ވެޓެރަންސް ކަޕްގައި މިދިޔަ ހުކުރު ދުވަހު މާޒިޔާ އާއި މާލޭ ވެޓެރަންސް ބައްދަލުކުރި މެޗުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ބައިވެރިވި ކުޅުންތެރިންނަށް އަދަބު އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީން އަދަބުދީފި އެވެ.
މިމުބާރާތުގައި މާޒިޔާއާއި މާލޭ ވެޓެރަންސް ބައްދަލުކުރި މެޗު ނިމެން ދެމިނެޓަށް ވެފައި ވަނިކޮށް ހުއްޓާލިއިރު، 2-0 ލަނޑުން ކުރީގައި އޮތީ މާޒިޔާ އެވެ.
މާޒިޔާއާއި މާލޭ ވެޓެރަންސް ބައްދަލުކުރި މެޗު ނިމެނިކޮށް ހިނގި ފައުލަކާ ގުޅިގެން މާޒިޔާ ކީޕަރު މުހައްމަދު ޝިނާން (ނާނީ) އިދިކޮޅު ޓީމުގެ ކުޅުންތެރިއަކަށް ފައިން ހަމަލާ ދީފައިވާތީވެ، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއިން މި މައްސަލަ ބެލުމަށްފަހު ނިންމީ އޭނާ ފަސް މެޗަށް ސަސްޕެންޑްކޮށް 5000ރ އިން ޖޫރިމަނާ ކުރުމަށެވެ. އަދި އެ ފައުލާ ގުޅިގެން މާޒިޔާ އޮފިޝަލުންނާއި ސަޕޯޓަރުން ދަނޑަށް އަރައިގެން ހިނގި ހަމަނުޖެހުމުގައި ބައިވެރިވުމުން އެކްލަބް ވެސް ވަނީ 8000ރ އިން ޖޫރިމަނާ ކޮށްފައެވެ.
އޭގެ އިތުރުން މެޗުގެ 10 ވަނަ މިނިޓްގައި ރެފްރީގެ އިޒުނައަކާ ނުލައި މާޒިޔާގެ ބެންޗުން އެޓީމުގެ އޮފިޝަލް ހުސެއިން ޝާފިއުއާއި ކުޅުންތެރިޔާ އިބްރާހިމް ޝާފިއު ދަނޑަށް އެރުމުން ވަނީ އަދަބު ދީފަ އެވެ. ހުސެއިން ޝާފިއު 4000ރ އިން ޖޫރިމަނާކޮށް ހަތަރު މެޗަށް ސަސްޕެންޑް ކުރިއިރު، އިބްރާހިމް ޝާފިއު ވަނީ 4000ރ އިން ޖޫރިމަނާކޮށް ދެ މެޗަށް ސަސްޕެންޑްކޮށްފަ އެވެ.
މާޒިޔާ ކުޅުންތެރިންނަށާއި އެ ޓީމަށް ދިން އަދަބާ މެދު ހިތްހަމަ ނުޖެހޭނަމަ އިސްތިއުނާފް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އަދި މި މުބާރާތުގައި ދެން މާޒިޔާގެ ފަރާތުން ފުޓްބޯޅައިގެ ގަވާއިދުތަކާ ހިލާފުކަމެއް ފެނިއްޖެނަމަ އެންމެ ހަރުކަށި އަދަބު ދޭނެ ކަމަށް ވެސް އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީ އިން ވަނީ އަންގައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް