ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑާލައިފި އެވެ. އީސީން މެންބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅާފަ...

12 Aug 2017 | 10:15

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑާލައިފި އެވެ.

އީސީން މެންބަރުކަން ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި ވިލިގިނލީ ދާއިރާގެ ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާންގެ އިތުރުން ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ)ގެ އެވެ. މި މެންބަރުންނެ މުސާރައާއި އިނާޔަތްތައް ކަނޑާލިކަން އަންގާ ނެރުއްވި މެމޯގައި ސޮއި ކޮށްފައިވަނީ މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދެވެ.

އޭގައި ބުނެފައިވަނީ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކަނޑާލީ އެ ދާއިރާ ތަކުގެ ބައި އިލެކްޝަން އިލެކްޝަންސް ކޮމިޝަނުން އިއުލާނު ކޮށްފައިވާތީ އެވެ. މުސާރައާއި އިނާޔަތައްތައް ކަނޑާލާފައިވަނީ މިިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.

މަޖިލީހުން ނެރުނު މި މެމޯއާއި ގުޅިގެން އިލްހާމް ވަނީ މަޖިލީހުގެ އިދާރާއަށް ސިޓީއެއް ފޮނުވާފައި އެވެ. އެއީ އޭނާ ނިސްބަތްވާ ދާއިރާގެ ބައި އިލެކްޝަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައި ނުވާތީ އާއި ގޮނޑި ގެއްލިފައިވާކަން އެއްވެސް ފަރާތަކުން އިލްހާމަށް ނާންގާތީ ކަމަށް ވިދާޅުވެފައިވެ އެވެ.

އެ މެންބަރުންގެ އިނާޔަތްތަކާއި މުސާރަ ކަނޑާލާފައި މިވަނީ އޭގެ ތެރެއިން ހަތަރު މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން އެކަން ބާތިލް ކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައި ގޮތެއް ނުނިންމަނީހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް