ވެރިކަމންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރަސްމީ އޮފީސް ހުންނަ ތަން ބަދަލު ކޮށްފިއެވެ.
އެމްޑީޕީން މިއަދު ބުނީ، އެޕާޓީގެ އޮފީސް ދެން ހިންގާނީ ގ. ނިޔުޝާގެ ދެވަނަ ފަންގިފިލާގައި ކަމަށެވެ. އެއީ ލިލީ މަގު، ޕާކިސްތާނު އެމްބަސީ ކައިރިއެވެ.
https://twitter.com/MDPSecretariat/status/1678991337998417920
ޕާޓީގެ މަސައްކަތް ހަލުވި ކުރުމަށްޓަކައި ޖާގަ ބޮޑު ތަނަކަށް ބަދަލުވީ ކަމަށް ބުނެ މައި އޮފީސް ހުންނަތަން ބަދަލު ކުރިއިރު، ކުރީގެ އޮފީސްވެސް ބޭނުން ކުރަމުން ދާނެ ކަމަށް އެމްޑީޕީއިން ބުނެއެވެ. މީގެކުރިން އެ ޕާޓީގެ އޮފީސް ހިންގާފައި ވަނީ ހ. ޝަރާޝާގައެވެ.
އެމްޑީޕީއިން ބޭނުން ކުރަމުން ދިޔަ ހަރުގެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވައި އުފެއްދި "ދަ ޑިމޮކްރެޓްސް" އިން ނަގައި ބޭނުން ކުރަން ފަށާފައި ވާއިރު، އޭގެ ފަހުން އެމްޑީޕީއިން ހަރުގެއެއް ގާއިމެއް ނުކުރެއެވެ.
އެމްޑީޕީގެ ރިޔާސީ ކެމްޕޭން މިހާރު ވަނީ ފަށާފައެވެ. އެގޮތުން އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ކެމްޕޭން ރަސްމީކޮށް ފެއްޓުމަށްޓަކައި މިދިޔަ އާދީއްތަ ދުވަހު ށ. އަތޮޅުގެ ބައެއް ރަށްރަށަށް ދަތުރު ކުރައްވާފައެވެ.
އެއްދުވަހުގެ މި ދަތުރުފުޅުގައި، ރައީސް ވަޑައިގެންނެވީ ށ. ފޯކައިދޫ، ކޮމަންޑޫ، މަރޮށި އަދި ނޫމަރާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް