ތައި އެއާ އޭޝިއާއިން ތައިލެންޑުގެ ވެރިރަށް ބެންކޮކާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށައިފިއެވެ.
މި އެއާލައިނަކީ އަގުހެޔޮކޮށް ދަތުރު ކުރުމަށް ހާއްސަ އެއާލައިނެކެވެ. މި އެއާލައިންގެ ފުރަތަމަ ފްލައިޓު އިއްޔެ ވެލާނާ އިންޓަނޭަޝަނަލް އެއާޕޯޓުގައި ޖެއްސި އިރު އެ ދަތުރުގައި ބެންކޮކުން ރާއްޖެއަށް 170 ފަސިންޖަރުން އައިސްފަވެ އެވެ.
ތައި އެއާ އޭޝިއާއިން ރާއްޖެއާއި ތައިލެންޑާ ދެމެދު، ދުވާލަކު އެއް ފްލައިޓު ބާއްވާނެއެވެ. މި ދަތުރުކުރާނީ އެއާބަސް އޭ320 މަރުކާގެ ބޯޓެއްގައެވެ.
މިފަހަކަށް އައިސް ޗުއްޓީއަށާއި ބޭސް ފަރުވާއަށް ބެންކޮކަށް ދާ ދިވެހިންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައި އެވެ. އަދި ތައިލެންޑުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރު ވަމުންދާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.
ދެގައުމުގެ ދެމެދުގައި ދަތުރުކުރާ މީހުންގެ އަދަދު އިތުރުވެފައިވާއިރު ރާއްޖެއާ ބެންކޮކާއި ދެމެދު ސީދާ ދަތުރު ކުރާ މިއީ ތިން ވަނަ އެއާލައިނެވެ. ތައި އެއާ އޭޝިއާގެ އިތުރުން މޯލްޑިވިއަން އާއި ބެންކޮކް އެއާވޭސްއިން ރާއްޖެއާ ތައިލެންޑާ ދެމެދު ސީދާ ދަތުރުތައް ކުރެ އެވެ.
މީގެ ތެރެއިން މޯލްޑިވިއަން އާއި ބެންކޮކް އެއާވޭސް އިން ދަތުރު ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ތައިލެންޑުގެ މައި އެއާޕޯޓު ސުވަނަބޫމީ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެކަމަކު ތައި އެއާ އޭޝިއާއިން ދަތުރު ކުރާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮން މުއާންގް އެއާޕޯޓަށެވެ.
ތައި އެއާ އޭޝިއާއިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ މިދިޔަ ޖޫންމަހުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް