ޖަރުމަނުގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ލެރޯއި ސާނޭ ބަޔާން މިއުނިކް ދޫކޮށް ތުރުކީގެ ބޮޑު ކްލަބް ގަލަތަސަރާއިއާ ގުޅޭ ގޮތަށް ހަމަޖެހިއްޖެއެވެ. ދި އެތްލެޓިކްގެ ޑޭވިޑް އޯންސްޓައިން ރިޕޯޓުކުރި ގޮތުގައި މި އެއްބަސްވުމަކީ 3 އަހަރުގެ އެއްބަސްވުމެއް ކަމަށާއި، އަހަރަކު 15 މިލިއަން ޔޫރޯ (ސާފު އަދަދު) އަށް ވުރެ ގިނަ ލިބޭނެ އެއްބަސްވުމެއް ކަމަށް ބުނެވެއެވެ.
29 އަހަރުގެ މި ވިންގަރަށް އާސެނަލް، އަލް ހިލާލް އަދި ފެނަރްބަހްޗޭ ފަދަ އެކި ކްލަބްތަކުން ޝައުޤުވެރިކަން ފާޅުކުރިއެވެ. އާސެނަލްއިން ވަރަށް ބޮޑަށް ޝައުޤުވެރިވި ނަމަވެސް، ފަހުގެ ނިންމުމެއް ނިންމުން ލަސްކުރުމުން، ގަލަތަސަރާއިއިން ހުށަހެޅި އަވަސް އަދި ވަރުގަދަ އޮފަރއަކުން ސަނޭގެ ޝައުޤުވެރިކަން ހޯދީއެވެ.
އެއްބަސްވުމުގައި އަދި ސޮއި ނުކުރި ނަމަވެސް، އެއްބަސްވުމަކަށް ވަނީ ވާސިލުވެފައެވެ.
ސާނޭ ބަޔާން މިއުނިކްއާ ގުޅުނީ 2020 ގައި މެންޗެސްޓަރ ސިޓީއިން 49 މިލިއަން ޔޫރޯގެ އަގަކަށެވެ. ބަވޭރިއަން ކްލަބްގައި ހޭދަކުރި 5 އަހަރުގެ ތެރޭގައި އޭނާ ވަނީ 220 މެޗުގައި ބައިވެރިވެ 61 ލަނޑު ޖަހައި 55 އެސިސްޓް ދީފައެވެ. އަދި 3 ބުންޑެސްލީގާ ޗެމްޕިއަންކަން ހޯދާފައިވެއެވެ.
މިދިޔަ ސީޒަން (2024-25) ގައި އޭނާ 45 މެޗުގައި ކުޅެ 13 ލަނޑު ޖަހައި 6 އެސިސްޓް ދިނެވެ. ނަމަވެސް އޭނާ ފެށިގެން ކުޅުނީ 25 މެޗުގައެވެ.
ސަނޭގެ މި ބަދަލުވުމަކީ އިނގިރޭސިވިލާތާއި ޖަރުމަނުގައި އަހަރުތަކެއް ހޭދަކުރުމަށްފަހު އޭނާގެ ކެރިއަރުގެ އައު ބާބެއްގެ ފެށުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް