ރާއްޖެ އާއި ގެމްބިއާ އާ ދެމެދު ވިސާއާ ނުލައި ދަތުރު ކުރެވޭ ގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސައުދީ އަރަބިއްޔާގެ ރިޔާދުގައި އޮތް ރަސްމިއްޔާތެއްގައި ރާއްޖެ އާއި ގެމްބިއާ އާ ދެމެދު "މިއުޗުއަލް އެކްޒެމްޕްޝަން އޮފް ވިސާ ރިކުއަމަންޓްސް" އެއްބަސްވުމެއްގައި ސޮއި ކުރީ އިއްޔެ އެވެ.
މި އެއްބަސްވުމުގެ ދަށުން ދެގައުމުގެ ރައްޔިތުންނަށް އެއް ގައުމު އަނެއް ގައުމަށް 30 ދުވަހުގެ މުއްދަތަށް ވިސާ ނެތި ދަތުރު ކުރުމަށް މަގުފަހިވާނެކަމަށް ފޮރިން މިނިސްޓްރީއިން ބުނެފައިވެއެވެ. އަދި އޭގެ ތެރޭގައި ސިންގަލް ނުވަތަ މަލްޓިޕްލް އެންޓްރީ، އެގްޒިޓް ނުވަތަ ޓްރާންސިޓް ވެސް ހިމެނޭކަމަށް ފާހަގަކުރެވިފައިވެއެވެ.
ދިވެހި ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސައުދީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހަލީލް އެވެ. އަދި ގެމްބިއާގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުން ސައުދީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އޮމަރު ޖިބްރީލް ސަލާ އެވެ.
ހުޅަނގު އެފްރިކާގައި އޮންނަ ފަގީރު ގައުމެއް ކަމަށްވާ ގެމްބިއާއަކީ ގުދުރަތީ ރީތި ކަމާއި އެތަނުގެ ވައިލްޑް ލައިފް ޕާކުތަކަށް މަޝްހޫރު ގައުމެކެވެ. މީގެ އިތުރުން، ރާއްޖެއިން ގެމްބިއާ އާއެކު ސިޔާސީ ގުޅުން ގާއިމުކޮށްފައި ވަނީ، ޖުލައި 3, 1989 ގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް