ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް ކާމިޔާބު ނުލިބޭނެކަން، ފިރުޢައުނު ޣަރަޤުކުރެއްވި ހާދިސާއިން އެނގި ސާފުވެގެންދާކަމުގައި ހުކުރު ޚުޠުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މަޢުލޫއަކީ "ޢާޝޫރާ ދުވަހުގެ މާތްކަން" މި މަޢުލޫއެވެ.
މިއަދުގެ ހުކުރު ޚުޠުބާ ފަށަމުން ބުނެފައިވަނީ މުސްލިމުންނަށް ޓަކައި، މާތް ﷲ ޚާއްޞަކުރައްވައިފައިވާ ދުވަސްތަކުގެ މަތީން ހަނދުމަކޮށް އެއިން ޢިބްރަތް ޙާޞިލުކުރުން ހުރިކަމަށާއި އެކަލާނގެ ނިޢުމަތްތައް ހަނދުމަކޮށް އެކަލާނގެ މަންހަޖަށް ތަބާވުމަށް ޓަކައިކަމަށެވެ.
"މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ، ނުވަތަ ޢާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް، ޢާޝޫރާ ދުވަހަކީ، ފިރުޢައުނުގެ ކިބައިން مُوْسَىގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި، އޭނާގެ ލަޝްކަރު ޣަރަޤުކުރެއްވި ދުވަސް، ބަނީ އިސްރާއީލު ބާގައިގެ މީހުން ސިއްރިއްޔާތުގައި މިޞްރުން ނުކުތުމުން، ފިރުޢައުނު އޭނާގެ ލަޝްކަރީން އެއްކޮށް، مُوْسَىގެފާނާއި އެކަލޭގެފާނުގެ ޤައުމު މުޅިން ނައްތައިލުމަށް ޓަކައި ނުކުތް، ފިރުޢައުނުގެ ލަޝްކަރު ބަނީ އިސްރާއީލު ބާގައިގެ މީހުންނާ ވަރަށް ކައިރިވުމުން، މާތް ﷲ مُوْسَىގެފާނަށް ވަޙީކުރެއްވީ އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމަށް، އެ ހިނދު مُوْسَىގެފާނު އެކަލޭގެފާނުގެ އަސާކޮޅުން ކަނޑުގައި ޖެއްސެވުމުން އެ ކަނޑުގެ މެދުން މަގުތަކެއް އުފެދުނު، މާތް ﷲ ކަނޑު ހިއްކަވައިދެއްވުމުން ބަނީ އިސްރާއީލު ބާގައިގެ ބާރަ ޤަބީލާގެ މީހުން އެއިން ކޮންމެ ބަޔަކަށް ޚާއްޞަ ކުރެއްވިގެންވާ މަގުން ކަނޑު ހުރަސްކޮށް ސީނާއަށް ދިޔަ، ފިރުޢައުނާއި އޭނާގެ ލަޝްކަރު ބަނީ އިސްރާއީލު ބާގައިގެ މީހުންގެ ފަހަތުން ދިޔަ، ނަމަވެސް އެ މަގުތަކުން ފިރުޢައުނުގެ ލަޝްކަރު ދަތުރުކުރާން ފެށިތަނާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، އެ ކަނޑު ކުރީން އޮތް ގޮތަށް މާތް ﷲ ބަދަލުކުރެއްވި." މި ހާދިސާގެ ވާހަކަ ހުކުރު ޚުޠުބާގައި ގެނެސްދީފައިވެއެވެ.
ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި މި ފަދަ ޙާދިސާތަކުގައި، ގިނަގުނަ ޢިބުރަތްތަކާއި ދަރުސްތައް ވެއެވެ. މީގެ އެންމެ މުހިންމު ފިލާވަޅަކީ، اللهُ سُبْحَانَهُ وَتَعَالَى އެކަލާނގެއަށް އީމާންވާ މީސްތަކުންނާއި، އެކަލާނގެ ނަބިއްޔުންނާއި ރަސޫލުން، ބޮޑެތި މުޞީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ފިލާވަޅެވެ. މި ފަދަ ޙާދިސާތަކުން އެނގެނީ، މުޞީބާތްތަކުން ސަލާމަތް ވެވޭނީ، އީމާންކަމާއި އިސްލާމްކަމުން ކަމެވެ. އާޚިރަތުގައި ނަޞްރާއި ނަޞީބު ލިބުމުގެ މަގަކީ އެއީކަމެވެ. މާތް ﷲ އަށް އިތުބާރުކޮށް، އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވެގެން މެނުވީ ދެ ދުނިޔޭގައި ވެސް ސަލާމަތެއް ނެތްކަމެވެ.
"ފިރުޢައުނު ޣަރަޤުކުރެއްވި ޙާދިސާއިން އެނގެނީ، މާތް الله އަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ ޢަޛާބުން ޢަޛާބުދެއްވައި، ނެތިކުރައްވާނެކަން، އެ މީހުންނަށް އެ ކަމުގައި ކާމިޔާބު ނުލިބޭނެކަން، އަދި އަހަރެމެން ފަސާދަޔާ ދެކޮޅަށް ތެދުވާން ޖެހޭނެކަން، ހަމައެހެންމެ، މާތް ﷲއަށް އީމާންވާ މީހުންނަށް ދުނިޔޭގައި ވެސް ޢިއްޒަތާއި، ޝަރަފާއި، ޤަދަރު ދެއްވާނެކަން" ޚުޠުބާގައި ބުނެފައިވެއެވެ.
ޢާޝޫރާ ދުވަހު ރޯދަ ހިފާ މީހާ ޢަމަލުކުރާންވީ ގޮތް، ކީރިތި ރަސޫލާ ﷺ ގެ ސުއްނަތުން އެނގޭކަން ހާމަކޮށް ޚުޠުބާގައި ބުނެފައިވަނީ އާސޫރާދުވަހު ރޯދަ ހިފުމުގެ ތިން ދަރަޖައެއް ވާކަމަށާއި އޭގެ ތެރެއިން އެންމެ ފުރިހަމަ ދަރަޖައަކީ ޢާޝޫރާދުވަހާއެކު އެއް ދުވަސް ކުރިންނާއި އެއްދުވަސް ފަހުން ރޯދަ ހިފުން ކަމަށެވެ. އޭގެ ފަހުން އަންނަ ދަރަޖައަކީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަ ހިފުން ކަމަށެވެ. އެއީ ގިނަ ޙަދީޘްތަކުން ދޭހަވާ ގޮތްކަމަށާއި އޭގެ ފަހުން އަންނަ ދަރަޖައަކީ ދިހަވަނަ ދުވަހު އެކަނި ރޯދަ ހިފުން ކަމަށެވެ.
ޢާޝޫރާ ދުވަހު ރޯދަ ހިފުން ފިޔަވައި، އެ ދުވަހާއި އެރޭ "ޢާޝޫރާ ދުޢާ" ގެ ނަމުގައި ވަކި ދުޢާއެއް ކުރުމާއި، އެ ރެއާއި އެ ދުވަހު ވަކި އަޅުކަންތަކެއް ކުރާކަށް ދީނުގައި ޝަރުޢުކުރައްވައިފައެއް ނެތްކަމަށާއި މުޙައްރަމް މަހަކީ، މާތް ﷲ ޙުރްމަތްތެރި ކުރައްވާފައިވާ މަހެއްކަމާއި އަދި ރަމަޟާން މަހަށްފަހު ރޯދަ ހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމު މަސްކަން ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް