ނަބިއްޔަކު ބޭނުންވާ ވަރަށް މި ޤައުމު މިއޮތީ ފަސާދަވެފަ: ދިޔާނާ

ގައުމެއް މިވަރަށް ފަސާދަވެއްޖެ ނަމަ އެތަނަކަށް ދެން ބޭނުންވާނީ ނަބިއްޔެއް ކަމަށް ވިދާޅުވެ، ރާއްޖެ އެ ހާލަތަށް ގޮސްފައިވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ. ދިޔާނާ މިހެން ވި...

12 Jul 2023 | 09:42

ގައުމެއް މިވަރަށް ފަސާދަވެއްޖެ ނަމަ އެތަނަކަށް ދެން ބޭނުންވާނީ ނަބިއްޔެއް ކަމަށް ވިދާޅުވެ، ރާއްޖެ އެ ހާލަތަށް ގޮސްފައިވާ ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ދިޔާނާ މިހެން ވިދާޅުވެފައިވަނީ އިއްޔެ ކުރި ޓްވީޓެއްގައިއެވެ. އޭނާ ވަނީ ރާއްޖެ ފަސާދަވެފައިވާ މިންވަރު ހާމަކުރުމަށް ތިން ކަމެއް ފާހަގަކޮށެވެ.

އޭގެ ތެރޭގައި، ފުރަތަމަ ކަމަކަށް، އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެމައްޗަށް ދައުލަތުން އުފުލި ދައުވާ އާއި ގުޅިގެންނެވެ. އެގޮތުން އަލީގެ މައްޗަށް ކޮށްފައި އޮތް ޖިންސީ ގޯނާގެ ދައުވާތަކުގެ އަޑުއެހުމަށް ކޯޓަށް ހާޒިރު ނުވުމުން އިއްވި ޖަލު ހުކުމް ވެސް އޭނާ އިއްޔެ ރާއްޖެ ވަޑައިގެން އިރު އޮތީ ބާތިލްކޮށްފަ އެވެ. ސުޕްރީމް ކޯޓުން ބުނީ ހުކުމް ބާތިލު ކުރީ އަލީ ވަހީދު މާފަށް އެދިވަޑައިގަތުމުން ކަމަށެވެ.

މީގެ އިތުރަށް ދިޔާނާ ދެވަނަ ކަމަކަށް ފާހަގަކުރެއްވީ ހައިކޯޓުގެ ދެ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲޔާމީންގެ އިސްތިއުފާނު ހުއްޓި ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލުމުގެ ބިރު ހީވެފައިވާތީ އެކަމެވެ.

ޔާމީނުގެ އިސްތިއުނާފު މި މަސް ތެރޭގައި ނިމޭނެ ކަމަށް ކުރިން ލަފާކުރެވިފައި އޮތް ނަމަވެސް މައްސަލަ ލަސްކުރުމަށް ހައިކޯޓުގެ ފަނޑިޔާރުން ޗުއްޓީ ނަގަން ސަރުކާރުން މަޖުބޫރު ކުރުވަމުންދާ ކަމަށް އިދިކޮޅުންވެސް ބުނުފައިވެއެވެ. އަދި ރައީސް ޔާމީންގެ މައްސަލަ ލަސްކުރަނީ ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ކަމަށް ވެސް އިދިކޮޅުން ބުނެ އެވެ.

ގައުމު ފަސާދަވެފައިވާ މިންވަރު ބަޔާންކޮށް ދިޔާނާ ފާހަގަކުރެއްވި ތިންވަނަ ކަމަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅިގެން 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ، އެ މައްސަލައިގެ މޭސްތިރިޔާ ކަމަށް ބެލެވޭ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ އިއްޔެ ސަރުކާރުން ދެއްވުމެވެ.

ފުރާނައަށްނުރައްކާވާ ބައްޔަކަށް ބޭސްކުރުމަށް ކަމަށް ބުނެ ސަރުކާރުން އޭނާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދިނުމުން ރޭ ވަނީ ސިންގަޕޫރަށް ފުރާފަ އެވެ.

https://twitter.com/dhiyanasaid/status/1678714482426609664?s=46

މިފަދަ ކަންތައްތައް ފާހަގަކޮށް ދިޔަނާ ވިދާޅުވީ ރާއްޖެެއަށް ނަބިއްޔަކު ބޭނުންވާ ކަމެވެ.

"މިއީ ފަހު ޒަމާން ކަމަށް ވީމަ ދެން އޮންނާނީ ރަސޫލާ (ޞ) ގެ ރިސާލަތު ދިރުވުން. އެކަން ކުރަން މިތާނގައި ތިބި ގިނަ މީހުންވެސް ތިބީ ފަސާދަޔަށް ގެނބިނިމިފަ،" ދިޔާނާ ވިދާޅުވި އެވެ. ބެލެވޭ ގޮތުގައި ދިޔާނާ އިޝާރާތް ކުރެއްވީ ދީނީ އިލްމުވެރިން ސިޔާސީ ވެގެން އުޅޭ އުޅުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް