ރައީސްއަށް އޮތް ގޮންޖެހުންތަކުގެ ހައްލަކީ މެންބަރުން ޖަލަށް ލުމެއް ނޫން: އުމަރު

މިވަގުތު ޖަލު ބަންދުގައި ތިއްބެވި ޕީޕީއެމްއަށް ނިސްބަތްވާ މަޖިލީސް މެންބަރުން ވަގުތުން ދޫކޮށްލާ އެމީހުންގެ މައްޗަށް ކުރަން ނިންމާފައިވާ ދައުވާތައް އަނބުރާ ގެންދަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އ...

12 Aug 2017 | 09:38

މިވަގުތު ޖަލު ބަންދުގައި ތިއްބެވި ޕީޕީއެމްއަށް ނިސްބަތްވާ މަޖިލީސް މެންބަރުން ވަގުތުން ދޫކޮށްލާ އެމީހުންގެ މައްޗަށް ކުރަން ނިންމާފައިވާ ދައުވާތައް އަނބުރާ ގެންދަން ޖެހޭ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މަޖިލީސް މެންބަރުންގެ ތެރެއިން ޖަލު ބަންދުގައި ތިއްބެވީ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަ އަމީތު، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އަދި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ. ފާރިސްގެ މައްޗަށް މެންބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތު ކުރާއިރު އަނެއް ތިން މެންބަރުންގެ މައްޗަށް ކުރަނީ މަޖިލީސް މެންބަރުން ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް މަޖިލީހަށް ވަތްކަމުގެ ތހުމަތެވެ.

އުމަރު މިއަދު ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ ހަތަރު މެންބަރުންނަކީ ރައީސް ޔާމީން ވެރިކަމަށް ގެންނެވުމަށާއި މި ސަރުކާރު ދެމެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅުން ކަމަށެވެ. އެހެންކަމުން ރައީސް ޔާމީނާއި ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކީ މިފަދަ އަގުހުރި ހިދުމަތްތެރިން ޖަލުގައި ތިބެންޖެހޭ ސަަބަބެއް ނޫންކަމަށެވެ.

އުމަރު ވިދާޅުވީ ރައީސް ޔާމީނަށް މަޖިލީހުގެ ތެރެއިން ކުރިމަތިވެފައިވާ ގޮންޖެހުމުގެ ހައްލަކީ މެންބަރުން ހައްޔަރުކޮށް މަޖިލީސް ނުބޭއްވުން ކަމަށްވާނަމަ ރޫޅިގެން އެ ދަނީ ދުސްތޫރީ ނިޒާމު ކަމަށެވެ. އަދި ގެއްލިގެން އެދަނީ ރައްޔިތުންނަށް ލިބެންޖެހޭ އަދުލުވެރިކަންކަމަށްވެސް ވިދާޅުވެފައިވެ އެވެ.

"އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް ރައީސް ޔާމީން ބޭނުންވާނަމަ އެކަމަށް އޮތް އެންމެ ރަނގަޅު ހަތިޔާރަކީ އަދުލުވެރިކަމުގެ ދަންމަރު ކަމަށެވެ. އެ ދަންމަރު އުފުލިފައިވާ ވެރިއެއްގެ އަތުން ގެއްލޭނެ އެއްވެސް އެއްޗެއް ނޯންނާނެ" އުމަރު ވިދާޅުވެފައިވެ އެވެ.

އުމަރު އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ހިދުމަތްތެރިން ދޫކޮށްލާ އެމީހުންގެ މައްޗަށް އުފުލިފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ސަރުކާރަށާއި ޕްރޮސެކިއުޓާ ޖެނަރަލް އަށް އިލްތިމާސްކުރައްވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް