ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ދުނިޔޭގައި ނެތްކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށާއި އެ މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިލްވާން ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތަކީ 2014 ވަނައަހަރު ފުލުހުންގެ ތަޙުޤީޤު ޓީމުތަކުން އެންމެ ބޮޑު އިސްކަމެއްދީ އެންމެ ގިނަ ވަގުތު އެކަމަށް ހޭދަކޮށްފައިވާ އެއް މައްސަލަ ކަމަށެވެ.
"ކުރިންވެސް ދަންނަވާފައިވާނެ ފަދައިން އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލިގެން މިހާތަނަށް މިވީދުވަސްތަކުގައި މިމައްސަލާގައި ލިބުނު މަޢުލޫމާތަށް ބަލާއިރު އޭނާ ދުނިޔޭގައި ނެތްކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތް، އެފަދަ މަޢުލޫމާތެއް އެއްވެސް ފަރާތަކުން ފުލުހުންނާ ޙިއްސާ ކޮށްފައެއްވެސް ނުވޭ" ފުލުހުންގެ ބަޔާނުގައި ވެ އެވެ.
ފުލުހުން ބުނެފައިވަނީ މިމައްސަލާގައި ފުލުހުން ކުރަމުންދާ ތަޙުޤީޤަށް ލިބޭ މަޢުލޫމާތަށް ބިނާކޮށް މިމައްސަލައާއި ގުޅުންހުރިކަމަށް ތުހުމަތުކުރެވޭ އެހެން މައްސަލަތައްވެސް ފުލުހުން މިދަނީ ބަލަމުންނެވެ. މިގޮތުން ރިޟްވާން ޢަބްދުﷲ ގެއްލުނުކަމަށް ބެލެވޭ، 2014 އޯގަސްޓް 7 ވަނަދުވަހުގެރޭ ހުޅުމާލޭގައި ހިނގިކަމަށް ބުނާ ޙާދިސާއާއި ގުޅޭ ތިން ކާރެއް ބަލައި ފާސްކޮށް އެއިން ސާމްޕަލްނަގައި ފޮރެންސިކް ތަޙުލީލު ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވައި އޭގެ ބައެއް ތަޙުލީލުތަކުގެ ނަތީޖާ ރިޕޯޓް ފުލުހުންނަށް ވަނީ ލިބިފައެވެ. މިދެންނެވި ރިޕޯޓް ދިރާސާކޮށް ބެލިބެލުމުން، ކާރުން ނެގިފައިވާ ސާންޕަލްތަކުން މައިޓޮކޮންޑްރިއަލް ޑީ.އެން.އޭ ތަޙްލީލުކުރުމުން މައިޓޮކޮންޑްރިއަލް ޑީ.އެން.އޭ ޕްރޮފައިލްތަކެއް ލިބިފައި ވީނަމަވެސް، 2014 އޯގަސްޓް 7 ވަނަދުވަހުގެރޭ ހުޅުމާލޭގައި ހިނގިކަމަށް ބުނާ ޙާދިސާއާއި އަޙްމަދު ރިޟުވާން ޢަބްދުﷲ އާ ގުޅުން އޮތްކަމަށް ކަށަވަރުކަމާއެކު ބުނެވެން ނެތްކަން ފާހަގަ ކުރެވިފައިވާކަމަށެވެ. އަދި ހަމައެހެންމެ މި މައްސަލައިގެ ތުހުމަތުގައި މީގެކުރިން ހައްޔަރު ކުރި އެއްވެސް މީހަކާއި ގުޅުމެއްވާ ކަމުގެ ހެއްކެއް މިދެންނެވި ތަހުލީލު ތަކުން، ލިބިފައި ނުވާ ކަމަށެވެ.
އަދި މިމައްސަލައިގެ ތަޙުޤީޤުގައި މިހާތަނަށް މިމައްސަލައާއި ގުޅިގެން 198 މީހަކާ ސުވާލުކޮށް މަޢުލޫމާތު ހޯދައި 80 އަށްވުރެ ގިނަމީހުންގެ ތަޙުޤީޤު ބަޔާން ވަނީ ނެގިފައިވާކަމަށާއި ހުޅުމާލޭގައި ރިޟްވާން ޢަބްދުﷲ އުޅުނު އެޕާޓްމަންޓުގެ ވަށައިގެންވާ ފްލެޓްތަކާއި އެޕާޓްމަންޓުތަކުގައި އުޅޭ ގިނަ ބައެއްގެ ފަރާތުން މަޢުލޫމާތު ހޯދައި އެއްކުރެވިފައި ވާކަމަށްވެސް ފުލުހުން ބުނެއެވެ.
"ރިޟްވާން ޢަބްދުﷲ ހޯދުމަށާއި މައްސަލަ ތަޙުޤީޤުކުރުމުގެ މަސައްކަތުގައި މާލެ އާއި ހުޅުމާލޭގެ އެކި ސަރަޙައްދުތައް ހިމެނޭ ގޮތުން 30 އަށްވުރެ ގިނަ ތަނަކުން 293 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް ހޯދައި އެތަކެތި ދިރާސާކުރުމުގެ މަސައްކަތް ކުރަމުން އެބަގެންދަން. މީގެ އިތުރުން އެހެނިހެން މާއްދީ ހެކިތައް ހޯދައި އެތަކެތި އެނަލައިޒް ކުރެވިފައި ވޭ، މީގެއިތުރުން ހުޅުމާލޭގެ ޢާއްމު ހުރިހާ ސަރަޙައްދަކާއި ބަންދުކޮށްފައި އޮންނަ ސަރަޙައްދުތަކާއި ސިނާޢީ މަސައްކަތްކުރާ ސަރަޙައްދުތައް ބަލައި ފާސްކުރެވިފައިވެއެވެ. ހުޅުމާލެއިން 50 އަށްވުރެ ގިނަ ތަންތަން ކޯޓުއަމުރުގެދަށުން ވަނީ ބަލައި ފާސްކުރެވިފަ" ފުލުހުންގެ ބަޔާނުގައި ވެ އެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މިމައްސަލަ ތަޙުޤީޤު ކުރުމުގެ މަސައްކަތް ފުލުހުން ހުއްޓާލާނީ އަޙްމަދު ރިޟްވާން ޢަބްދުﷲ އާބެހޭ ޞައްޙަ މަޢުލޫމާތު އިތުބާރު ހުރިގޮތެއްގައި ފުލުހުންނަށް ލިބި އެކަމާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށެވެ. އަދި މިކަމަށް ކިތަންމެ ދުވަހެއް ހޭދަވެގެންދިޔަސް ފުލުހުން މިމައްސަލަ ތަޙުޤީޤު ކުރުން ހުއްޓައި ނުލާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވެ އެވެ.
އަދި މ. ޝައިނިންގސްޓާރ، އަޙްމަދު ރިޟްވާން ޢަބްދުﷲ، (28އ)، ވީނުވީތަނެއް ނޭނގި ގެއްލިފައިވާ މައްސަލައާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް އަދި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލިބިފައިވާ ފަރާތެއްވާނަމަ އެ މަޢުލޫމާތާއި ތަކެތި ފުލުހުންނާ ޙިއްސާކޮށް މިމަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ފުލުހުންގެ ތަޙުޤީޤަށް ދެއްވުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް