ކޮންމެ ދުވަހެއްވެސް ފެށުމުގެ ގޮތުން ރަނގަޅު ފައިދާ ހުރި ކާނާގެ ބާވަތްތައް ހިމަނައިގެން ހެނދުނުގެ ނާސްތާކުރުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ.
އެހެނީ ހެނދުނުގެ ނާސްތާއިން ހަށިގަނޑުގެ ނިޒާމުތައް ހަލުވިކަމާއެކު ކުރިއަށް ދާން ބާރުއަޅައެވެ. ރަނގަޅު ނާސްތާއަކުން ދުވަސް ފެށުމާއެކު، ހަށިގަނޑަށް ބޭނުންވާ ހަކަތަ ފޯރުކޮށްދީ، ކުރަން ޖެހޭ މަސައްކަތްތަކަށް ސަމާލުކަން ދެވޭ މިންވަރު އިތުރުކޮށް އެކަންކަން ފުރިހަމައަށް ނިންމުމުގައިވެސް ހެނދުނުގެ ނާސްތާ މުހިންމު ދައުރެއް އަދާ ކުރެއެވެ. މިއީ ހެނދުނުގެ ނާސްތާއަކީ ދުވަހުގެ އެންމެ މުހިންމު ކެއުމެވެ.
ގިނަ ދިރާސާތަކުން ދައްކައިފައިވާ ގޮތުން ހެނދުނުގެ ނާސްތާ އެންމެ އެކަށީގެންވާ ގޮތަށް ކެއުގެ ސަބަބުން ހަނދާން ހުންނަ މިންވަރު ގަދަ ކޮށްދިނުމާއި ކަންކަމަށް ފުރިހަމައަށް ސަމާލުކަން ދިނުމަށް ފަސޭހަވެގެން ދެއެވެ. އެހެނީ ރަނގަޅު ނާސްތާއެއްގެ ސަބަބުން ކޮލެސްޓްރޯލް، ހަކުރުބަލި އަދި ހިތުގެ ބަލިތައް ޖެހުމުން ދުރުކޮށްދެއެވެ.
ކަން މިހެން ދުރި ނަމަވެސް ގިނަމީހުންގެ އާދަކާދަ ހުންނަ ގޮތުން ދުވަހުގެ ފެށުން ހެނދުނުގެ ނާސްތާއާއި ނުލާ ފަށައިގަނެއެވެ. އެއްވެސް ސަމާލުކަމެއް ދިނުމެއް ނެތިއެވެ. ހަޤީޤަތުގައި އެއީ ވަރަށް ނުރައްކާތެރިކަމެކެވެ. ހެނދުނުގެ ފުރަތަމަ ކަމަކަށް ރަނގަޅު ނާސްތާއެއް ނުހަދައިފި ނަމަ ގޭސްޓްރިކް ފަދަ އުނދަގޫތަކާއި ކުރިމަތިވެއެވެ.
އަހަރެމެންގެ އާދަކާދަ ހުންނަގޮތުން މިހާރު ހެނދުނުގެ ނާސްތާއަށް އާންމުކޮށް ބޭނުން ކުރާ ބާވަތްތަކުގެ ތެރޭގައި ހަވާދުގެ ބާވަތްތަކާއި ހަށިގަނޑަށް ގެއްލުންހުރި ބާވަތްތައް ބޭނުންކުރަމުން އާދެއެވެ. މިއީ ހެނދުނުގެ ނާސްތާއަށް އެއްގޮތަކަށްވެސް ރަނގަޅު ބާވަތްތަކެއް ނޫނެވެ. މިފަދަ ބާވަތްތަކުން ދުރުވާން އެބަޖެހެއެވެ. ސަބަބަކީ ހެނދުނުގެ ނާސްތާ ކުރާ ވަގުތަކީ ހަށިގަނޑު ވަކި ވައްތަރެއްގެ ކާނާއަކަށް ބޭނުންވާ ވަގުތެކެވެ. މިގޮތުން ހަކަތަ ލިއްބައިދޭ ފައިދާހުރި މާއްދާތައް އެކުލެވޭ ކާނާ ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ހެނދުނުގެ ނާސްތާގައި ހިމަނަން އެންމެ ރަނގަޅު ތަކެތީގެ ތެރޭގައި ބިސް، ޕާން، ސީރިއަލް ނުވަތަ ކޯން ފްލޭކްސް، އޯޓް މީލް، ޕީނަޓް ބަޓަރ، މޭވާ، ޔޯގަޓް ފަދަ ތަކެތި ހިމެނެއެވެ. މިއީ އެތަކެތީގައި ގިނަ އަދަދަކަށް ޕްރޮޓީން، ފައިބަރ ފަދަ މުހިންމު މާއްދާތައް އެކުލެވޭ ތަކެއްޗަށް ވާތީއެވެ. ބުއިމުގެ ގޮތުން ހަކުރު ނާޅާ ތާޒާ މޭވޭގެ ޖޫސް، ސްމޫތީ، ރޯކިރު، ކޮފީ ފަދަ ތަކެތި ބޭނުންކުރުންވެސް އެންމެ ރަނގަޅެވެ.
ހެނދުނުގެ ނާސްތާގައި ހަކުރު ބޭނުން ކުރާ މިނަވަރު މަދުކުރުމުގެ އިތުރުން ސޮސެޖް، ޗީޒް، ފަދަ ތަކެތި އެކުލެވޭ ބާވަތްތައް ހެނދުނުގެ ނާސްތާގައި ހިމެނުން ރަނގަޅެއް ނޫނެނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް