އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިފި

އަހަރުތަކެއްގެ މެދުކެނޑުމަށްފަހު ދިވެހިރާއްޖޭގެ އިސްލާމީ ކުތުބުޚާނާ މިރޭ ހުޅުވައިފިއެވެ. އެ ކުތުބުޚާނާ ތަރައްޤީކޮށްފައި ވަނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައެވެ. އިސްލާމީ ކުތުބުޚާ...

12 Jul 2025 | 16:59

އަހަރުތަކެއްގެ މެދުކެނޑުމަށްފަހު ދިވެހިރާއްޖޭގެ އިސްލާމީ ކުތުބުޚާނާ މިރޭ ހުޅުވައިފިއެވެ.

އެ ކުތުބުޚާނާ ތަރައްޤީކޮށްފައި ވަނީ ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައެވެ.

އިސްލާމީ ކުތުބުޚާނާ ހުޅުވާފައި ވަނީ 15،000 އަށްވުރެ ގިނަ ފޮތާއެކުއެވެ.

މިރޭ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިދެއްވީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމްއެވެ.

މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިސްކިތްތަކުގައި ލައިބްރަރީތައް ޤާއިމްކޮށް މިސްކިތްތަކަށް ދިރުން ގެނުވުމަށް ކުރަމުން ގެންދާ މަސައްކަތަކީ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށްގެންދާ ކަމެއްކަމުގައެވެ.

މީގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އެބޭފުޅުންގެ އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ދަޢުވަތު ދެއްވަވާފައެވެ. އަދިހަމައެއާއެކު ދިވެހި އަދީބުންގެ ފޮތްތައްވެސް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ވަޒީރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

"އިސްލާމީ ކުތުބުޚާނާ ހަޤީޤަތަކަށްވެ މިއަދު ހުޅުވިގެން މި ދަނީ ގިނަ ބައެއްގެ ބުރަ މަސައްކަތާއެކު، މިިކަމުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރަން" ވަޒީރު ޝަހީމް ވިދާޅުވިއެވެ.

ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ އިސްލާމީ ކުތުބުޚާނާ ހުޅުވާފައި ވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތަނުގެ ބޭނުން ކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްފަހުގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ކުތުބުޚާނާ ވެގެންދާނީ އިސްލާމީ ޢިލްމު ޚާސިލްކުރުމަށް ބޭނުންވާ އަދި ދިރާސާތައް ކުރުމަށް ބޭނުންވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ތަނަކަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް