ސަރުކާރުގެ މިނިސްޓަރުންތަކެއްގެ ކާރުގައި "އިންޑިއާ އައުޓް" ޖަހައިފި އެވެ.
ސްޕްރޭކޮށް އިންޑިއާ އައުޓް ޖަހާފައިވަނީ ތިން ވަޒީރެއްގެ ކާރުގައި އެވެ. އެއީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ އިތުރުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންގެ ކާރުކޮޅުގައި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިއަދު ހެންދުނު7:30 ހާއިރު ކަމަށެވެ. އެކަމަކު މިހާތަނަށް އެ މައްސަލަތަކުގައި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިނިސްޓަރުންގެ ކާރުކޮޅުތަކުގައި އިންޑިއާ އައުޓް ސްޕްރޭކުރީ ވެލާނާގޭގެ ޕާކިން ޒޯނުގައި ޕާކުކޮށްފައި އޮއްވަ އެވެ. އެ ސަރަހައްދަކީ ހައި ސެކިއުރިޓީ ސަރަހައްދެކެވެ.
ފުލުހުން ބުނި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ޕާކުކޮށްފައި އޮތް ކާރަކަށް ވެސް ރޭ ގެއްލުން ދީފައިވެ އެވެ. އެ މައްސަލައިގަވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
މީގެ ކުރިން ޑީފެންސް މިނިސްޓަރު މާރިޔާ ދީދީ ގޭ ދޮރުގައިވެސް އިންޑިއާ އައުޓް ޖަހާފައިވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ގެކޮޅު، ގ. ކެނެރީގޭ ފާރުގައިިވެސް އިންޑިއާ އައުޓް ޖަހާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް