ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ޤާނޫނަށް ގެނައި އިސްލާހަށް އަމަލު ކުރަން ފެށިނަމަވެސް ފަތުރުވެރިން އަންނަ އަދަދަށް އަސރު ނުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ޓީވީ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، ޑިވެލޮޕްމަންޓް ފީ ނެގުމާއި ޑިޕާޗަރ ޓެކްސް ނެގުމަކީ އައު ކޮންސެޕްޓެއް ނޫން ކަމަށާއި މިއީ ހަމައެކަނި ރާއްޖެއިން ނަގާ އެއްޗެއް ނޫން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ޓެކުހާއި ފީ ނަގަމުން އަންނަ ކަމަށެވެ.
މައުސޫމް ވިދާޅުވީ ރާއްޖެއަކީ މިހާރު އަޕް މާކެޓް ޑެސްޓިނޭޝަނެއް ކަމަށާ ރާއްޖެ އަންނަ ގިނަ ފަތުރުވެރިންނަށް މި އަދަދުތަކަކީ މާބޮޑު އެއްޗަކަށް ނުވާނެ ކަމަށެވެ.
އެއަރޕޯޓް ޓެކުހުގެ ގޮތުގައި އިކޮނޮމިކް ކްލާހުން ދަތުރު ކުރާ ދިވެހިންގެ އަތުން 12 ޑޮލަރު ނަގާއިރު، ބިދޭސީއެއްގެ އަތުން 30 ޑޮލަރު ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު ނެގުމަށް ނިންމާފައިވާއިރު، ފަސްޓް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު ނެގުމަށް ހުށައެޅި އިސްލާހުގައި ވެއެވެ. އަދި މީގެއިތުރުން ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު ނެގުމަށް ވެސް އިސްލާހުގައި ވެއެވެ.
އިސްލާހުގައިވާ ގޮތުން އެއަރޕޯޓް ޓެކުހުގެ ގޮތުގައި، ފުރާ ކޮންމެ މީހެއްގެ އަތުން ޓެކުހެއް ނެގުމުގެ އިތުރަށް އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖުގެ ގޮތުގައި ވެސް ހަމަ އެ އަދަދުތަކުން ފީ ނެގުމަށް ވަނީ ހިމަނާފައެވެ.
އެހެންކަމުން، އެއަރޕޯޓުން އިކޮނޮމިކް ކްލާހުން ފުރާ ކޮންމެ ދިވެއްސެއްގެ އަތުން ޖުމުލަ 24 ޑޮލަރު ނެގޭއިރު ބިދޭސީއެއްގެ އަތުން ޖުމުލަ 60 ޑޮލަރު ނެގޭނެ އެވެ. އަދި ބިޒްނަސް ކްލާހުން ދަތުރުކުރާ ކޮންމެ މީހަކު 120 ޑޮލަރު، ފަސްޓް ކްލާހުން ދަތުރުކުރާ ކޮންމެ މީހަކު 180 ޑޮލަރު އަދި ޕްރައިވެޓް ޖެޓުން ދަތުރުކުރާ ކޮންމެ މީހަކު 240 ޑޮލަރު އެއަރޕޯޓް ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައްކަން ޖެހެއެވެ.
އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި، ވައިގެ މަގުން ރާއްޖެއިން ބޭރަށް ފުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރު ނަގައެވެ. އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ވެސް ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ބިދޭސީއެއްގެ އަތުން 25 ޑޮލަރު ނަގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް