ކޫއްޑޫއާއި ތިނަދޫ މަސްވެރިކަމުގެ ފެސިލިޓީތައްކުގެ ސިވިލް މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ކޫއްޑޫ އަދި ގދ. ތިނަދޫގައި އަލަށް ޤާއިމްކުރާ މަސްވެރިކަމުގެ ފެސިލިޓީތަކުގެ ސިވިލް މަސައްކަތްތަކުގެ މަޝްރޫޢު މިފްކޯ އިން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔ...

12 Jul 2023 | 10:52

ގއ. ކޫއްޑޫ އަދި ގދ. ތިނަދޫގައި އަލަށް ޤާއިމްކުރާ މަސްވެރިކަމުގެ ފެސިލިޓީތަކުގެ ސިވިލް މަސައްކަތްތަކުގެ މަޝްރޫޢު މިފްކޯ އިން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ. އަދި މިފްކޯ ގެ ފަރާތުން ސޮއިކުރެއްވ،ީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިސްމާޢިލް ފަޢުޒީއެވެ.

މި އެއްބަސްވުމުގެ ދަށުން ހަތަރު މަޝްރޫޢެއްގެ މަސައްކަތް ކުރުމަށް ވަނީ ކޮންޓްރެކްޓް ކުރެވިފައެވެ.

މި ހަތަރު މަޝްރޫއުގެ ޖުމްލަ އަގަކީ 42.26 މިލިއަން ރުފިޔާއެވެ. މި ހަތަރު މަޝްރޫޢުގެ ތެރެއިން ދެ މަޝްރޫޢެއްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ތިނަދޫގައެވެ. އަދި އަނެއް ދެ މަޝްރޫޢެއްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ  ކޫއްޑޫގައެވެ.

މީގެ ތެރެއިން، ތިނަދޫގެ މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ތިނަދޫގައި މިހާރު ތަރައްޤީކުރަމުން އަންނަ އިންޑަސްޓްރިއަލްޒޯން ސަރަހައްދުގައެވެ.

އެގޮތުން ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ މިފްކޯ ސަރަހައްދުގައި ކޯލްޑް ސްޓޯރޭޖްގެ ފައުންޑޭޝަން މަސައްކަތްތަކާއ،ި ޑީސަލް ޓޭންކްގެ ފައުންޑޭޝަން މަސައްކަތްތަކާއ،ި އެއް ފަންގިފިލާގެ 4,790 އަކަފޫޓުގެ އިދާރީ އޮފީސް އިމާރާތެއް ޤާއިމުކުރުމާއ،ި އެއް ފަންގިފިލާގެ 261 އަކަފޫޓުގެ ކެމިކަލް ރައްކާކުރާ ޢިމާރާތެއް ޤާއިމުކުރުމާއ،ި އެއް ފަންގިފިލާގެ 266 އަކަފޫޓުގެ ލޮނު ރައްކާކުރާ ޢިމާރާތެއް ޤާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އަދި 3,050.363 އަކަފޫޓުގެ ސަރަޙައްދެއްގައި ރީ-އިންފޯރސްޑް ކޮންކްރީޓް ޕޭވިންގ އެޅުމުގެ މަސައްކަތްވެސް މި މަޝްރޫއުގައި ހިމެނެއެވެ.

މި ކޮންޓްރެކްޓްގެ ދަށުން ގއ. ކޫއްޑޫ ކަލަމިންޖާ ޖެޓީ ބޮޑުކުރުމަށް ކުރެވިގެންދާ މަސައްކަތުގެ ތެރޭގައ،ި 9,900 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއ،ި 222 މީޓަރުގެ ސަރަޙައްދެއްގައި ޖިއ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި ކޫއްޑޫގެ އާ ބްރައިން ފްރީޒަރ އިމާރާތުގެ ފައުންޑޭޝަން މަސައްކަތްތައް ހިމެނެއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވާ ތަރައްޤީކުރުމަށްޓަކައި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް އެމްޓީސީސީން ގެންދަނީ ކުރަމުންނެވެ. މީގެ ތެރެއިން، ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު

ތަރައްޤީކުރުމުގެ މަޝްރޫޢުގެ 99 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ.

އޯގަސްޓް މަސް ނިމުމުގެ ކުރިން މި މަޝްރޫޢުގެމަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން، މީމު މިފްކޯ ޕޯރޓް ތަރައްޤީކުރުމުގެ މަޝްރޫޢުއާއި ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްވެސް ނިންމައި އޯގަސްޓް މަސްތެރޭގާއި ސަރުކާރާއި ހަވާލުކުރުމުގެ މަސައްކަތް އެމްޓީސީސީން ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް