ވާހަކަ: ސިއްރު - ނުވަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ސާރާ އިނީ އަފްޒަލްގެ ޚަބަރެއް ލިބޭނެ އިރެއްގެ އިންތިޒާރުގައެވެ. އިރު އިރުކޮޅަށް ފޯނަށް ބަލާލައެވެ. އެވަގުތަށް ސާމާއަށް ފޯނެއް އައެވެ. ސާރާ ގޮޑިން ތެދުވެ ސާމާއާއި ދިމާލަށް ބަލަހ...

12 Jun 2024 | 04:09

ކުރީގެ އަދަދާއި ގުޅޭ...

ސާރާ އިނީ އަފްޒަލްގެ ޚަބަރެއް ލިބޭނެ އިރެއްގެ އިންތިޒާރުގައެވެ. އިރު އިރުކޮޅަށް ފޯނަށް ބަލާލައެވެ.

އެވަގުތަށް ސާމާއަށް ފޯނެއް އައެވެ. ސާރާ ގޮޑިން ތެދުވެ ސާމާއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ސާމާ ފޯނު ނަގާ ކުޑަކޮށް ދުރަށް ޖެހިލިއެވެ. ސާރާ ހުރީ ކަޅި ޖަހާ ނުލާ ސާމާ އާއި ދިމާލަށް ބަލަހައްޓައިގެންނެވެ.

"އަސްލު! ހަމަ ޔަގީންތަ!" ސާމާ ބުންޏެވެ.

ސާރާ ކުޑަކޮށް ސާމާއާއި ގާތް ވެލިއެވެ.

"ކިހިނެއްވީ؟ކިހިނެއްވީ ސާމާ...ބުނެބަ ..ކިހިނެއް ވީ؟" ސާރާ ހިތް ނުތަނަވަސް ވިއެވެ.

"އޯކޭ އިނގޭ... އަހަރެން ގުޅާނަން އިރުކޮޅަކުން" ސާމާ ފޯނު ބާއްވަމުން ބުންޏެވެ.

"ދޮންތަ އިށީނދެބަ.." ސާމާ ސާރާ ކައިރީގައި ބުންޏެވެ.

"އަހަރެން ވަރަށް ބިރުގަނޭ އެބަ! ސާމާ ބުނެބަ ޕްލީޒް!" ސާރާ ބުންޏެވެ.

ސާމާ ސާރާއަށް ވެދާނެ ގޮތަކާއި މެދު ވިސްނާ އެވާހަކަ ބުނަން ޖެހިލުން ވިއެވެ. އެހެން ނަމަވެސް ސާރާ ދުލެއް ނުކުރިއެވެ.

"ދޮންތާ ލައިސަމް..." ސާމާ އެ ވާހަކަ ބުނުމަށް މަސައްކަތް ކުރިއެވެ.

"ލައިސްމް؟ ލައިސަމް ކިހިނެއް ވީ!" ސާރާ ބުންޏެވެ.

"ލައިސަމް ފުލުހުނ.... އޭނަ ގެންގޮސްފި" ސާމާ ސާރާއަށް ބަލާލަމުން ބުންޏެވެ.

ސާރާގެ މޫނުމަތިން ފެންނަނީ ހައިރާން ކަމެވެ.

"ކިހިނެއް ވީ؟" ސާރާ އަހާލިއެވެ.

"އަފްޒަލް ގައިގައި ޕިކަޕުން ޖެއްސީ ލައިސަމް... ފުލުހުން އޭނަ ގެންގޮސްފި" ސާމާ ބުންޏެވެ.

ސާރާ ހުރިތަނަށް ވެއްޓުނެވެ. އެއީ ލައިސަމް ގަސްތުގައި ސާރާއަށް ފިލުވާލި ހަސަދައެއްކަން ސާރާއަށް ވިސްނުނެވެ.

ސާމާ ސާރާ ނެގުމަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ގަނޑުވެފައި ސާރާއަށް އިދެވުނީ އެހެން ދުނިޔެއަކުއެވެ.

ހިޔާލުތަކުން ސާރާގެ ސިކުނޑި ވަށާލިއެވެ. ސާރާގެ ބަދު ނަސީބުކަމާއި މެދު ފުންކޮށް ވިސްނާ ފިކުރު ކުރެވުނެވެ. ލޯބިވާ އެންމެން ގެއްލޭ ސަބަބެއް ސާރާގެ ސިކުނޑިއަކަށް ނުވިސްނުނެވެ.

"ދޮންތާ...ތެދުވެބަ ޕްލީޒް..." ސާމާ ސާރާ ނެގުމަށް މަސައްކަތް ކުރަމުން ދިޔައެވެ.

ހޮސްޕިޓަލު ތެރެއިން ފެންނަމުން ދިޔައީ ހާސްކަމެވެ. ޑޮކްޓަރުންގެ ޖަވާބަކަށް އިންތިޒާރުގައި އެންމެން ތިބީ ކެތްމަދުވެފައެވެ.

ލައިސަމް ބިޑި އަޅުވައިގެން ގެންދިޔައި މަންޒަރ ފެނި ޖަމީލާ ދިޔައީ ރޮމުންނެވެ. އަނެއް ދުވަހުގެ ފަތިސް ނުވަނީސް ޖަމީލާއަށް ހޭލެވުނީ ވަރަށް ބާރަށް މީހަކު ޖަމީލާގެ ގޭ ދޮރުގައި ޓަކި ޖަހާ އަޑުފަށްގަނޑަށެވެ. ދެބަ ނިދީޖަގައި ނިންޖަކާ ނުވެ އޮތް ޖަމީލާ ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. ޖަމީލާގެ ދެލޯ ހުރީ ދުޅަ ވެގެން އަރާފައެވެ.

ދޮރުހުޅުވާލި އިރަށް ފެނުނީ އަޒުރާއެވެ. އަޒުރާ ޖަމީލާ ކޮށްޕާލާފައި ގޭ ތެރެއަށް ދެމިގަތެވެ. އަވަސް އަވަހަށް ގޮސް ލައިސަމް މެންގެ ކޮޓަރި ދޮރު ހުޅުވާލިއެވެ. އޭރު އިޝާ އޮތީ ނިދާފައެވެ. އަޒުރާ ގޮސް އިޝާ ނަގައިގެން ނިކުތެވެ. އަޒުރާގެ ކޮޑުމަތީގައި ކުޑަ ކުޑަ އިޝާ އޮތީ ރީތިކޮށް ގަދަ ނިދީގައި ނިދާފައެވެ.

"އަހަރެން ދަރިފުޅު ގޮވައިގެން އަހަރެން މިދަނީ... މި ދަރިފުޅު އެންމެ ހައްގުވާނީ އަހަންނަށް މިހާރު" އަޒުރާ ޖަމީލާއަށް ބަލާލާފައި ބުންޏެވެ.

ޖަމީލާ ގައިގައި ޒުވާބުކޮށް ގަދަ ހަދައިގެން އިޝާ އަތުލާނެ ހާ ހިތްވަރެއް ނެތެވެ. އުމުރުން ދުވަސްވެފައި ހުރުމުން އެކަނިމާއެކަނި ކުޑަ ދަރިއެއްގެ ޒިންމާ ނުނެގޭނެ ކަން ޖަމީލާގެ ސިކުނޑި ގަބޫލު ކުރިއެވެ. އަޒުރާ އިޝާ ގޮވައިގެން ނިކުތް އިރުވެސް ޖަމީލާ ހުރީ އެ ދެމައިންނާއި ދިމާލަށް ބަލަހައްޓާއިގެން ގެއްލި ހުސްވެފައެވެ.

ބާރު ބާރަށް އަޒުރާ އިޝާ ގޮވައިގެން އެ ގެއިން ނިކުމެގެން ދިޔައެވެ.

އަވަސް އަވަހަށް ގޮސް އަޒުރާ ބެލީ އިޝާ ގޮވައިގެން އަޒުރާގެ ރަށަށް ދެވޭތޯއެވެ. ބަނދަރުމަތީގައި އަޒުރާގެ އިންތިޒާރުގައި އަޒުރާގެ ބައްޕަ ހުރީ ދޯނީގައެވެ. އަޒުރާ އައިސް ދޯންޏަށް އެރިއެވެ.

"ބައްޕާ އަވަހަށް ހިނގާ ދާން"އަޒުރާ ބުންޏެވެ.

އަޒުރާގެ ބައްޕަ ދޯނި ވާތަށް މޮހެ ފުރަން ތައްޔާރުވިއެވެ. ދެ ހިޔާލެއްގެ ތެރޭގައި އިން އަޒުރާ ފުންމައިގެން ކަހަލަ ގޮތަކަށް ތެދުވިއެވެ.

"ބައްޕަ މަޑުކޮށްލައްޗެ.... އަހަރެން އެބަ އަންނަން" އަޒުރާ ދޯނިން ފޭބިއެވެ.

"ކޮންތާކަށް؟ ބައްޕައަކަށް މަޑުކުރާކަށް ނުފެނޭ އާދޭ ދާން" އަޒުރާ ބައްޕަ ބުންޏެވެ.

"މި އަންނަނީ..ވަރަށް މިހިންމު ކަމެއް ކުރަން އެބަ ޖެހޭ" އަޒުރާ އެހެން ބުނުމަށް ފަހު ރަށުތެރެއަށް ދިޔުމަށް ހިނގައިގަތެވެ.

އިޝާ ބޯ ހިތްލައިލާފައި ބަލާލިއެވެ. ނިދީގައި އޮތް ކުޑަ ކުޑަ އިޝާއަކަށް ވާއެއް ނުވާއެއް ނޭނގެއެވެ. އަނެއްކާވެސް އަޒުރާގެ ކޮނޑުގައި ބޯ އަޅާލާފައި ނިދާލިއެވެ.

އަޒުރާ ގޮސް ސާރާގެ ގެއަށް ވަނެވެ. އެ ގޭގެ ދޮރު ހުޅުވާލާ ސަލާމް ގޮވާލިއެވެ. ދެތިން ފަހަރަކު ސަލާމް ގޮވާލި ފަހުން ސާރާ އައިސް ދޮރު ހުޅުވާ ބަލާލިއެވެ.

"އަޒުރާ...ކިހިނެއްވީ؟" ސާރާ ބަލި އަޑަކުން ބުންޏެވެ.

އަޒުރާ އެތެރެއަށް ވަނެވެ.

"އިނގޭ ސާރާ އަހަރެން ދެކެ ވަރަށް ފޫހިވާކަން... އެކަމްވެސް އަހަރެން ސާރާ ދެކެނީ ވަރަށް ގާތް މީހެއް ގޮތަށް... ބޭނުން ވާހަކަ ދައްކާލަން... އިޝާ ބާއްވާލަ ދީބަ އިހަށް" އަޒުރާ ބުންޏެވެ.

ސާރާ އިޝާ އުރާލައިގެން އެތެރެއަށް ވެއްދިއެވެ. ދެކޮޅަށް ހޫރެމުން ކަހަލަ ގޮތަކަށް ގޮސް ސާރާގެ ކޮޓަރިއަށް ވަދެ އިޝާ އެނދުގައި ބޭއްވުމަށް ފަހު ނިކުތެވެ.

"އާދެ އިށީންނަން.. " ސާރާ ގޮޑި ސީޓާ ދިމާލަށް ދަމުން އަޒުރާ ގާތު ބުންޏެވެ.

"ސާރާ... ސާރާއަށް ހީވޭތަ ލައިސަމް ރޭގަ އެކުރިކަންތައް އެއީ ނޭނގި ކުރެވުން ކަމެކޭ؟" އަޒުރާ ބުންޏެވެ.

މާޔޫސްކަން މަތީ އިން ސާރާ އަޒުރާއާއި ދިމާލަށް ބަލާލިއެވެ.

"އަހަރެން ބުނީމަ ގަބޫލު ކުރިއަސް ނުކުރިއަސް އޯކޭ... އަހަރެން ވަރަށް ގަދަރުކުރާ މީހެއް ސާރާ އަކީ...އަހަރެން ދުވަހަކުވެސް މަސްތުވާ އެއްޗެއްސެއް އަހަރެންގެ އަމިއްލަ އިހްތިޔާރުގައި ބޭނުންކޮށްފައެއް ނޯންނާނެ..." އަޒުރާ ބުންޏެވެ.

ސާރާ ބަހެއް ނުކިޔާ އިނީ އަޒުރާއަށް ވާހަކަ ދައްކަން ފުރުސަތު ދޭށެވެ.

"ލައިސަމް ބޭނުންވީ ވަރިވާން... އަހަންނެއް ނޫން... އަހަރެން ދެކޮޅު ހެދިން... ވަރަށް އާދޭސް ކުރިން... ވަރި ނުކުރޭތޯ ބުނިން ދަރިފުޅު ގެންދާނަމޭ ނުވަސް ދައްކާލާނަމޭ...އެރޭ އަހަންނަށް ވަރަށް އަނިޔާ ކުރި... ލައިސަމްގެ ދެއަތުން އަހަންނަށް މަސްތުވާ އެއްޗެހިން ގަދަކަމުން ދިނީ... އަހަރެންގެ އަލަމާރިންނާއި ވޮލެޓުން ފެނުނީ އަހަރެންގެ އެއްޗެއް ނޫން ސާރާ... ގަބޫލު ނުކުރާނެކަން އިނގޭ" އަޒުރާ ކިޔައި ދިނެވެ.

ސާރާ ކަޅި ޖަހާ ނުލައި އިނީ އަޒުރާއާއި ދިމާލަށް ބަލާށެވެ.

"ސޮރީ ޓު ސޭ... އެކަމް...އެކަމް ސާރާގެ ސަބަބުން އެގޮތަށް ކަން ދިމާވީ...ލައިސަމް އަހަންނާ ދިމާލަށް އަބަދުވެސް ކިޔާނެ...ސާރާ ހުންނަހެން ނުހުންނަނީ ކީއްވެހޭ... ސާރާ ކައްކާހެން ނުކެއްކެނީ ކީއްވެހޭ...އަހަރެން ގަބޫލު ކުރާ ގޮތުގައި ލައިސަމް އަކީ ސައިކޯޕެތެއް...ސާރާގެ ލޯބީގަ....ލައިސަމްގެ ފޯނު ގަ ވެސް ހުސް ސާރާގެ ފޮޓޯ....އިނގޭ އެއީ ސާރާގެ ކުށެއް ނޫންކަން... އެކަމް އަހަންނަށް ބްލޭމް ކުރެވުނީ އޭރު ސާރާއަށް" އަޒުރާ ބުންޏެވެ.

ސާރާ އަޒުރާގެ ވާހަކަތައް ކަނުލާ އަޑުއަހަން އިނެވެ. އިރުކޮޅެއްގައި ވާހަކަ ނުދައްކާ އިނުމަށް ފަހު ސާރާ އިސް ޖަހާލަމުން ބުންޏެވެ.

"އެނގޭ...ހުރިހާ ކަމެއްވެސް އެނގޭ މިހާރު...އެކަމް ވަގުތު ފާއިތު ވެއްޖެ މިހާރު" ސާރާ މަޑު މައިތިރިކޮށް ބުންޏެވެ.

"މާހިރުގެ ވާހަކަވެސް އެނގޭތަ؟" އަޒުރާ އަހާލިއެވެ.

"ކޮން..މާހިރުގެ ކޮން ވާހަކައެއް؟" ސާރާ އަހާލިއެވެ.

"ފަހުން ބުނާނީ ދޯ...މި ދަނޑިވަޅަކު ނޫން.. އަހަރެން ދާން ޖެހިއްޖެ ...ބައްޕަ އެބަ ގުޅާ" އަޒުރާ ތެދުވެ ސާރާ ގެ ކޮޓަރިއާއި ދިމާލަށް ދިޔުމަށް ހިނގައިގަތެވެ.

ސާރާ ގޮސް ކޮޓަރި ދޮރުކައިރީގަ ހުއްޓުނެވެ.

"ކޮން ވާހަކައެއް... ހުރިހާ އެއްޗެއް ކީ އިރު ތި ވާހަކަވެސް ކިޔާފަ ދޭ" ސާރާ ދޮރު ކައިރީގައި ހުރެފައި ބުންޏެވެ.

"އަހަރެން އަދި އަންނާނަން؛..ބައްޕައަށް ލަސްވާނެ...ޕްލީޒް...އިޝާ ނެރެދީބަ" އަޒްރާ ބުންޏެވެ.

ސާރާ އަޒްރާއަށް ދިޔައި ނުދޭން މަސައްކަތް ކުރިއެވެ.

އަޒުރާ ސާރާ ދުރުކޮށްފައި ނަމަވެސް ކޮޓަރިއަށް ވަދެވޭތޯ ދިޔައީ މަސައްކަތް ކުރަމުންނެވެ.

"ލައިސަމް މާހިރު މަރާލީ!" އަޒުރާ ބުނަން ބޭނުން ނެތަސަ އެ ބަސް އަޒުރާގެ އަގައިން ނިކުތެވެ.


ނުނިމޭ... ވާހަކައިގެ އާ ބައެއް، 17 ޖޫން، ހޯމަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް