މާލޭގައި ހިންގާ ގަރާޖުތައް ހުޅުމާލެ ބަދަލު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން 23 ޕްލޮޓަށް ހޮވިފައިވާ ފަރާތްތަކުގެ ގުރު ނަގައިފިއެވެ.
މާލޭގެ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ގަރާޖުތައް ހިންގާ ފަރާތްތަކަށް އެ މަސައްކަތަށް ބޭނުންވާނެ ބިން ކަނޑައަޅާ 23 ޕްލޮޓެއް އަރބަންކޯގެ ފަރާތުން ހުޅުވާލިއެވެ. މިކަން ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މިފަދަ މަސައްކަތް ކުރާ ތަންތަން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށް، ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދިން ކަމަށް އަރބަންކޯއިން ބުނެއެވެ.
މިގޮތުން، މިފަހަރު ހުޅުވާލެވުނު 23 ޕްލޮޓަށް 190 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ.
23 ޕްލޮޓުގެ ހައްޤުވެރިން ކަނޑައެޅުމުގައި އަރބަންކޯގެ ފަރާތުން ވަނީ، ފޯމުތަކުގައިވާ މަޢުލޫމާތުތައް ސައްހަ ކުރުމަށް ގަރާޖުތަކަށް ޒިޔާރަތްކޮށް ސާވޭއެއް ކުރިއަށް ގެންގޮސްފައެވެ.
މި ސާވޭއިން ބެލިބެލުމުގައި، ތޮށްޖެހިފައިވާ ނުވަތަ އާއްމުން ދިރިއުޅޭ ގެތަކާއި ކައިރީގައި ހިންގޭ ގަރާޖުތައް ބަލާފައިވާ ކަމަށާއި މިފަހަރު ހާއްސަކަމެއް ދީފައިވަނީ ހަތަރު ފުރޮޅުލީ ވެހިކަލްތައް ސާވިސް ކުރާ ގަރާޖުތަކަށް ކަމަށް އަރބަންކޯއިން މައުލޫމާތު ދިނެވެ.
މިފަހަރު ހުޅުވާލެވުނު ފުރުސަތުގައި ދިނުމަށް ހަމަޖެހިފައިވާ ޕްލޮޓްތަކުގެ ބޮޑުމިނުގައި 1297 އަކަފޫޓުން ފަށައިގެން 1447 އަކަފޫޓު ހުންނާނެއެވެ. އަދި މިފަހަރު ލިބުނު ތަރުހީބަށް ބަލާ، މާލޭގައި ގަރާޖުތައް ހިންގުމަށް ހުރި ދަތިތަކާއި، ހުރި ނުރައްކާތަކަށް ހައްލެއް ހޯދައިދިނުމަށް އިތުރު ޕްލޮޓުތައް ވެސް ހުޅުވާލުމަށް ހަމަޖެހިފައި ވާކަމަށް އަރބަންކޯއިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް