ދ. ހުޅުދެލީ ކައުންސިލް އިދާރާއިން ހޯމަ ދުވަހު ވަގަށްނެގި ފައިސާތައް ހޯދައި، އެ މައްސަލައިގާ ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައިގާ ހަމަ އެދުވަހު 16:30 ގައި 25 އަހަރުގެ ފިރިހެނަކު ހައްޔަރު ކުރި ކަމަށާއި އިތުރު ދެމީހުން ހައްޔަރުކުރީ އިއްޔެ ކަމަށެވެ. ފަހުން ހައްޔަރު ކުރީ 25 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ވަގަށްނެގި ފައިސާތައް ފެނިފައިވަނީ ކައންސިލް އިދާރާގެ ކުރިމަތިން އޮންނަ މަގުގައި ހުރި ރެކެއްގެ ކައިރީގައި އޮތް ހަމެއްގެ ދަށަށްލައި ރައްކާކޮށްފައި ވަނިކޮށް ކަމަށެވެ.
ކައުންސިލް އިދާރާއިން ގެއްލުނީ 10،000 އަށްވުރެ ގިނަ ފައިސާ ކަމަށް ފުލުހުން ބުނެ އެވެ.ކައުންސިލް އިދާރާގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އެއިދާރާ ތެރޭގައި ހުރި މޭޒެއް ވަތްގަނޑުގައި ހުއްޓައި ވަގަށް ނަގާފައިވާ މި ފައިސާތަކަކީ އެކައުންސިލް އިދާރާގައި މަސައްކަތްކުރާ މުވައްޒަފެއްގެ ފައިސާތަކަކެވެ.
ހައްޔަރުކުރި ތިން މީހުންގެ ތެރެއިން އެކެއްގެ ބަންދުގެ މުއްދަތަށް 15 ދުވަސް ކޯޓުން ޖަހާދީފައިވާއިރު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް