ދުނިޔޭގެ އެކި ސަރަހައްދުތަކުން އޭވިއޭޝަން ދާއިރާގެ 150 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވި އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.
މިމަހު 9 ވަނަ ދުވަހުން 11 ވަނަ ދުވަހުގެ ނިޔަލަށް ކުރުނބާ މޯލްޑިވްސް، ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާ، އަދި ސައި ލެގޫންގައި ކުރިއަށް ގެންދިޔަ މި ކޮންގްރެސް އަކީ ގްލޯބަލް ޓްރެވަލް އިންވެސްޓްމެންޓުން އިންތިޒާމްކުރާ ބައިނަލްއަގްވާމީ ހަރަކާތެކެވެ. މިއިވެންޓް ރާއްޖޭގައި ބާއްވާފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީއާއި ގުޅިގެންނެވެ.
އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ތަފާތު ވިޔަފާރިތަކުގެ މެދުގައި، ނެޓްވޯރކިންގއާއި ވިޔަފާރި ކުރިއެރުވުމަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ.
ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ކޮންގްރެސްގެ ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު، މި ކޮންގްރެސްގެ ޕެނަލް ޑިސްކަޝަންތަކާއި ނިންމުމުގެ ހަފްލާ ބާއްވާފައިވަނީ ކުރުބާ މޯލްޑިވްސްގައެވެ. އަދި ކްރޮސް ރޯޑްސްގެ ސައި ލެގޫންގައި ވެސް ވަނީ ނެޓްވޯކިން އިވެންޓްތައް ބާއްވާފައެވެ.
މި ހަރަކާތްތަކުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އިތުރުން، ރާއްޖޭގެ ވައިގެ ހިދުމަތް ދެމުންގެންދާ ކުންފުނިތަކުންނާއި، އަދި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އެފަރާތްތަކުން ރާއްޖޭގެ ވައިގެ ސިނާއަތް ތަރައްގީއަށް ކުރަމުންދާ މަސައްކަތްތައް ހިއްސާކޮށް އެކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ.
ކޮންގްރެސްގެ ބައިވެރިންނަށް ރާއްޖޭގެ ވައިގެ ސިނާއަތް ކުރިއަށްދާ ގޮތުގެ މައުލޫމާތާއި އެ ސިނާއަތް ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް މި ހަރަކާތްތަކުގެ ތެރެއިން ވަނީ މަޝްވަރާކޮށްފައެވެ. މިއާއިއެކު މި ކޮންގްރެސްގެ ސަބަބުން މިދާއިރާ އިތުރަށް ތަރައްޤީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ގޮސްފައިކަމަށް ވެލާނާ އިންޓަނޭޝަނަލް އެއަރ ޕޯޓުން ވަނީ ބުނެފައެވެ. އަދި ވިޔާފާރީގެ ގުޅުންތައް އުފެދި ވިޔަފާރިތައް ފުޅާކުރުމުގެ ފުރުސަތުތައް ވަނީ ބައިވެރިންނަށް ލިބިފައި ކަމަށް ވެސް ވެލާނާ އިންޓަނޭޝަނަލް އެއަރ ޕޯޓުން ވަނީ ބުނެފައެވެ.
އެ ކޮންގްރެސް އިއްޔެ ނިންމާލާފައިވާއިރު، އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް، އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ،
ހާޓްސްފީލްޑް- ޖެކްސަން އެޓްލާންޓާ އިންޓަރނޭޝަނަލް އެއަރޕޯޓް، ގައެވެ.
އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް