުގެ ފެބްރުއަރީ 18 ގައި ރިލީޒު ކޮށްފައިވާ "ލޯބި ބައްޕަ އަލެ އިނގޭހޭ" މި ލަވައިން އެތައް އިހުސާސްތަކެއް ކުރުވައިފި އެވެ.
އާރްބީއައި ސްޓޫޑިއޯ، މަލިކުން އުފައްދާފައިވާ މި ލަވައިން ދައްކުވައިދެނީ ބައްޕައަކާއި ދަރިފުޅެއްގެ ވާހަކަތަކެވެ. ލަވަ ކިޔާފައިވަނީ ރާއްޖެއަށް ވެސް މަޝްހޫރު މަލިކު ނާސިރު އިބްރާހިމް އާއި ޝަހާނާ ޑީއެފް އެވެ.
ލަވައިގެ ލިރިކްސް ހަދާފައިވަނީ އާރްބީއައި ޝަރީފެވެ. މި ލަވައަށް އެކްޓުކޮށްފައިވަނީ އިސްމާއިލް އަދި ޝަހާނާ އެވެ.
ލަވަ ފެށޭތަނުން ދަރިފުޅު ސްކޫލުން އައިސް އެންމެފުރަތަމަ ވެސް ފޯނުން ގުޅާލަނީ ބޯޓު ދަތުރުކުރުމަށް ގޮސް ހުރި އޭނާގެ ބައްޕައަށެވެ. އަދި އެދަރިފުޅު ރޯ ވަރު އެނެގޭތޯ ސުވާލު ކުރެ އެެވެ.
ކިހިނެއްވީތޯ އާއި ހިތުގައިވާ ވޭން އަންގާލުމަށް ބައްޕަ އެދެއެވެ.
ދަރިފުޅުގެ އެންމެބޮޑު އުދާހަކަށް ވީ ދަތުރުކުރަން ގޮސް ދުރުގައި ހުރުން ކަމަށް ވެސް ބުނެ އެވެ. އަދި ދުރުގައި ހުންނަން ޖެހުނީ ކީއްވެތޯ ވެސް ސުވާލު ކުރެ އެވެ.
އޭގެ ޖަވާބުގައި ބައްޕަ ބުނަނީ ދަރިފުޅުގެ ކިޔެވުމާއި މުސްތަގުބަލަަށް ލާރި ހޯދުމަށް ދަތުރުކުރަން އައީ ކަމަށެވެ.
މީގެ އިތުރުން ބައްޕަ ގެއްލުނީތޯ ވަރަށް ގިނަ ރައްޓެހިން އަހާ ކަމަށާއި އަވަހަށް ރަށަށް އާދެވޭތޯ ބެލުމަށް ވެސް ދަރިފުޅު އެދެއެވެ.
މި ހިސާބުން މި ލަވަ ދޫކޮށްލާނީ ކިޔުންތެރިންނަށެވެ.
މިހާ ހިސާބަށް އައި އިރު، 211،733 އަށްވުރެ ގިނަ ވިވްސް މި ލަވައަށް ވަނީ ލިބިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް