ޕަބްލިކް ސާވިސް މީޑިއާ(ޕީއެސްއެމް)ގައި މަސައްކަތްކުރާ އިސްވެރިއަކު ކުންފުނީގެ މުވައްޒަފަކަށް ޖިންސީގޯނާ ކުރި މައްސަލައިގާ އެންމެ އަދުލުވެރި ފިޔަވަޅު އަޅާފައިވާނެ ކަމަށް ޕީއެސްއެމް އިން ބުނެފި އެވެ.
ޕީއެސްއެމް އިން މިހެން ބުނެފައިވަނީ އެއަމަލު ހިންގި ފަރާތާމެދު އެއްވެސް ފިޔަވަޅެއް ނާޅައި ދޫކޮށްލާފައިވާކަމަށް ބައެއް މީޑިއާތަކުން ފަތުރާފައިވާތީ އެކަން ދޮގުކޮށް ނެރުނު ނޫސްބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން ހުށައެޅުނު ޝަކުވާއަކާގުޅިގެން، ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އެކުންފުނިން އުފައްދާފައިވާ ކޮމިޓީއަކުން އެމައްސަލައިގެ މިނިވަން ތަހްޤީގެއް ކުރިއަށްގެންގޮސް، ލިބިފައިވާ ހެކިތަކާ ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް ކޮމިޓީން އެޅެންއޮތް އެންމެ އަދުލުވެރި ގޮތުގައި ފިޔަވަޅު އަޅައި، އެފަރާތަށް އަދަބު ދީފައިވަކަމަށެވެ. އަދި ޕަބްލިކް ސަރވިސް މީޑިއާގެ ޝަކުވާ ބަލާ ކޮމިޓީއަކީ ކުންފުނީގެ އެއްވެސް މަސްއޫލުވެރި ފަރާތެއްގެ އަމުރު ނުހިނގާ، މިނިވަންކަމާއެކު މައްސަލަ ބަލައިގަނެ، ތަހްޤީގުކޮށް ފިޔަވަޅުއެޅުމުގެ ބާރު ލިބިގެންވާ ކޮމިޓީއެއް ކަމަށެވެ.
ޕީ.އެސް.އެމްގެ ބަޔާނުގައި ބުނެފައިވަނީ މިމައްސަލައިގައި އެކޮމީޓީން ނިންމި ގޮތާމެދު މައްސަލަ ހުށައެޅި ފަރާތުން ހިތްހަމަ ނުޖެހޭނަމަ، އެ މައްސަލައާއިގެން ޝަރުޢީ އެހެން މަރުހަލާތަކަށް ދިއުމުގެ ފުރުސަތު އޮއްވައި، މައްސަލަ ހުށައެޅި ފަރާތުންނާއި ރާއްޖޭގެ ބައެއް މީޑިއާތަކުން ޕަބްލިކް ސަރވިސް މީޑިއާ ބަދުނާމުވާގޮތަށް ވަރަށް ހަސަދަވެރި ނިޔަތެއްގައި ދޮގު ޚަބަރު ފަތުރާފައިވާތީ އެކަމާ ހިތާމަކުރާކަމަށެވެ. އަދި މި ދޮގު ޚަބަރާ ގުޅިގެން އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ޝަރުޢީ މަރުހަލާ މެދުވެރިކޮށް ހޯދުމަށް، މައްސަލަ ހުށައަޅާނެކަމަށްވެސް އެބަޔާނުގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް