ބޭރުގެ ތިން ކޮލެޖަކާއި ޔުނިވާސިޓީއަކުން ކިޔެވުމުގެ ފުރުސަތު މަންދުކޮލެޖުން ފަހިކޮށްދީފި

ރާއްޖެއިން ބޭރުގެ ތިން ކޮލެޖެއްގެ އިތުރުން ޔުނިވާސިޓީއަކުން ދިވެހީންނަށް ކިޔެވުމުގެ ފުރުސަތު ފަހި ކުރުމަށް ހަތަރު ތަނަކާއެކު މަންދު ކޮލެޖުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. ހަތަރު ތަނަކާއެކު އެއްބ...

12 Jul 2015 | 04:23

ރާއްޖެއިން ބޭރުގެ ތިން ކޮލެޖެއްގެ އިތުރުން ޔުނިވާސިޓީއަކުން ދިވެހީންނަށް ކިޔެވުމުގެ ފުރުސަތު ފަހި ކުރުމަށް ހަތަރު ތަނަކާއެކު މަންދު ކޮލެޖުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ހަތަރު ތަނަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރޭ މޫކައި ސުއިޓްގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްވުމުގެ ދަށުން ބައިނަލްއަގުވާމީ ޔުނިވާސިޓީތަކުގައި ކިޔަވައިދޭ ފެންވަރަށް މަންދު ކޮލެޖުގައި ކިޔެވޭނެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެ ކޮލެޖުން ބުނެ އެވެ.

މަންދު ކޮލެޖުގެ ފަރާތުން ސޮއި ކޮށްފައިވަނީ މެލޭޝިޔާގެ ތިން ކޮލެޖެއް ކަމުގައިވާ އެސްޖީ އެކެޑެމީ އާއި ވެސްޓްމިނިސްޓާ އިންޓަނޭޝަނަލް ކޮލެޖާއި ބްރިކްފީލްޑްސް އޭޝިއާ ކޮލެޖުގެ އިތުރުން އެގައުމުގެ ޔުނިވާސިޓީއެއް ކަމުގައިވާ މަހްސާ (އެމްއޭއެޗްއެސްއޭ) ޔުނިވާސިޓީއާ އެކު އެވެ.

މަންދު ކޮލެޖުގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ އެ ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ) އެވެ. އެސްޖީ އެކެޑެމީގެ ފަރާތުން ސޮއި ކުރެއްވީ އެ އެކެޑެމީގެ ވެރިޔާ ޑރ. ޑަޓޯ ސްރީ ގަނޭސް އެވެ. ވެސްޓްމިންސްޓާ އާއި ބްރިކްފީލްޑް އަދި މަހްސާ ގެ ފަރާތުން ސޮއި ކުރެއްވީ އެ ތިން ތަނުގެ މަންދޫބެއް ކަމުގައިވާ ހޮމަބަލަން ރަތުނަމް އެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަންދު ކޮލެޖުގެ ޗެއާމަން އިބްރާ ވިދާލުވީ އެއްބަސްވުންތަކުގެ ދަށުން ދަރިވަރުންތަކަށް އެއް އަހަރު ދުވަހުގެ ޑިގްރީ ފޯ ފައުންޑޭޝަން ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށާއި އެކި ޔުނިވާސިޓީތަކުން ބަލައިގަންނަ އެ ކޯސްތަކުގެ ސަބަބުން މެލޭޝިޔާ އާއި އިނގިރޭސިވިލާތުގެ ޔުނިވާސިޓީތަކުގެ ޑިގްރީ ކޯސްތަކުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށްވެސް އިބްރާ ވިދާޅުވިއެވެ.

ރޭގަ ވެވުނު އެއްބަސްވުމުގެ ދަށުން ހޮސްޕިޓަލިޓީ މެނޭޖްމަންޓް އަދި ފުޑް އެންޑް ބެވަރޭޖްގެ ދާއިރާއިން ތައުލީމާއި ތަމްރީން ދިނުމަށް ހަމަޖެހިފައިވާއިރު އެ ތަމްރީނުތަކުގައި ބައިވެރިވާ ދަރިވަރުންނަށް އިނގިރޭސިވިލާތުގެ ސިޓީ އެންޑް ގިލްޑްސްގެ ސަނަދު ލިބުމުގެ ފުރުސަތު ވަނީ ހުޅުވިފަ އެވެ. އަދި މަހްސާ ޔުނިވާސިޓީއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ފައުންޑޭޝަން ފޯ ޑިގްރީ ނިންމާ ދަރިވަރުންނަށް އެ ޔުނިވާސިޓީގެ ހެލްތް ސައިންސް ދާއިރާތަކުން ބެޗްލާސް ޑިގްރީ ހާސިލް ކުރެވޭނެ ކަމަށް މަންދު ކޮލެޖުން ބުންޏެވެ.

މީގެ އިތުރުން ބްރިކްފީލްޑް އޭޝިޔާ ކޮލެޖާ އެކު ވި އެއްބަސްވުމުގެ ދަށުން، މަންދު ކޮލެޖުގެ ފައުންޑޭޝަން ފޯ ޑިގްރީ ސްޓަޑީސް ނިންމާ ދަރިވަރުންނަށް ޔޫކޭ ޑިގްރީ ޓްރާންސްފާ ޕްރޮގުރާމެއްގެ ދަށުން އިނގިރޭސިވިލާތުގެ އެންމެ މަގުބޫލު ޔުނިވާސިޓީތަކުން މާސް ކޮމިއުނިކޭޝަނާއި ބިޒްނަސް ސްޓަޑީސް އާއި ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި އެކައުންޓިން އާއި ފައިނޭންސް އަދި ގާނޫނީ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް މަންދު ކޮލެޖުން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް