ގައިންގަޔަށް އަރާ ތިން ބައްޔެއް ފެތުރެމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

މިދުވަސްވަރު ގައިންގަޔަށް އަރާ ތިން ބައްޔެއް ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ. މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި...

12 Jul 2024 | 10:03

މިދުވަސްވަރު ގައިންގަޔަށް އަރާ ތިން ބައްޔެއް ފެތުރެމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މާލެ ސަރަހައްދާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިދުވަސްވަރު ފެތުރެމުންދަނީ ލޮލުރޯގާއާއި ފާނަބަސަނދުގެ އިތުރުން ހޭންޑް ފުޓް އެންޑް މައުތެވެ.

އެޗްޕީއޭއިން އާންމުކުރި މައުލޫމާތުތަކުން ދައްކާ ގޮތުގައި ލޮލުރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދު ކުރީ ހަފުތާއަށްވުރެ, ވޭތުވެދިޔަ ހަފުތާގައި ދަށަށް ގޮސްފައެވެ. އެގޮތުން ލޮލުރޯގާ ޖެހިގެން ކުރީ ހަފުތާގައި 407 ކޭސް ރިޕޯޓު ކުރެވުނެވެ. އަދި ވޭތުވެދިޔަ ހަފުތާގައި ރިޕޯޓު ކުރެވުނީ 337 ކޭސްއެވެ.

ލޮލުރޯގާ ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދާއި ލ.އަތޮޅާއި ފުވައްމުލަކު ސިޓީއިންނެވެ.

މީގެއިތުރުން ފާނަބަސަނދު ޖެހިގެން މިދިޔަ މަހުގެ ފަހު ހަފުތާގައި 94 ކޭސް ރިޕޯޓު ކުރެވުނުއިރު, ވޭތުވެދިޔަ ހަފުތާގައި 107 ކޭސް ވަނީ ރިޕޯޓު ކުރެވިފައެވެ.

ފާނަބަސަނދު ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދާއި ޅ.އަތޮޅާއި އައްޑޫ ސިޓީއިންނެވެ.

ހޭންޑް ފުޓް އެންޑް މައުތު ޖެހިގެން ރިޕޯޓުކޮށްފައިވާ އަދަދަށް ބަލާއިރު, ކުރީ ހަފުތާއަށްވުރެ ވޭތުވެ ދިޔަ ހަފުތާގައި ވަނީ އިތުރުވެފައެވެ.

އެގޮތުން މި ބަލި ޖެހިގެން ކުރީ ހަފުތާގައި 11 ކޭސް ރިޕޯޓު ކުރެވުނެވެ. އަދި ވޭތުވެދިޔަ ހަފުތާގައި ރިޕޯޓު ކުރެވުނީ 35 ކޭސްއެވެ.

މި ބަލި ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މާލެ ސަރަހައްދާއި އދ.އަތޮޅުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް