ރަށްވެހި ޗެލެންޖް އަޟްޙާ ކަޕް 1443 ގެ ދެވަނަ ބުރުގެ ކުޅުމުގައި ފުރަތަމަ ކުޅުނު ދެ މެޗު ކާމިޔާބުކޮށް އެން.ވައި.ޖީ އާއި ފަހުލަވާނުން ފެށުން ރަނގަޅުކޮށްފިއެވެ.
މުބާރާތުގައި ދެވަނަ ބުރުގެ ފުރަތަމަ މެޗްގައި ގްރޫޕް 1 ގައި ހިމެނޭ އެން.ވައި.ޖީ އާއި އެސް.ޖީ.ސީ ބައްދަލުކުރި މެޗް ހައިރާން ކުރުވަނިވި ނަތީޖާއަކުން ކާމިޔާބުކުރީ އެން.ވައި.ޖީ އެވެ. މިމެޗް އެން.ވައި.ޖީ ކާމިޔާބު ކުރީ 4 ލަނޑު 1 ލަނޑުންނެވެ.
އެން.ވައި.ޖީއަށް ގޯލްތައް ކާމިޔާބުކޮށްދިނީ ކެޕްޓަން ޢަބްދުލް ޢަޒީޒުއާއި ޢަބްދުލް ޖަލީލު ޢަބްދުއްރައްޒާޤު (ތާބޯ) އާއި ޖަމްޝީދު (ކުޑަ ޖަމްބޯ)އެވެ. ޢަޒީޒުވަނީ މިމެޗުގައި ވެސް ދެ ގޯލް ކާމިޔާބުކޮށް މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައެވެ. އެސް.ޖީ.ސީގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ މުޙައްމަދު ނަދީހު (ކަދުރޭ)އެވެ.
ދެވަނަ މެޗްގައި ގްރޫޕް 2 ގައި ހިމެނޭ ބިލެތްދޫ ކަނބުލޮ އެސް.ސީއާއި ވާދަކޮށް ފަސޭހަކަމާއެކު 5 ލަނޑު 1 ލަނޑުން މެޗް ކާމިޔާބުކުރީ ފަހުލަވާނެވެ. ފަހުލަވާނު ޓީމުގައި ހިމެނޭ އެންމެ މުހިންމު ކުޅުންތެރިޔާ ރިޟްވާނު ވަޙީދު (ރިލޭ) ނުލައި ކުޅުނު މެޗްގައި ފަހުލަވާނުގެ ގޯލްތައް ކާމިޔާބުކޮށްދިނީ އަޙުމަދު ނަބީލް (ނައްބަ) އާއި މުޙައްމަދު ނާފިޢު އަޙުމަދު (ޝައި) އާއި އާހިލް މުޙައްމަދު (އާއްކޮ) އެވެ.
މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ނަބީލް ވަނީ ދެ ގޯލް ކާމިޔާބުކޮށްދީފައެވެ.
ބުދަދުވަހުގެ ރޭ ވެސް ދެވަނަ ބުރުގެ 2 މެޗެއްކުޅުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި ގްރޫޕް 1 ގައި ހިމެނޭ އެން.ވައި.ޖީ އާއި ކޭ.އެފް.ސީ ބައްދަލުކުރާއިރު، ދެވަނަ މެޗްގައި ވާދަކުރާނީ ގްރޫޕް 2 ގައި ހިމެނޭ ފަހުލަވާނާއި ރޭވަންސްއެވެ.
ފ. ނިލަންދޫ ރަށްވެހި ގްރޫޕާއި ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫ ގުޅިގެން ފ. އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި މުބާރާތަކީ ޗެމްޕިއަން ޓީމަށް ފަނަރަހާސް ރުފިޔާގެ ފައިސާގެ ޢިނާމެއް ހުށަހަޅައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައިމަހު 15 ވަނަ ދުވަހު ހަވީރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް