ފުވައްމުލަކުގައި ކުޑަކުދިންތަކެއް ބްލެކްމެއިލްކޮށް އެކުދިންނަށް މަސްތުވާތަކެތިދީ އެކުދިން ލައްވައި ހަށި ވިއްކުވި މައްސަލައާއި ގުޅިގެން އިތުރު އަންހެނަކާއި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި މި ދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކުރީ މެންދުރު ފަހު 3:15 ހާއިރު ކަމަށާއި އަދި އަނެކަކު ހައްޔަރުކުރީ އިރުއޮއްސެން އުޅެނިކޮށް ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
މިއަދު ހެނދުނުގެ ވަގުތެއްގައި 24 އަހަރުގެ މީހަކުވެސް މި މައްސަލައިގާ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 24 އަހަރުގެ މީހާ އަކީ ތަފާތު އެކިއެކި ކަންކަމާއި ގުޅިގެން 18 ފަހަރު ހުއްޓުވާ ސުވާލުކޮށް ނުވަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ދެ ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ. އަދި އޭނާ އަކީ ގަސްތުގައި މީހުންގެ މުދަލަށް ގެއްލުންދިނުމުގެ މައްސަލައަކާއި ހަތިޔާރު ބޭނުން ކޮށްގެން ފައިސާ ފޭރުމުގެ މައްސަލައެއްގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
މީގެ އިތުރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 25 އަހަރުގެ މީހާއަކީ ތަފާތު އެކިއެކި ކަންކަމާއި ގުޅިގެން ތިން ފަހަރު ހުއްޓުވާ ސުވާލުކޮށް ހަތަރު ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ދެ ފަހަރު ހައްޔަރުކޮށްފައިވާ މީހެކެވެ. ހަމަ އެހެންމެ އޭނާ ގެ މައްޗަށް ތުޙުމަތު ކުރެވޭ ދެ މައްސަލައެއްގެ ތަޙުޤީޤު ނިންމާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައިވާއިރު އަދި އޭނާ އަކީ ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގުމުގެ މައްސަލައަކާއި ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
މިއަދު ހައްޔަރު ކުރި ތިން މީހުން ގެ ތެރެއިން 21 އަހަރުގެ މީހާ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިޔަށް ގެންދިއުމަށް 10 ދުވަސް ދީފައިވާއިރު މިއަދު ހައްޔަރު ކުރި 24 އަހަރުގެ މީހާއާއި 25 އަހަރުގެ މީހާ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަޙުޤީޤު ކުރިޔަށް ގެންދިއުމަށް 15 ދުވަސް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ދީފައިވާކަމަށްވެސް ފުލުހުން ހާމަ ކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް