އިންތިޒާރު - 20 ވަނަބައި

"ނޭނގެ ވީގޮތެއްވެސް...." ނާހިދާ ހާސްވެފައި ކިޔާދޭންފެށިއެވެ. "އަހަރެންވެސް ނިޒާމް ހޯދަން ބޭރަށް ނިކުނިކުތް ގަޑީގައި އޭނާ މާބަރަށް ހަޅޭލަވައިގަތް އަޑު އިވުނީ... ހީވަނީ ކޮންމެވެސް ބޮޑު ކަމެއްވެއްޖެހެން....

12 Jul 2015 | 10:52

"ނޭނގެ ވީގޮތެއްވެސް...." ނާހިދާ ހާސްވެފައި ކިޔާދޭންފެށިއެވެ. "އަހަރެންވެސް ނިޒާމް ހޯދަން ބޭރަށް ނިކުނިކުތް ގަޑީގައި އޭނާ މާބަރަށް ހަޅޭލަވައިގަތް އަޑު އިވުނީ... ހީވަނީ ކޮންމެވެސް ބޮޑު ކަމެއްވެއްޖެހެން... ނިޒާމޫ... އެމަންޖެއަށް ކިހިނެއްތަ އެވަނީ" ނާހިދާ ހާސްވެފައި ހުރިވަރުން އޭނާ ބޭރަށް ނިޒާމް ހޯދަން ނިކުތް ނިކުތުން ހަނދާން ނެތުނު ކަހަލައެވެ.

"ކޮބާތަ ކޮޓަރި ތަޅުދަނޑިި؟" ނިޒާމް ހާސްވެފައި އެހިއެވެ. "އަހަރެން އަންނާނަން ތަޅުދަނޑި ހިފައިގެން" ނިޒާމް ބާރު ސްޕީޑުގައި އޭނާގެ ކޮޓަރިއަށް ވަނެވެ.

ޝާނީ ގިސްލާ ރޯއަޑު ކަނޑައިގެނެއް ނުދެއެވެ. ނާހިދާގެ ހާސްކަން އިންތިހާއަށް ހުރީ އިތުރުވެފައެވެ.

ޝާނީއަށް ގިސްލެވެނީއެވެ. އޭނާގެ ހަށިގަނޑުގައި ތުރުތުރުލުމެއް އުފެދިފައިވެއެވެ. ހިފަހެއްޓުމެއްނެތި ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ހޭވިފައިވާސް އިސްތަށިގަނޑު ކަރުނައިން ތެމިފައިވާ އޭނާގެ މޫނުގެ އެތަން މިތާންގައި ތަތްވެފައި ވެއެވެ. އޭނާ އިނީ އެނދުގައި އިށީންދެގެންވެ. ކޮޓަރި ތެރޭގައި ވަނީ ނިދާބޮކީގެ ފަނޑު އަލިކަމެވެ. ބުރުނޭގި އެނބުރެމުންދިޔަ ފަންކާ ވަރުބަލި ކަމެއްނެތި އެނބުރެމުން ދިޔައެވެ.

އިސާހިތަކު ކޮޓަރި ދޮރު ހުޅުވާލާފައި ނާހިދާ އާއި ނިޒާމް އެތެރެއަށް ވަނެވެ. ޝާނީ އިންގޮތް ފެނުމުން ނާހިދާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ނާހިދާ ޝާނީގެ ގާތަށް އައެވެ. "ދަރިފުޅާ..." ނާހިދާ ހާސްވެފައި ވާރަރުން ޝާނީގެ އަތުގައި ހިފާގަނެވުނު ގޮތެއްވެސް ނޭގެއެވެ.

"ދަރިފުޅާ! ކިހިނެއްވީތަ؟؟.. ކިހިނެއް ވެގެން ތި ރޮނީ"

ޝާނީ އަކަށް އަދިވެސް ވާހަކަ ދެކެވޭ ވަރެއް ނުވެއެވެ. އޭނާ އަކަށް ގިސްލެވުމެއް ނުހުއްޓުނެވެ. އިސްއުފުލާލަފައި ބަލައިލަންވެސް އޭނާ ބޭނުން ނުވާ ކަހަލައެވެ. އިރުކޮޅަކުން ނިޒާމް ޝާނީގެ އަނެއް ފަރާތުގައި އިށީނެވެ. އަދި އޯގަތެރިކަމާއެކު ޝާނީ އާއި ވާހަކަ ދައްކަންފެށިއެވެ. އެއާއެކު އަވަސް އަވަހަށް ޝާނީ ނާހިދާގެ އުނގުތެރެއަށްވަދެ ނިވާވެގަތެވެ.

"އަނެއްކާ ބިރުވެރި ހުވަފެއްނެއް ފެނުނީތަ؟" ނިޒާމް އޯގާތެރިކަމާއެކު ސުވާލުކުރިއެވެ. "ވެގެން އުޅޭގޮތް ކިޔައިދީބަލަ"

އެރޭގެ ހުރިހާކަމެއް ނިމުނީ ޝާނީއަށް ބިރުވެރި ހުވަފެނެއް ފެނިގެން ރުއި ރުއިމެއްގެ ގޮތުންނެވެ. ޝާނިއަށް ހަޤީގަތް ފޮރުވަން މަޖުބޫރުވީއެވެ. އޭނާ މިކަންތައް ކޮޅެއްގައި ޖައްސާނެއެވެ. އެންމެ ފުރަތަމަ އޭނާ ނިންމީ ނިހާންއަށް ހުރިހާ ވާހަކައެއް ކިޔައިދިނުމަށެވެ.

ޝާނީ ނިހާން އަށް ގުޅީ އެދުވަހުގެ ހެނދުނު ދިހައެއް ޖަހާކަން ހާއިރު އެވެ. ވީ އެންމެ އަވަހަކަށް އޭނާ ނިހާން އާއި ބައްދަލުކުރަން ބޭނުންވެއެވެ.

"މިވަގުތު ވެސް ބޭނުން ބައްދަލުކުރަން" ޝާނީ ބުންޏެވެ. "އަހަރެން ކޮންމެހެން ދައްކަންޖެހޭ ވާހަކައެއް އެބައޮތޭ"

"މިގަޑީގައި ވަރަށް ބިޒާވާނެކަން ބޭބީއަށް އެނގެއެއްނު" ލޯބިން ފުރިފައިވާ ރާގަކަށް ނިހާން ބުންޏެވެ. "މިހާރު މިނައްޓާލަނީ ހުޅުލޭ ފެރީ ޓާމިނަލް އާއި ދިމާއަށް.. ރައްޓެއްސެއް މިއަދު މާލެއައީމަ އޭނާ ގެއަށް ޑްރޮޕް ކޮށްލަ ދޭންވެގެން... ހަމަ ފުރީވިހާ އަވަހަކާ ގުޅާންނަން އިނގޭ ލޯބީ"

ދޯނިން ތޮށިގަނޑުމައްޗަށް ފުންމާލުމާއެކު ޖީބުގައިއޮތް ފޯނުނަގާ ކޮންމެވެސް ނަމްބަރަކަށް ހަމްޒާ ގުޅައިލިއެވެ. ހަމްޒާ މާލެ އައީ ޝާނީ މާލޭގައި އުޅޭކަމުގެ ހަބަރު ލިބިގެންނެވެ. އޭނާގެ ހިތުގައި އުތުރެމުންދިޔަ ޝާނީގެ ހަނދާންތައް އޭނާއަށް ހަމަ ނޭވާލިޔަކުނުދެއެވެ. އޭނާގެ ފިރިހެން ކަމަކީ ޝާނީ ހާސިލްކުރުންކަން އޭނާއަށް އެނގެއެވެ. ޝާނީ ހޯދުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެެއްވެސް އޭނާ ކުރާނެއެވެ. އެއީ ކޮންމެފަދަ ހުރަހެއް ގިރާކުރަން ޖެހުނުކަމުގައި ވިޔަސްމެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ހަމްޒާ ހުރިތަނަށް ސައިކަލެއް މަޑުކޮށްލިއެވެ. އެއީ ނިހާންއެވެ. ނިހާން އާއި ހަމްޒާއަކީ ކުރީގައި ހަމްޒާ ޕޮލިހުގައި މަސައްކަތް ކުރިއިރު ދެއެކުވެރިންނެވެ. ހަމްޒާއަށް ވިސްނާ ނުލާ އުޅެވުނު ގޮތުން އޭނާގެ ވަޒީފާ މިއަދު ގެއްލިފައި ވީނަމަވެސް ނިހާން މިހާރު ހުރީ ރަގަޅު ފަންތި އެެއްގައެވެ. ދެމީހުން މަސައްކަތް ކުރާ ތަން ތަފާތުވިޔަސް ދެމީހުންގެ ހިތުގައި އަދިވެސް ކުރީގައި އޮތް ރަހުމަތްތެރިކަން އޮތެވެ.

"ހާދަ މަޑުމަޑުން ދުވާ ސައިކަލެކޭ ތީ" ހަމްޒާ ސައިކަލުގެ ފަހަތުގައި އިށީންނަމުން ބުންޏެވެ. "ހުޅުލެއިން ނައްޓާލަމުން ފުރަތަމަ ގުޅީ.. އަދި ކިރިޔާ ތި ފޯރީ"

"އާން... މިހާރު ތިހީކުރާހާ ފަސޭހައެއްނޫނޭ އޮފީހުގައި އުޅެފަ ނިކުމެގެން އަންނާކަށް" ނިހާން ބުންޏެވެ. "ދެން ބުނެބައި... ކޮންހަކަލަ ދަތުރެއްތަ ތީ"

"ތި ހުރިހާ ވާހަކައެއް ދަންކަންވީ ސައިކަލުމަތީގައި ތިބެތަ" ހަމްޒާ ބުންޏެވެ. "ހިނގާބަލަ ދަބަސްގަޑު ގެއަށް ލާފަ ރަނގަޅު ކޮފީއަކަށް ޖައްސާލަން"

"ކޮފީއަކަށް ނުދެވޭނެ މިގަޑީގައެއް... އަހަރެމެން އޮފީސްކަޓުވާފަ ކޮފީބޯން ތިބެފިއްޔާ އަހަރެމެންގެ ކަރާމާތައްވެސް ހުތުރެއްނު" ހަމްޒާ ހެމުން ހެމުން ބުންޏެވެެ. "އެހެން ނޫނަސް އަހަންނަށް އެނގޭ މާލެ ތިއައި ބޭނުމެއް... ބޯން ގެންގުޅުނު ފަތް ކޮޅުހުސްވީ ދޯ"

"ދެން ނިހާން ރެޑީވެ ހުރޭ، ފަތްކޮޅު އަތުލައިގަންނަން" ހަމްޒާވެސް ސަމާސާ ކުރިއެވެ.

"ކޮންގެއަކުތަ ހުންނަނީ" ހަމްޒާ ޓްރެފިކު ލައިޓެއް ކައިރީ މަޑުކުރަމުން ބުންޏެވެ.

"މިހާހިސާބަށް ދުއްވާފަތަ އެނގެނީ ކޮންތަކަށްތޯ ދަނީ އަހާލަން.." ހަމްޒާ ބުންޏެވެ. "އަހަރެން އަބަދުވެސް ދަނީ އަހަރެން މާލެ އައިސް މަޑުކުރާ ގެސްޓްހައުސް އަކަށްނު، މިފަހަރުވެސް ހުންނާނީ އެތާގައި"

ހަމްޒާ ބުނި ގެސްްޓްއަހުސް ހުންނަނީ މާފަންނުގައެވެ. ނަމަވެސް ނިހާން ސައިކަލު ދުއްވަމުން ދިޔައީ އެހެން ކޮޅަކަށެވެެ.

"ކަލޭ ހަމައިގަތަ ތިހިރީ" ހަމްޒާ އިރުކޮޅަކު ހިމޭނުން އިނދެފައި ބުންޏެވެ. "ބަލަ އެ ގެސްޓްހައުސް ހުންނަނީ ތި ކޮޅަކު ނޫނޭ"

"ބަލަ އަހަރެމެން މާލޭ މީހުންނާއި އިންނަނީ ކޮންމެވެސް ކަމަކުއޭ" ނިހާން ބުންޏެވެ. "މިހާރު އަހަރެންގެ ގެދޮރޮ މާލޭގައި އެބަހުއްޓޭ! އެހެންވީމާ އަހަރެން ކީއްވެ އަހަރެންގެ ތިހާގާތް ރަހުމަތްތެރިއަކު މާލޭގައި ކުއްޔަށްހުރިޔަ ދޭންވީ.. ހަމްޒާ ހުންނަން ޖެހޭނީ އަހަރެންގެ ގޭގައި.. އެގޭގައި ހުންނާނޭ ހުސްކޮޓަރިއެއް ވެސް"

ކޯކުފުޅިއެއް ގަނެގެން އަވަސް އަވަހަށް ފައިނާޒް ގޭތެރެއަށްވަނެވެ. ނިހާންގެ ރަހުމަތްތެރިއެއް މިހާދުވަސްކޮށްފައި މާލެއައުމުން ނިހާން އުފާވާވަރަށް ފައިނާޒްވެސް އުފާވެފައި ވާކަހަލައެވެ.

"ދެން ކޮންއިރަކުންތަ ބޭބީ އަންނާނީ" ހަމްޒާ ފައިނާޒްގެ މޫނަށް ބަލައިލަމުން ބުންޏެވެ. "ނިހާންވެސް ޑޭޑީއަކަށް ވަނީނު ދޯ"

"އައްދެ ތިހެން ބުނާއިރު ހަމްޒާ ތީ މަަށްވުރެ ހަގުމީހާ.. މިހާރު ހަމްޒާގެ ދަރިފުޅުގެ އުމުރުން ދެއަހަރުވަނީ'' ނިހާން ސާމާސާ ރާގަކަށް ބުންޏެވެ. ހަމްޒާގެ ހިތަށް އެވަގުތު ކޮންމެވެސް ލޮޅުމެއް އެރިއެވެ. ދަރިއަކު ހުރުމުން އޭނާ އުފާވެއެވެ. ނަމަވެސް އެދަރިފުޅަށް ދޭންޖެހޭ ލޯބި އޭނާ ދޭނީ ކިހިނެއް ހެއްޔެވެ. ޝީލާ އެހެން މީހަކާ އިނދެ ދިރިއުޅުމެއް ފެށިތާ ކޮންދުވަހެއް ހެއްޔެވެ. އެހެންނޫނަމަ އޭނާ ގެ ލޯބި ޤުރުބާން ކޮށްފައި ނަމަވެސް އޭނާ ދަރިފުޅުގެ ހައްޤުގައި ޝީލާގެ ގާތައް ދިޔައީހެވެ.

ބަދިގޭގައި މަސްކޮށަން ގެންގުޅުނު ވަޅި ހިފައިގެން ޝާނީ ހިނގައިގަތީ އޭނާގެ ކޮޓަރި އާއި ދިމާއަށެެވެ. އޭނާގެ ސަލާމަތައްޓަކައި އޭގެ ބޭނުން ވަރަށް ބޮޑުމަކަށް އޭނާއަށް ގަބޫލުކުރެވެއެވެ. އޭނާ ސިކުނޑިގައި މޮޅުރޭވުންގަނޑެއް އޭނާ ވަނީ ރާވާލާފައެވެ. ނިޒާމްގެ އުނދަގުލެއް މިރޭވެސް ޖެހިދާނެކަން އޭނާއަށް އެނގެއެވެ. އޭނާގެ އިތްފަތްތެރިކަމަކީ އޭނާގެ އަލަތު ފިރިމީހާއަށް ނޫނީ ނުލިބޭނެ އެއްޗެއްކަން އޭނާގެ ހިތުގައި އަޒުމްވަނީ ކަނޑައަޅާފައެވެ. މިހާތަނަށްވެސް އެ އަބުރު ރައްކާކުރެވިފައި ވަނީ އޭނާގެ ހިތްވަރުންކަން ޚުދު އޭނާވެސް ގަބޫލުކުރެއެވެ. އެކަމަށްޓަކައި އޭނާ އުފާކުރެއެވެ.

ގޮނޑީގައި އިށީނުމާއެކު ނިހާން ސިނގިރޭޓެއް ރޮއިކޮށްލިއެވެ. ހަމްޒާ އާއި ނިހާން ތިބި ހާބަރު ކަޑައެއްގައެވެ. ރޭގަނޑުގެ ކެއުމާއި މަސްއޫލިވެގެންނެވެ. އިރުކޮޅަކުން ނިހާން ހަމްޒާއަށް ސިގިރޭޓޭއް ދިއްކޮށްލިއެވެ. ނަމަވެސް ހަމްޒާ މާ ބޮޑު ސަމާލުކަމެއް ނުދިނެވެ.

"މިހާރު ތިކަން ހުއްޓޭތޯ މިއުޅެނީ..." ހަމްޒާ ނޫނެކޭ ބުނުމުގެގޮތުން ބުންޏެވެ.

"އައްދެ.. ތީ ހާދަ ގަބޫލުކުރަން ދަތި ވާހަކައެކޭ" ނިހާން ބުންޏެވެ. މަ ބަލާނަން މިފަހަރު ކިހާ ދުވަހަކު ހުރެވޭތޯ"

"ކޮންމެވެސް އެއްޗަކަށް އޯޑަރު ދޭންވީނު" ސިނގިރޭޓް ދަމާލަމުން ނިހާން ބުންޏެވެ.

"މަށެއް މިރޭ އެއްޗެއް ކާހިތެއް ނެއް"

"އާން.. މަވެސް މިހާރު ރޭނގަނޑަކު ނުކަމޭ.. މާ ބޮޑަށް ފަލަވާތީ މިއުޅެނީ.. ކޮފީއެއް ރަނގަޅުވާނެ"

"ދެނ ބައްޕައަކަށް ވީމަ ކޮން ބިޓަކަށް ފަރިދައްކަންތަ މާ ވަރަކަށް ފަލަވާތީ ތިއުޅެނީ" ހަމްޒާ ބުންޏެވެ. "ގައިމުވެސް ކުރިއަކުން ތިގޮތަކަށް ހަށިގަނޑަށް ބަލައިގެން އުޅުނު މީހެއްނޫން ތީކީ"

"ބަލަ މީހަކާ އިނދެ ދަރިޔަކު ލިބުނީމަ ހިއްސުތައް ކެނޑޭތަ؟.." ނިހާން ފަހުރުވެރިކަމާއެކު ބުންޏެވެ. "މިހާރުވެސް ހަމްޒާ އަށްވުރެ މާ ކާމިޔާބު ވާނެ.. ހަމްޒާމެން ދެންތީ ބިޓުންގެ ކަންތަކާ މާ ސީރިއަސް ވާބައެއް ނޫންވިއްޔުާ"

"އަހަރެން މިހާރު ބޭނުމީ ލައިފްގައި ތަންކޮޅެއް ސީރިއަސްވާން... ކުރީގައި އުޅޭހެން ނޫނެއްނު މި އުޅެނީކީ"

"އާނ، އެއީ ތެދެކޭ! މަަށަށްވެސް ހީވޭ ކަލޭ ވަރަށް ޗޭންޖްހެން... އެއޮށްސަޅި އިސްތަށިގަނޑު ކޮށާލާ... ތުނބުޅި އެއްޗެހިިވެސް މިހާރު މުޅިން ޗޭންޖްކޮށްލާފަ ވިއްޔާ ތިހުންނަނީ.. ކޮބާތަ ރީޒަން އަކީ"

"އަސްލު ކުރީގައި އުޅެވުނުނީ ވަރަށް ކަޑަކޮށް... މިހާރު ވަރަށް ކަޑަވޭ އެ ހަނދާންވިޔަސް.." ހަމްޒާގެ މޫނުމަތިން ހިތާމަ ފެންނަންހުއްޓެވެ. "އެއްވެސް މީހަކު ގަބޫލެއް ނުކުރޭ އަހަރެން އެކަން ހުއްޓާލާނެއެކޭ... އެއްވެސް މީހަކު ގަބޫލެއް ނުކުރޭ މީކީ ސަލާމަތް ވެވޭކަމެއް ކަމުގައެއް.. ކޮންމެ މީހަކުވެސް ބުނާނެ ދުވަސްކޮޅަކު ހުއްޓާލާފައި އަނެއްކާ ފަށާނޭ.. އަސްލު ގިނަފަހަރު ވަނީވެސް އެހެން.. އެކަމަކު ހުވާ މިބުނީ މިހާރު އަހަރެން އެކަންތަކާ ދުރުގައި އުޅޭތާ ވަން އިޔާ ވެދާނެ"

"ގަބޫލެއްް ނުކުރެވޭނެ ދޯ!... މުޖުތަމައު ގައި ކަންތައް ހިނގަނީ އެގޮތައް ވިއްޔާ.. ހުއްޓާލީއޭ ބުނާތާ މާ ގިނަދުވަހެއް ނުވެ އަނެއްކާ ކުޑަގޮޅީގައި އޮއްވައި ފެންނަނީ..." ނިހާންވެސް ތަންކޮޅެއް ސީރިއަސްކޮށް ވާހަކަދެއްކިއެވެ. "އަހަރެންވެސް ވަރަށް އުފާވާނެ ހަމްޒާ ވެސް ތިކަމުން ދުރުވެ ސަޅި ލައިފެއް ފަށައިފިއްޔާ.. އެކަކު ހަމްޒާއަށް ޓްރަސްޓަ ނުކުރިއަސް އަހަރެން ޓްރަސްޓް ކުރަން... އަނެއްކާވެސް ހަމްޒާ ކުޑަގޮޅިއަށް ދަންދެން އަހަރެން މި ގޮތަށް ޓްރަސްޓް ކުރާނަން"

"ދެން ބުނެބައި.. ކޮބާތަ ތި ޗޭންގެ އަސްލު ރީޒަން އަކީ" ނިހާން ޝައުގުވެރި ކަމާއެކު އަނެއްކާވެސް ސުވާލު ކުރިއެވެެ.

"އެއީ ވަރަށް ދިގުވާހަކައެއް..." ހަމްޒާ ބުންޏެވެ. "ޝީލާ އާއި ޑިވޯސްވިފަހުން ދުވަސްކޮޅެއް ވީތަނާ ލައިފްގެ އެކަނިވެރިކަން އިހުސާސް ކުރެވުނީ. ދެން އަނބުރާ ޝީލާ ކައިރިއަށް ދިޔައިރު އޭނާ ލައިފެއް ފަށައިފި.. އަސްލު ދިޔައީ ދަރިފުޅަށް ޓަކައި އެކަމު އޭރު މާލަސްވެއްޖެ.. އެހެން ނޫނަސް ޝީލާ އަހަންނަކަށް ދެނެއް އިތުބާރެއް ނުކުރާނެ އެއްނު.. ދެން ދުވަސް ކޮޅަކުން ދިމާވި އަންހެންކުއްޖެ... އޭނާ ދެކެ ހަޤީޤީ ލޯބި ވެވުނީ.. އަސްލު އެއީ މި ޗޭންޖްގެ މެއިން ރީޒަން އަކީ"

"ތީގެ މާނަޔަކީ ހަމްޒާ މިހާރު މެރީ ކުރިއޭތަ" ނިހާން ޝައުގުވެރި ކަމާއެކު ސުވާލުކުރިއެވެ.

"ނޫނޭ! އެ އަހަންހެން ކުއްޖާގެ މައިންބައިން ނުގަބޫލު ވެގެން އެކަމެއް ނުކުރެވުނު..." ހަމްޒާ ކަރުއެލުވާލިއެވެ.

"އައްދެ! ތީ ހަމްޒާގެ ފާޑެއްނޫން..." ނިހާން ބުންނެވެ. "ތިހާ ލޯބިވާ ކުއްޖެއްނަމަ ކޮންމެވެސް ގޮތަކުން ހަމްޒާ އެކަންކުރާނެ.. ތީ ހަމްޒާ އެހާ ލޯބި ނުވަނީ"

"ނިހާން ހީކުރީތަ އަހަރެން މިހިރީ އެކަން ހިތުން ފޮހެލައިގެން ކަމަށް؟ އަހަރެން މާލެ މިއައީވެސް ސީދާ އެމަގުސަދުގައި... އަހަރެން ހަމަ ނޭވާއެއްލާނީ އެ އަންހެންކުއްޖާ ކާމިޔާބުކޮށްފައި"

"އޭނާ ވީތަނެއް އެނގޭތަ މިހާރު" ނިހާން އަނެއްކާވެސް ސުވާލުކުރިއެވެ.

"އޭނާ އުޅެނީ މާލޭގަކަން އެނގޭ... އެކަމަކު އުޅޭ ވަކި ތަނެއް އަދި ނޭގޭ.. އެކަމަކު އޭނާ ހޯދާނެކަން ހަމަ ޔަޤީން"

މޭޒުމަތީގައި އޮތް ފޯނު ނެގުމަށްފަހު ޝާނީ ނިހާންގެ ނަމްބަރަށް ގުޅާލިއެވެ. އޭނާ މިރޭ ނިހާން އާއި ބައްދަލުކޮށް ނިޒާމްގެ ވާހަކަތައް ކިޔާދޭން ބޭނުންވެއެވެ. އެވާހަކަތައް ކިޔާދިނުމުން ނިހާން ޝާނީ މިކަމުން ސަލަމާތް ކޮށްދޭނެކަން ޝާނީއަށް އެނގެއެވެ.

"މާލޭގައި އުޅެންޏާ ހޯދަން އެހާ އުނދަގުލެއް ނުވާނެ" ނިހާން ބުންޏެވެ. އެއާއެކު ނިހާންގެ ފޯނު ރިންގުވާންފެށިއެވެ. އެއީ ޝަނީގެ ކޯލެކެވެ. ނިހާން އަވަސް އަވަހަށް ފޯނުނެގިއެވެ.

"ބުނީމެއްނު ރައްޓެއްސެއް މާލެ އަންނަ ވާހަކަ" ނިހާން ޝާނީ ކޮންތާކުތޯ ސުވާލުކުރުމުން ބުންނެވެ. "މިރޭ މިއުޅެނީ އޭނަޔާ އެކުގައި ބޭރުގައި.. ފުރީ ވެލީމަ ގުޅާލާނަން.. އޯކޭ ވާނެއެއްނު ދޯ.. މާ ލަހެއް ނުވާނޭ"

"އަހަރެން ބޭނުން މިރޭ ކޮންމެހެންވެސް ނިހާން އާއި ބައްދަލުކުރަން" ޝާނީ އާދޭހުގެ ރާގަކަށް ބުންޏެވެ. "ކުރިންވެސް ބުނީމެއްނު ވަރަށް މުހިއްމު ވާހަކައެއް ދައްކަންވެފައި އެބައޮތޭޭ"

"އެހެންވިއްޔާ މިރޭ ކޮންމެހެންވެސް ދާނަން" ނިހާން ލޯތްބާއެކު ބުންޏެވެ. "އަހަރެން ފްރީވީމަ ގުޅާލާނަން.. އެގޮތް އޯކޭއެއްނު ދޯ"

ފޯނުބޭއްވުމަށްފަހު ފެންވަރަން ދިޔުމަށްޓަކައި ޝާނީ ކޮޓަރި ތަޅުލިއެވެ. ނަމަވެސް އެއާއި އެކު މީހަކު ކޮޓަރީގައި ޓަކިޖަހާލިއެވެ. އެއީ ނާހިދާއެވެ. ނާހިދާ ފެނުމުން ޝާނީ ހިނިތުންވެލިއެވެ. ކުރީދުވަސްތަކާ ހިލާފަށް ޝާނީ މިއަދު ކޮޓަރިން ނިކުމެ އުޅެނީ ވަރަށް މަދުންނެވެ. ނާހިދާ ކޮޓަރިއަށް އެއީ އެހެން ވެގެންކަން ޝާނީއަށް އެނގުނެވެ.

ނިހާން ފޯނުން ވާހަކަދެއްކިގޮތުން ހަމްޒާގެ ހިތުގައި ނުބައި ވަހުމެއް ހިނގައިގަތެވެ. "އަނެއްކާ ކަލޭގެ ކަމެއްތަ" ހަމްޒާ ސުވާލުކުރިއެވެ.

"ދެއްމެވެސް ބުނީމެއްނު ހަމްޒާ މެނަަށްވުރެ އަހަރެން ކާމިޔާބު ވާނޭ" ނިހާން ފަހުރު ވެރިކަމާއެކު ބުންޏެވެ. "އޭ ބުނަން... ދެންމެ އެގުޅީ ފައްކާ ގޮލަޔެއް.. އެއީ މަގޭ އެކްސް އެއް... އަދިވެސް މަށާހެދި ހޭބަލިވެފަ ހުންނަނީ... މަވެސް ދެން ވަރަށް ގުޅަލައިގެން އުޅެނީ"

-ނުނިމޭ-

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް