މަސްތުވާތަކެއްޗާއެކު ބ. ތުޅާދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ބްލެޓް ސައިޒުގެ ރަބަރު ޕަކެޓަކާއެކު ބ. ތުޅާދޫން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނ...

12 Jul 2015 | 09:23

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ބްލެޓް ސައިޒުގެ ރަބަރު ޕަކެޓަކާއެކު ބ. ތުޅާދޫން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މި މީހާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ތުޅާދޫ ޕޮލިސް ސްޓޭޝަނުން އިއްޔެ 11:45 އެހާއިރު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ބ. ތުޅާދޫ ބޮޑު މިސްކިތާ ދިމާލުގައި އިރަށް އޮންނަ ހުސްބިން ސަރަޙައްދުން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންނަން މަސައްކަތްކުރި ވަގުތު އޭނާ އަތުގައި އޮތް، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި ރަބަރު ޕެކެޓް ވަނީ ބިންމައްޗައް ވައްޓާލި ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައާ ގުޅިގެން ތުޅާދޫ ޕޮލިސް ސްޓޭޝަނަށް އޭނާ ހާޟިރުކޮށް، ކުދަކަމުދާތަކެތި ތަޙުލީލް ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ޓީ.އެޗް.ސީއަށް އެނާ ވަނީ ޕޮސިޓިވް ވެފައި ވާ ކަމަށާއި މި މީހާ އަކީ ތަފާތު އެކިއެކި ކަންކަމާ ގުޅިގެން 14 ފަހަރު ހުއްޓުވައި ސުވާލުކޮށް 17 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަ ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށާއި އަދި އޭނާގެ މައްޗަށް ތުޙުމަތު ކުރެވޭ ހަތަރު މައްސަލައެއްގެ ތަޙުޤީޤު ނިންމުމަށްފަހު ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން މީހާ އަކީ މާރާމާރީއާއި ފޭރުމާއި ވައްކަމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށާއި މި މައްސަލަ ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުން ދާކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް