ނާދީ ތަމައްދުން ވުޖޫދަށް އައީ މީގެ 79 އަހަރު ކުރިން 1945 ވަނަ އަހަރުގެ ޖުލައި 12 ވަނަ ދުވަހުއެވެ.
އާދަމް ނަޞީރު އިބްރާހިމް (2011) ބަޔާންކުރައްވައިފައިވާ ގޮތުގައި 1 ޝައުބާން 1364 ގައި ނާދީ ތަމައްދުން ހުޅުވުނީ ތަހުޒީބީ ހަރަކާތްތަކުގެ ކުލަބެއްގެ ގޮތުގައެވެ. އަދި ނަސޭހަތް ދިނުމާއި ދީނީ ތަގުރީރުތައް ދިނުމާއި އަދަބީ އެކިއެކި މުބާރާތްތައް މި ނާދީގައި ބޭއްވުނެވެ. އެ ތަނުގައި ބޭއްވުނު ތަގުރީރުތަކުގެ ކުރީގެ ރައީސް ސުއްމުވުލްއަމީރު މުޙައްމަދު އަމީން ވެސް އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.
ނާދީ ތަމައްދުންގައި ރައްޔިތުންގެ މަޖިލިސް ވެސް ހިންގިއެވެ. ފަހުން އެ ތަނުގައި ހިންގީ ކީރިތި ޤުރްއާނާބެހޭ ގައުމީ މަރުކަޒެވެ.
1953 ވަނަ އަހަރުގެ އޭޕްރީލް ހަތްވަނަ ދުވަހު ނާދީ ތަމައްދުންގައި ވަރަށް ބޮޑު ޝަރީއަތެއް ވެސް ކުރިއަށްގެންދިޔައެވެ. އެއީ ސިހުރާ ގުޅިގެން ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޝަރީއަތެވެ.
ހުވަދު އަތޮޅުގެ އަތޮޅުވެރިޔަކަށް ހުންނެވި ވީރު އަލިދީދީ އަވަހާރަކޮށްލުމުގެ ކުށުގައި އެ ޝަރީއަތަށް ހާޒިރުކޮށްފައި ތިބި މީހުންގެ ތެރޭގައި ހިމެނެނީ ގއ.ނިލަންދޫ ޙަކީމްދީދީއާއި، ގއ.ވިލިނގިލީ ދޮން އަޙްމަދުގެ ޢަލީ ތަކުރުފާނާއި، ޢައިޝާފާނާއި، ދޮންދިޔަގެ ޢަލީ ތަކުރުފާނެވެ.
ޝަރީއަތުގެ މަޖިލީހަށް ސާބިތުވި ގޮތުގައި ގއ.ވިލިނގިލީ އަނީސް، ނަމަކަށް ކިޔާ މީހަކު އެދިގެން ޙަކީމް ދީދީ ވަރަށް ވަރުގަދަ ވިހަ ހިކައެއްގައި ނުބައި ސިހުރެއް ލިޔެ, އެ ހިކަ ލައިގެން ފެންކައްކައި, އެ ފެނުގައި ސައި ހަދައިފައި ވީރު އަލިދީދީއަށް ބޯންދިނެވެ.
ޝަރީއަތުގެ މަޖިލީހުގައި ޙަކީމްދީދީ ވަނީ އެ ކަންކުރި ކަމަށް އިޢުތިރާފުވެފައެވެ.
މީގެއިތުރުން ވެސް އެ މުޖުރިމުން ވަނީ އެތަކެއް ބޮޑެތި ޖަރީމާތަކެއް ހިންގިއެވެ. މި ގުރޫޕުގެ ބޮޑަކަށް ހުރީ ޙަކީމްދީދީ ކުށަށް އިޢުތިރާފްވުމުން މަރަން ހުކުމް ކުރެވި, ހަމަ އެދުވަހު ހުޅުލެއަށް ގެންގޮސް ބަޑިޖަހައި އޭނާ މަރާލިއެވެ. މިއީ ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒު ކުރެވުނު ފަހަރުކަން ވެސް މި ފުރުސަތުގައި ފާހަގަކޮށްލަމެވެ.
ރާއްޖޭގެ ވެރިކަން ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތަށް ބަދަލުކޮށް ވެރިކަމަށް ވަޑައިގެންނެވި އޭރުގެ ބޮޑު ވަޒީރު އިބްރާހިމް ނާޞިރު, ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވީ 1968 ވަނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުގެ 00:00 ގައެވެ. އެ ރަސްމިއްޔާތު އޮތީ ނާދީ ތަމައްދުން, އޭރުގެ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. މީގެއިތުރުން އެމަނިކުފާނު ދެވަނަ ދައުރަކަށް ހުވައި ކުރެއްވީ ވެސް ހަމަ ނާދީ ތަމައްދުންގައެވެ. އެއީ 11 ނޮވްމެބަރު 1973 ވަނަ ދުވަހުގެ 00:00 ގައެވެ.
ކުރީގެ ރައީސް މައުމޫން ޢަބްދުއްގައްޔޫމް އެންމެ ފުރަތަމަ ދައުރުގައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައި ކުރެއްވީ ވެސް ނާދީ ތަމައްދުންގައެވެ. އެއީ 11 ނޮވެމްބަރު 1978 ވަނަ ދުވަހުގެ 00:00 ގައެވެ.
ނާދީ ތަމައްދުން ހުރި ތަނުގައި މިހާރު ހިންގަނީ ''އިސްރަށްވެހިންގެ ނާދީ'' އެވެ. އިސްރަށްވެހިންގެ ނާދީއަކީ ސަރުކާރުގެ ''ހަފްތާ 14'' ގެ ތެރޭގައި ހިމެނޭ އިސްރަށްވެހިންނަށް ޚާއްސަ އިޖުތިމާއީ މަރުކަޒުތަކެއް ބިނާކުރުމުގެ މަޝްރޫއުގެ ތެރެން ބިނާކުރެވުނު ފުރަތަމަ މަރުކަޒެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި, އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، އިސްރަށްވެހިންގެ ނާދީ ހުޅުވައިދެއްވީ މިދިޔަ ފެބްރުއަރީ 17 ގައެވެ.
ހަވާލާ ލިސްޓް: އާދަމް ނަޞީރު އިބްރާހިމް (2011), އަމީނީ ދައުރާއި ދިވެހި އަދަބީ ކުރިއެރުން, ޖަމާއަތުގެ ޚަބަރު ޖޫން 2017.
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް