ކުޑަ އަންހެން ކުއްޖަކާ ކޯޓުން ބޭރުން ކައިވެނިކޮށްގެން އުޅުނު މީހަކު 14 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފިއެވެ.
އުމުރުން 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި ކޯޓުން ބޭރުގައި ކައިވެނީގެ ނަމުގައި ގުޅި، މިހާރު އުމުރުން 30 އަހަރު ފުރިފައިވާ އިސްމާއިލް ހައްމާދުގެ މައްޗަށް އުފުލާ ދައުވާއަކީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއެވެ. އެ އަންހެން ކުއްޖާ 13 އަހަރުގައި މާބަނޑުވެ ވިހެއިކަން ފެންމަތިވީ އެ މައްސަލައިގައި ބަޔަކު އޭނާއަށް ހަމަލާދިން މައްސަލައެއް ފުލުހުން 2019 ވަނަ އަހަރު ޑިސެންބަރު މަހުގައި ތަހުގީގު ކުރަމުން ދަނިކޮށެވެ.
އެގޮތުން ކްރިމިނަލް ކޯޓުން އިއްޔެ މި މައްސަލައާއި ގުޅިގެން ހައްމާދަށް ވަނީ 14 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބެވެ.
މީގެއިތުރުން އޭނާގެ މައްޗަށް އިއްވި ހުކުމުގައި ވާގޮތުގައި އޭނާ ޖަލުގައި ހޭދަކޮށްފައިވާ މުއްދަތު އުނިކުރުމަށް ފަހު، ތަންފީޒު ކުރަން ޖެހޭ ޖަލު އަދަބަކީ ނުވަ އަހަރާއި ހަތަރު މަހާއި 15 ދުވަސް ކަމުގައި ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި އޭރު 13 އަހަރުގެ އެ އަންހެން ކުއްޖާގެ އިތުރުން އެކުއްޖާ ވިހެއި ކުއްޖާއާއި އާއިލާގައި ދެން ތިބި ކުދިން ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި އެ ކުއްޖާގެ މައިންބަފައިން ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލާއިގައި ކުއްޖާގެ މަންމަގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައި ވެއެވެ. އަދި ކުއްޖާގެ ބައްޕަގެ މައްޗަށް އުފުލާފައި ވަނީ އެއް ދައުވާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް