ކާބޯތަކެތީގައި އުފެދޭ ބެކްޓީރިއާގެ ސަބަބުން އަހަރެއްގެ މައްޗަށް 600 މިލިއަން މީހުންނަށް ބަލިމަޑުކަމާ ކުރިމަތިލާން ޖެހޭކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބު ތަކުން ދައްކައެވެ. މި ގޮތުން އަހަރެއްގެ މައްޗަށް 420،000 މީހުން މިކަމުގައި ހުރެ މަރުވެސް ވެއެވެ.
މިގޮތުން ރައްކާތެރިކޮށް ކާތަކެތި ތައްޔާރުކުރާނެ ގޮތާއި މެދު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ގައިޑްލައިން އެއް ނެރެފައެވެ. ކެއްކުމުގައި ރޯފިލުވާތަކެތި ކެއުމުގައި ގެންގުޅޭނެ ބައެއް ހަމަތައް އެ ގައިޑްލައިންގައިވެއެވެ.
މިގޮތުން ކާއެއްޗެހިން ތައްޔާރުކުރާއިރު ރަގަނޅަށް ރޯ ފިލަންދެން ކެއްކުމުގެ މުހިންމުކަމާއި ބެހޭގޮތުންވެސް އެ ގައިޑްލައިންގައި ވަނީ ބަޔާން ކޮށްފައެވެ. ކާ ކާތަކެތި ރަގަނޅަށް ރޯ ނުފިލާ ނަމަ އެ ކާނާގައި ބެކްޓީރިއާ އާލާ ވުމުގެ ފުރުސަތު ބޮޑު ކަމަށް ދުނިޔޭގެ ސިއްހަތު ޖައްމިއްޔާއިން ވަނީ ބުނެފައެވެ.
މީގެއިތުރުން ރޯފިލުވުމަށްފަހު އެތަކެތި ރަގަނޅު ފިނި ހޫނު މިނެއްގައި ބެހެއްޓުން މުހިންމެވެ. ފިނި ހޫނުމިން ބަހައްޓަން ޖެހޭ މިންގަނޑަށް ނުބެހެއްޓިޖެނަމަ ތައްޔާރުކޮށްފައިވާ ކާނާގައި ހަށިގަނޑަށް ރަގަނޅު ނޫން ބެކްޓީރިއާ އުފެދި، އޭގެން ސިއްހަތަށް ލިބޭ ގެއްލުން ބޮޑެވެ.
އަހަރުމެންގެ ތެރޭގައި އާދަވެފައިވާ އާދަޔާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އެ ގައިޑްލައިނާއި އެއްގޮތްވާނެހެން ޑަކުޓަރަކު ވިދާޅުވެފައިވަނީ އެއް ކާނާއެއް އެތަށް ފަހަރެއްގެ މަތިން ހޫނު ކޮށްގެން ބޭނުން ކުރުމަކީ ރަގަނޅު ކަމެއް ނޫން ކަމަށެވެ. ބައެއް ކާނާގެ ޒާތުން އެއް ފަހަރަށް ވުރެން ގިނަ ފަހަރު ހޫނު ކުރުމުން އޭގައި ކެމިކަލް ރިއެކްޝަންއެއް އައިސްދާނެ ކަމަށް ޑޮކްޓަރ ވަނީ ވިދާޅުވެފައެވެ.
މިގޮތުން މި ކާނާ ރައްކާތެރިކޮށް ބޭނުން ކުރުމަށް ކައްކާ މިންވަރު އެ އިރަކަށް ވާ ވަރަށް ކައްކަން އާދަކުރަން ޖެހޭކަން ފާހަގަކޮށްފައިވެއެވެ. އަދި ކާނާ ރޯފިލުވުމަށްފަހު ލަސް ނުކޮށް ކެއުމަކީވެސް އެންމެ ރަނގަޅުގޮތްކަމުގައި ފާހަގަކޮށްފައިވެއެވެ.
މީގެއިތުރުން ބާކީވެފައިވާ ކާނާއާއި މެދު އަމަލު ކުރާނެ ގޮތަކީ، ކެއްކުމުގެ ދެ ގަޑިއިރުފަހުން ރީތިކޮށް ބަންދުވާގޮތަށް އެއްޗަކަށް އަޅާ ފުރިޖު ކުރުމާއި އަދި ފުރިޖް ކޮށްފައިވާ ކާނާ ކެއުމުގެ ކުރިން ހޫނު ކުރަން ޖެހޭނެކަންވެސް ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް