ޓާމިނަލް ކެފޭ ތެރޭގައި އިންދަ ބޮލަށް ވަޅި ހަރައި މަރާލި ހއ. ތަކަންދޫ އުމުރުން 24 އަހަރުގެ ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގެ ތުހުމަތުގަ ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ހައްޔަރު ކުރި މީހާގެ ވަނަވަރު ފުލުހުން ހާމަ ނުކުރި ނަމަވެސް އެނގިފައިވާގޮތުގައި ނަދީމްގެ މަރާ ގުޅިގެން ހައްޔަރު ކުރީ ގ. ޝާރާޒް، މުހައްމަދު މަފާޒެވެ. އޭނާ އަކީ އުމަރު ނަސީރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވިއިރު، މޮނިކޮން އަމުރުގެ ދަށުން ޓެގު އެޅުވި މީހެކެވެ. އަދި އެ އަމުރާ ހިލާފުވެގެން އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ. ފަހުން އޭނާ މިނިވަންވީ ކީއްވެ ކަމެއް ނޭނގެ އެވެ.
މަފާޒުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކްރިމިނަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.
ނަދީމަށް ހަމަލާދިންތާ 14 ދުވަސް ފަހުން، މަފާޒު ހައްޔަރު ކުރީ ގ. ޖެލީފިޝްއިންނެވެ. އަދި އެހެން މައްސަލައެއްގައި ވެސް އެ ގެއިން މީހަކު ހައްޔަރުކޮށްފައިވެ އެވެ.
ނަދީމަށް ހަމަލާދީފައިނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ އިރު އޮއްސޭކަށް ހާއިރު އެވެ. އޭނާ މަރުވެފައިވަނީ އެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް