މަނީ ލޯންޑްރިންގެ ކުށުގައި ހުކުމްތަންފީޛް ކުރަމުންދާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބް ޢަބްދުލް ޣަފޫރު ރާއްޖެއިން ބޭރަށް ފުރުވާލީ ރައީސް ޞާލިހާ ދެކޮޅަށް ހެކިބަސްދޭނެތީ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އަދު ޕީޕީއެމް/ ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ސަރުކާރުން ހަމަ ބޭނުންވާ އިރަށް އަދީބު ފުރައިގެން ދިޔައީ ކަމަށެވެ. ނަމަވެސް ޔާމީނުގެ މައްސަލަ ފަތުއަޑު ކިޔާފައި ކުރިއަށް ގެންދާ ކަމަށެވެ.
"އަދީބު ފުރުވާ ނުލިއިފިއްޔާ އޭނަގެ ފަރާތުގަ ހުރި މައުލޫމާތުތައް އާއްމުކޮށްފާނެކަމުގެ ވާހަކަ އިބްރާހިމް މުހައްމަދު ޞާލިހާ ހަމަޔަށް ފޯރުކޮށްދިނީމަ. އެކަމަށް ބިރުން އަދީބު މި ފުރުވާލީ" އަދުރޭ ވިދާޅުވިއެވެ.
މީގެ އިތުރުން، ދަށު ކޯޓުގައި އެއްކޮށް ހިނގަމުން ދިޔަ މައްސަލައެއް ދެބައިކޮށް، އެއްބައި މަޑުޖައްސައި ކުރީގެ ރައީސް ޔާމީނުގެ ބައި ކުރއަށް ގެންދަނީ ސަރުކާރުން ރާވައިގެން، ޔާމީނުއަށް އަނިޔާދޭން ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އެބޭފުޅުން ރައީސް ޔާމީނުގެ މައްޗަށް އަދީބު ދޮގުހެކި ދިނުމުގަ ނޫނީ އިއުތިރާފުގެ އެއްބަސްވުމުގަ ހިމެނޭ ކަމެއް އެއީ އަދީބު ފުރުވާލަދިނުން. ދެން މިހާ ދުވަހަށް ލަސްވެގެން ދިޔައީމަ، އަޅުގަނޑުމެންނަށް މައުލޫމާތުލިބިފަ އޮތް ގޮތުން އަދީބު އެންމެ ފަހުން މެސެޖު ދެއްވީމޭ، ތިމަންނައަށް ދެން ފުރުސަތު ނުދީފިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާ ދެކޮޅަށް ތިމަންނަ ހެކިބަސް ދޭނަމޭ" އަދުރޭ ވިދާޅުވިއެވެ.
އަދީބު ގޮސްފައި ވަނީ އިންގަޕޫރަށެވެ. އޭނާ ފަރުވާ ހޯއްދަވަނީ ނާރުގެ ސީރިއަސް ބައްޔަކަށް ކަމަށް އޭނާ ނިސްބަތްވާ ޕާޓީ އެމްޓީޑީއިން ވަނީ ބުނެފައެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނީ، ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަ އަދީބަށް ދިނީ ރާއްޖޭގައި ހެދެން ނެތް ޓެސްޓްތަކެއް ހެދުމަށް، މެޑިކަލް ބޯޑުގެ ލަފައާއެކު ކަމަށެވެ. އަދި އަދީބު ރާއްޖެއިން ބޭރުގައި ހުންނަ މުއްދަތުގައި އެސަރވިސް އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން އަދީބު މޮނިޓަރ ކުރަމުން ގެންދާނެ ކަމަށެވެ.
ބޭސްފަރުވާއަށް އަދީބު ގޮސްފައި ވަނީ10 ދުވަހުގެ މުއްދަތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް