ދަ ޑިމޮކްރެޓްސް ރެޖިސްޓަރ ކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދަ ޑިމޮކްރެޓްސް ރެޖިސްޓަރ ކޮށްފިއެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ޕާޓީ ރަޖިސްޓަރ ކުރުމަށް ފުރިހަމަ ވާންޖެހޭ އިޖްރާއަތްތައް ފުރިހަމަ ކޮށްފައި ވާތީ، ...

12 Jul 2023 | 09:53

އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދަ ޑިމޮކްރެޓްސް ރެޖިސްޓަރ ކޮށްފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ޕާޓީ ރަޖިސްޓަރ ކުރުމަށް ފުރިހަމަ ވާންޖެހޭ އިޖްރާއަތްތައް ފުރިހަމަ ކޮށްފައި ވާތީ، ސިޔާސީ ޕާޓީގެ ދަފްތަރުގައި ދަ ޑިމޮކްރެޓްސް ހިމަނަން ފާސް ކޮށްފައިވާ ކަމަށެވެ.

" 'ދަ ޑިމޮކްރެޓްސް' ނަމުގައި، ސިޔާސީ ޕާޓީ އެއް އުފެއްދުމަށް، ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފް ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމާ ގުޅިގެން، ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކުރުމަށްޓަކައި ފުރިހަމަ ވާންޖެހޭ އިޖްރާއާތު ފުރިހަމަ ކޮށްފައިވާތީ،'ދަ ޑިމޮކްރެޓްސް' ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމަށް، މިއަދު ބޭއްވި އިލެކްޝަންސް ކޮމިޝަންގެ 793 ވަނަ ޢާންމު ޖަލްސާގައި، މެންބަރުންގެ އިއްތިފާގުން ފާސްކޮށްފި" ހަބީބު ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސް ރަޖިސްޓަރ ކުރަން ބޭނުންވާ ލިޔެކިޔުންތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ޑިމޮކްރެޓްސްގެ ޖަގަހަ ރަސްމީކޮށް ހުޅުވާފައި ވާއިރު، ޕާޓީ އުފެއްދުމަށް އިސްކޮށް ހަރަކާތްތެރި ވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސްއަށް ސޮއި ކުރައްވަން ހަމަޖެހިފައި ވަނީ މާދަމާރޭގައެވެ.

ޑިމޮކްރެޓުން ރޭ ބުނެފައިވާ ގޮތުގައި މިޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި އާޓިފިޝަލް ބީޗު ގައެވެ. އަދި މި ޖަލްސާގައި ދަ ޑިމޮކްރެޓްސްއަށް ސޮއިކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށްވެސް ޑިމޮކްރެޓްސްއިން ބުންޏެވެ.

ޑިމޮކްރެޓްސް އިން ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓަކު ނެރޭނެކަން އިޢުލާނު ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް