ރަށްވެހި ޗެލެންޖް އަޟްޙާ ކަޕް 1443 ގެ 4 ވަނަ ދުވަހުގެ މެޗްތަކާއެކު މުބާރާތުގެ ގްރޫޕް ސްޓެޖްގެ މެޗްތައް ނިމި ދެ ވަނަ ބުރަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެއެވެ.
ގްރޫޕް 1 އިން ދެވަނަ ބުރަށް ދަތުރުކުރީ ނިލަންދޫ ޔަންގް ޖެނެރޭޝަން (އެން.ވައި.ޖީ) އާއި ބިލެތްދޫ ކަނބުލޮ އެފްސީއެވެ. ވާދަވެރިކަން ބޮޑުވި ގްރޫޕް 2 އިން ދެވަނަ ބުރަށް ދަތުރު ކުރީ ގްރޫޕްގައި ހިމެނުނު ނިލަންދޫ ދެ ޓީމުކަމަށްވާ ފަހުލަވާނާއި އެސް.ޖީ.ސީއެވެ. ގްރޫޕް 3 އިން ކޭ.އެފް.ސީ އާއި ރޭވަންސްއެވެ.
ހޯމަ ދުވަހު ހަވީރު ކުޅެވުނު ފުރަތަމަ މެޗްގައި ގްރޫޕް 2 ގައި ހިމެނޭ ފަހުލަވާނާއި ދަރަނބޫދޫ އެޑް ބައްދަލު ކުރި މެޗް ފަސޭހަ ކަމާއެކު 6 ލަނޑު 0 ލަނޑުން ކާމިޔާބުކޮށް ގްރޫޕްގެ އެއް ވަނަ ހަތް ޕޮއިންޓާއެކު ހޯދީ ފަހުލަވާނެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފަހުލަވާނުގެ މުޙައްމަދު ނާފިއު އަޙުމަދުއެވެ.
ހަވީރު ކުޅެވުނު ދެވަނަ މެޗްގައި ގްރޫޕް 1 ގައި ހިމެނޭ އަހަރެމެން އެފް.ސީއާއި ބިލެތްދޫ ކަނބުލޮ ވާދަކުރި މެޗް 7 ލަނޑު 0 ލަނޑުން ކާމިޔާބު ކުރީ ކަނބުލޮއެވެ. މިނަތީޖާއާއިއެކު މިގްރޫޕްގައި ހިމެނޭ އެން.ވައި.ޖީ ފިޔަވައި އަނެއް ތިން ޓީމަށްވެސް ތިން ޕޮއިންޓް ލިބި ގްރޫޕްގެ ފަހު މެޗުގެ ނަތީޖާއަށް ޓީމުތައް އިންތިޒާރުކުރަން ޖެހުނީއެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަނބުލޮއަށް 4 ގޯލް ކާމިޔާބުކޮށްދިން ޒީދާން ޒުހުރީއެވެ.
ރޭގަނޑުގެ ފުރަތަމަ މެޗްގައި ގްރޫޕް 3 ގައި ހިމެނޭ ޑީ އެންޑް ޑީ އާއި ކޭ.އެފް.ސީ ވާދަކުރި މެޗް 6 ލަނޑު 1 ލަނޑުން ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ހޯދީ ކުޅުނު ދެ މެޗްވެސް ކާމިޔާބުކުރި ކޭ.އެފް.ސީއެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗްގައި ހެޓްރިކެއް ހެދި ކޭއެފްސީގެ ޢަލީ ސާމީ (ޝެގީ)އެވެ.
ރޭގަނޑު ކުޅެވުނު ދެ ވަނަ މެޗްގައި ގްރޫޕް 1 ގައި ހިމެނޭ އެން.ވައި.ޖީ އާއި މަގޫދޫ ޖުވެނައިލް ބައްދަލު ކުރިމެޗަށް ނުކުތްއިރު މެޗް އެއްވަރުކޮށްލައިގެން ދެ ވަނަ ބުރަށް ދިއުމުގެ ފުރުޞަތު ޖުވެނައިލް އަށް އޮތް ނަމަވެސް ވާދަވެރި ކުޅުމަކަށްފަހު މެޗް ނިމިގެން ދިޔައީ 2 ލަނޑު 1 ލަނޑުން އެން.ވައި.ޖީ މޮޅުވެގެންނެވެ.
މިނަތީޖާއާއިއެކު އެން.ވައި.ޖީގެ ފަހަތުން މިގްރޫޕުން ދެވަނަ ޓީމުގެ ޖާގަ ލިބުނީ ބިލެތްދޫ ކަނބުލޮއަށެވެ. މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެން.ވައި.ޖީއަށް 2 ލަނޑުވެސް ކާމިޔާބުކޮށްދިން ޢަބްދުލް ޢަޒީޒު އިބްރާހިމްއެވެ.
ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި ގްރޫޕް 2 ގައި ހިމެނޭ ދަރަނބޫދޫ ބީސީއާއި. އެސް.ޖީ.ސީ މެޗަށް ނުކުތްއިރުވެސް ބީސީއަށް އެއްވަރުކޮށްލައިގެންވެސް ދެ ވަނަ ބުރަށް ދެވެން އޮތް އިރު އެސް.ޖީ.ސީއަށް އޮތް ހަމަ އެކަނި ފުރުޞަތަކީ މެޗުން މޮޅުވުމެވެ.
ބީސީ ކުރިން ކުޅުނު ދެ މެޗުން އެއް މެޗް ކާމިޔާބުކޮށް އަނެއް މެޗުން ބަލިވެފައި އޮތް ނަމަވެސް އެސް.ޖީ.ސީ އޮތީ ބޮޑު ޕްރެޝަރެއްގައެވެ. އެއީ ފުރަތަމަ ކުޅުނު މެޗުން ބަލިވެ ދެވަނަ މެޗުން އެއްވަރުވުމާއެކު އެންމެ ޕޮއިންޓެއް ލިބިފައިވާތީއެވެ. މެޗު ފަށައިގެން އެސް.ޖީ.ސީން ކުރިއަށްޖެހި މެޗު ކާމިޔާބުކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ތަފާތަކަށްވީ ދެ ވަނަ މެޗާ ހަމައިން އެޓީމާއި ގުޅުނު އަޙުމަދު ޙަލީމު (ލާމު އައްމަޑޭ) އެވެ. 4 ލަނޑު 0 ލަނޑުން އެސް.ޖީ.ސީ މެޗް ކާމިޔާބުކޮށް ގްރޫޕްގެ ދެވަނަ ޓީމު ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރިއިރު އައްމަޑޭ ވަނީ މެޗްގައި ހެޓްރިކެއް ހަދާ މޮޅުކުޅުންތެރިއާގެ މަޤާމު ވެސް ހޯދާފައެވެ.
އަންގާރަ ދުވަހުގެ ރޭއިން ފެށިގެން ދެ ވަނަ ބުރުގެ ކުޅުން ކުރިއަށްދާއިރު ދެ ވަނަ ބުރަށް ދަތުރު ކުރި 6 ޓީމު ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ.
އެގޮތުން ގްރޫޕް އޭގައި ހިމެނެނީ ގްރޫޕް 1 އިން އެއްވަނަ ހޯދި އެން.ވައި.ޖީ އާއި ގްރޫޕް 2 ގެ ދެ ވަނަ ހޯދި އެސް.ޖީ.ސީއާއި ގްރޫޕް 3 ގެ އެއް ވަނަ ހޯދި ކޭ.އެފް.ސީއެވެ. ގްރޫޕް ބީގައި ހިމެނެނީ ގްރޫޕް 2 އިން އެއް ވަނަ ހޯދި ފަހުލަވާނާއި ގްރޫޕް 1 ގެ ދެ ވަނަ ހޯދި ކަނބުލޮއާއި ގްރޫޕް 3 ގެ ދެ ވަނަ ހޯދި ރޭވަންސްއެވެ.
މުބާރާތުގެ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕެއްގައި ވެސް ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކުރުމަށްފަހު ދެ ގުރޫޕުން ވެސް އެއްވަނަ ހޯދާ ދެޓީމެވެ.
މިމުބާރާތަކީ ރަށްވެހި ގްރޫޕާއި ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫ ގުޅިގެން ފ.އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ. ޗެމްޕިއަން ޓީމަށް ފަނަރަހާސް ރުފިޔާގެ ފައިސާގެ ޢިނާމެއް ހުށަހަޅައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި ޖުމުލަ 11 ޓީމަކުންވަނީ ބައިވެރިވެފައެވެ. އެއީ ނިލަންދޫގެ 7 ޓީމެއްގެ އިތުރުން ދަރަނބޫދޫ 2 ޓީމަކާއި މަގޫދޫ އަދި ބިލެތްދޫން ބައިވެރިވި ޓީމެކެވެ.
މުބާރާތުގައި ބައިވެރިވި 11 ޓީމު 3 ގްރޫޕަކަށް ބަހާލައިގެން ޢީދުވިލޭރޭ ފެށިގެން ދިޔަ މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައިމަހު 15 ވަނަ ދުވަހު ހަވީރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް