ޓީޗަރުންނަށް އޮންލައިންކޮށް ކިޔަވައިދުނުމުގެ ތަމްރީނުތަކެއް އެންއައިއީން ކުރިއަށް ގެންދަނީ

ނޭޝަނަލް އިންސްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ ފަރާތުން ރާއްޖޭގައި މަސައްކަތްކުރާ ޓީޗަރުންނަށް އޮންލައިންކޮށް ކިޔަވައިދުނުމުގެ ތަމްރީނުތަކެއް ކުރިޔަށް ގެންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބ...

12 Jul 2021 | 08:51

ނޭޝަނަލް އިންސްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ ފަރާތުން ރާއްޖޭގައި މަސައްކަތްކުރާ ޓީޗަރުންނަށް އޮންލައިންކޮށް ކިޔަވައިދުނުމުގެ ތަމްރީނުތަކެއް ކުރިޔަށް ގެންދާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ޓީވީއެމް އިން ހޮނިހިރު ދުވަހުގެ ރޭ ގެނެސްދިން "ދިލާސާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ އޮންލައިންކޮށް ކިޔަވައިދިނުމާ ގުޅޭގޮތުން ޓީޗަރުން ތަމްރީނުކުރުމުގެ ގޮތުން ޔުނެސްކޯގެ މަހާތުމާ ގާންދީ އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން ފޯރ ޕީސް އެންޑް ސަސްޓެއިނަބަލް ޑިވެލޮޕްމަންޓާ ގުޅިގެން ރާއްޖޭގެ 1,000 ޓީޗަރުން ތަމްރީނުކުރަން ފެށިފައިވާކަމަށެވެ.

މި ތަމްރީނުގެ ފުރަތަމަ ބުރުގައި 200 ޓީޗަރުންގެ ބެޗުގެ ތަމްރީނު މިހާރު ކުރިޔަށްދާކަމަށްވެސް ސްޓޭޓް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖޭގެ ހުރިހާ ސްކޫލްތަކަކަށްވެސް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމަށާއި، މި ފުރުސަތު ލިބިގެންދާނީ އެސްކޫލެއްގައި ޓީޗަރުން ތިބި ނިސްބަތަކުންކަމަށްވެސް ސްޓޭޓް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ސްޓޭޓް މިނިސްޓަރު އިތުރަށް ވިދާޅުވީ ޑިޖިޓަލް ޓީޗާރ ކޯސް ނިންމާ ޓީޗަރުން އެ ސްކޫލެއްގައި މަސައްކަތްކުރާ އެހެން ޓީޗަރުންނަށްވެސް އެ މައުލޫމާތުތައް ހިއްސާކުރާނެކަމަށެވެ.

މީގެ އިތުރުން އެންއައިއީއިންވެސް ތައްޔާރުކޮށްގެން ހާއްސަ ޕްރޮގްރާމެއް ކުރިޔަށް ގެންދަމުންދާކަމަށް ސްޓޭޓް މިނިސްޓަރުވަނީ ވިދާޅުވެފައެވެ. އެގޮތުން މި ޕްރޮގްރާމްގައި ދަރިވަރުންނަށް އޮންލައިންކޮށް ކިޔަވައިދިނުމުގައި ބޭނުންކުރެވޭނެ ތަފާތު ވަސީލަތްތަކުގެ މައުލޫމާތު ދެވިގެންދާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19ގެ ސަބަބުން މާލޭގައި ނިމިދިޔަ ދިރާސީ އަހަރުގެ ބޮޑުބައެއްގެ ކިޔެވުން ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް