ވަޒީރު ޝަހީމް އާއި އަމީރުލްޙައްޖު ދިވެހި ޙައްޖާޖީންނާއި ބައްދަލުކުރައްވައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި އަމީރުލް ޙައްޖު ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު މައްކާގައި ތިއްބެވި ދިވެހި ޙައްޖުވެރިންނާއި ބައްދަލުކުރައްވައިފ...

12 Jun 2024 | 13:16

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި އަމީރުލް ޙައްޖު ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު މައްކާގައި ތިއްބެވި ދިވެހި ޙައްޖުވެރިންނާއި ބައްދަލުކުރައްވައިފިއެވެ.

މި ދެބޭފުޅުން ހައްޖާޖީން ތިއްބެވި ހޮޓަލަށް ވަޑައިގެން ދިވެހި ޙައްޖުވެރިންނާއި ބައްދަލުކުރައްވާ ވަނީ ދިވެހި ހައްޖާޖީންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ވެދުމާއި ސަލާމް އަރިސްކުރައްވާފއެވެ. އަދި ހައްޖީންނަށް މަބްރޫރް ހައްޖަކަށް އެދިވަޑައިގެންފައެވެ.

އަދި މީގެ އިތުރުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ވަނީ ހައްޖާޖީންނަށް ހައްޖުގެ އަޅުކަމުގެ ތެރެއިން ދިމާވާ ކަންކަމަށް ކެތްތެރިވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ހައްޖާޖީން މިވަގުތު ތިއްބެވީ އަމިއްލަ ގައުމުގައި ނޫން ކަމުން ހިތްހަމަ ނުޖެހޭ ބައެއް ކަންކަމާއި ދިމާވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.އެހެން ނަމަވެސް އެކަން ކަމުގެ މައްޗަށް ކެތްތެރިވުމަށް ވަޒީރު ވަނީ ހައްޖާޖީންނަށް ނަސޭހަތްތެރިވެފައެވެ.

ހައްޖުދުވަސް ކައިރިވެފައިވާކަން ހަދުމަފުޅުކޮށްދެއްވާ ވަޒީރު ވިދާޅުވީ އެންމެ އިސްކަމެއް ދޭންވީ އަމިއްލަ ސިއްހަތަށް ކަމަށެވެ. މިގޮތުން ޑޮކްޓަރުންނާއި އިލްމުވެރިން ދެއްވާ އިރުޝާދުތައް އަޑުއައްސަވާ އެއާއި އެއްގޮތަށް އަމަލުކުރައްވަން ވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެލައްވާފައެވެ.

ހައްޖުކޯޕަރޭޝަންއިން ޙައްޖާޖީންނަށް ދެއްވާ ޚިދުމަތްތަކާއި ހައްޖާޖީންނަށް ހަމަޖައްސަވައިދެއްވާފައިވާ އިންތިޒާމްތައް ފާހަގަކުރައްވާ އެކަމަށްޓަކައި ވަޒީރު ވަނީ ހައްޖު ކޯޕަރޭޝަންއަށް ޝުކުރު އަދާކުރައްވާފައެވެ. ވަޒީރު ހާއްސަކޮށް ފާހަގަ ކުރެއްވީ ހައްޖާޖީން ތިބޭ ހޮޓެލްތަކުން ދިވެހި ކެއުން ލިބޭ ކަމެވެ. އެކަމަށް ޓަކައިވެސް ވަޒީރު ވަނީ އެ ކޯޕަރޭޝަން އަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި އަމީރުލް ޙައްޖު އަދި ތައުލީމާބެހޭ ވަޒީރު ޑރ އިސްމާއީލް ޝަފީއު ދެއްކެވި ވާހަކަފުޅުގައިވެސް ވަނީ ހައްޖާޖީން ކެތްތެރިވުމަށް ވަރަށް ބޮޑަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

މިއަހަރު ޙައްޖުގެ އަޅުކަމަށް ރާއްޖެއިން މައްކާއަށް ގޮސްފައިވަނީ ޖުމްލަ1150 ޙައްޖުވެރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް