ފަނި މަރާ ބޭހެއްގެ އަސަރު ބިހުން ފެނިފައިވާތީ ރާއްޖެއިން އެކަމަށް ސަމާލުވެއްޖެ

ބައެއް ގައުމުތަކަށް އެތެރެ ކުރި ބިހުގައި ފަނި މަރާ ބޭހެއް ކަމަށްވާ ފިޕްރޯނިލްގެ އަސަރު ހުރުމުން ރާއްޖެެއިން އެކަމަށް ސަމާލުކަން ދެމުންދާ ކަމަށް މޯލްޑީވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ން...

12 Aug 2017 | 02:52

ބައެއް ގައުމުތަކަށް އެތެރެ ކުރި ބިހުގައި ފަނި މަރާ ބޭހެއް ކަމަށްވާ ފިޕްރޯނިލްގެ އަސަރު ހުރުމުން ރާއްޖެެއިން އެކަމަށް ސަމާލުކަން ދެމުންދާ ކަމަށް މޯލްޑީވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ން ބުނެފި އެވެ.

ފިޕްރޯނިލްގެ އަސަރު ފެނިފައިވަނީ ޔޫރަޕްގެ 15 ގައުމަކަށާއި ހޮންކޮންގް އާއި ސްވިޒްލޭންޑަށް އެތެރެ ކުރި ބިހުންނެވެ. މި ބިސްތައް އެ ގައުމުތަކަށް އެތެރެކޮށްފައިވަނީ ނެދަލެންޑްސް، ބެލްޖިއަމް، ޖަރުމަނު އަދި ފްރާންސް ފަދަ ގައުމުތަކުންނެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އެ ގައުމުތަކަށް އެތެރެ ކުރި ބިސްތަކުން ބޭހުގެ އަސަރު ފެނިފައިވާތީ އެ މައްސަލަ ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ. އަދި ރާއްޖެއަށް އެރެެ ކުރާ ބިހުގައި މައްސަލައެއް އުޅޭތޯ ކައިރިން ބަލާނެ ކަމަށެވެ.

އެކަމާ ގުޅިގެން ފިޔަވަޅެއް އަޅަން ޖެހިއްޖެ ނަމަ އެ ފިޔަވަޅެއް ވަގުތުން އަޅާނެ ކަމަށް އެމްއެފްޑީއޭ އިން ބުނެފައިވެ އެވެ.

ފިޕްރޯނިލްގެ އަސަރު ބިހުން ފެނިފައިވާ ގައުމުތަކުން ވަނީ މިލިއަނެއްހާ ބިސް ނައްތާލާފައި އެވެ. އަދި ރެސްޓޯރެކްޓެތަކާއި ކާބޯތަކެތި އުފައްދާ ކުންފުނިތަކަށް ވަނީ ބިސް ބޭނުން ކުރުން މަނާކޮށްފައި އެވެ.

އެ ބޭހުގެ އަސަރު ކުރުމުން އިންސާނާގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށްވެ އެވެ. އެކަމަކު މިހާތަނަށް އެ ބޭހުގެ ސަބަބުން މީހަކަށް ގެއްލުންވެގެން އޭގެ ރިޕޯޓު ކޮށްފައިވާ ނުވާ ކަމަށް ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް