މިނިވަން50އަށް މާލެތެރެ ޒީނަތްތެރިކުރުމަށްޓަކައި ހަރުކޮށްފައި ހުރި ކޭބަލް ނަރުތައް ކަނޑައިގެން ގެންދަން އުޅެނު ދެ މީހުން ވަގަށްނަގާފައިވާކަމަށް ތުހުމަތުކުރެވޭ ކޭބަލް ނަރުތަކަކާ އެކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ ޢުމުރުން 33 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި މި ދެމީހުންނަކީ ދިވެހިން ކަމަށެވެ.
މި ދެމީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައި ވަނީ މިނިވަން 50 އަށް މާލެތެރެ ޒީނަތްތެރިކުރުމަށްޓަކައި ބޮޑުތަކުރުފާނުމަގުގައި ހަރުކޮށްފައި ހުރި ކޭބަލުނަރުތައް ކަނޑައިގެން ގެންދަން އުޅެނިކޮށް 2015 އޮގަސްޓް 11 ވަނަ ދުވަހުގެ މެންދުރު 13:10 ހާއިރު ކަމަށާއި އެދެމީހުން ބަލައި ފާސްކުރިއިރު، ވަގަށްނަގާފައިވާކަމަށް ތުހުމަތުކުރެވޭ ގިނައަދަދެއްގެ ކޭބަލް ނަރުތަކެއް އެމީހުން އަތުން ފެނިފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން މި ދެ މީހުން ދުއްވި ސައިކަލަކީ ވެސް ވަގަށްނަގާފައިވާކަމަށް ތުހުމަތުކުރެވޭ ސައިކަލެއް ކަމަށާއި މި ދެ މީހުން މި ސައިކަލް ދުއްވާފައިވަނީ ސައިކަލްގެ ނަންބަރު ބޯޑު ބަދަލުކޮށްގެން ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ 33 އަހަރުގެ މީހާއަކީ 37 ފަހަރު ހުއްޓުވައި ސުވާލުކޮށް ތިން ފަހަރު ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އެއް ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އަދި މި މައްސަލާގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ 31 އަހަރުގެ މީހާއަކީ 12 ފަހަރު ހުއްޓުވައި ސުވާލުކޮށް އަށް ފަހަރު ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ހަ ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އަދި މި މީހާގެ މައްޗައް ތުހުމަތުކުރެވޭ ހަ މައްސަލައެއްގެ ތަހުޤީގް ނިންމައި ދަޢުވާކުރުމަށް ޕްރެސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް