2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ޙަމަލަދޭން ފެށިތާ މިއަދަށް މިވަނީ 250 ދުވަސް ފުރިފައެވެ.
250 ދުވަސް ފުރިފައިވާއިރު ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން މިވަނީ ބައެއް ތަފާސްހިސާބު އާއްމުކޮށްފައެވެ.
އެ ތަފާސްހިސާބުތަކަށް ބަލައިލާއިރު މިއަދާއި ހަމައަށް މި ޙަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 37،202 އަށް އަރާފައެވެ. ގެއްލިފައިވާ މީހުންގެ އަދަދު ވަނީ 10 ހާހަށް އަރާފައެވެ.
ޝަހީދުކޮށްލެވުނު އަދަދުން 15،964 ހިއްސާކުރަނީ ކުޑަކުދިންނެވެ.
33 ފަރާތެއްގެ ފުރާނަ ދިޔައީ ބަނޑުހައިހޫނުކަންމަތީގައެވެ.
ޞިއްޙީ ޚިދުމަތްތެރިންގެ 498 މީހެއްގެ ފުރާނަ ނަގާލާފައިވާއިރު ޙަމަލަތަކުގައި ފުރާނަ ގެއްލުނު ނޫސްވެރިންގެ އަދަދަކީ 150 އެވެ.
ޝަހީދުވި މުޅި ޖުމްލަ އަދަދުން 70 އިންސައްތަ ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.
ޙަމަލަތަކަށް 250 ދުވަސްވިއިރު 17 ހާސް ކުޑަކުދިން މިވަގުތު އުޅެމުންދަނީ ޔަތީމު ޙާލުގައި ނޫންނަމަ މަންމަ ނުވަތަ ބައްޕަ ނެތް ޙާލަތުގައެވެ.
އިސްރާއީލުން ހައްޔަރުކޮށްފައިވާ ޣައްޒާއަށް ނިސްބަތްވާ މީހުންގެ އަދަދު ވަނީ ފަސް ހާހަށް އަރާފައެވެ.
250 ދުވަހުގެ ތެރޭގައި 79 ހާސް ޓަނުގެ ގޮވާތަކެތި އިސްރާއީލުން ޣައްޒާ ބިމަށް އަޅާފައިވެއެވެ. ޤަދީމީ 206 ތަނެއް އެކުގައިހެން ހަލާކުކޮށްލާފައިވެއެވެ. 250 ދުވަހުގެ މުއްދަތުގައި ލިބުނު ގެއްލުން 33 ބިލިޔަން ޑޮލަރަށް އަރާނެކަމަށް އަންދާޒާ ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް