ބޭންކް އޮފް މޯލްޑިވްސް އިން މާސްޓަރކާޑާއި ގުޅިގެން ރާއްޖޭގައި އިންޓަރގްރޭޓެޑް ޓްރާންސްޕޯޓް ސިސްޓަމެއް ގާއިމްކުރަން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފިއެވެ.
ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ޓްރާންސްޕޯޓް ހިދުމަތް ފޯރުކޮށްދެމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ތައާރަފްކުރާ މާސްޓަރކާޑު ވެގެންދާނީ ރާއްޖެ ޓްރާންސިޓް ލިންކް (އާރުޓީއެލް) ދަށުން ޓްރާންސިޓް ކާޑުގެ އެކްސްކުލޫސިވް ޕޭމަންޓް ނެޓްވޯކަށެވެ. މާސްޓަރކާޑް އިން ޓްރާންސިޓް އާއި ގުޅުން ހުރި ޕޭމަންޓް ހެދުމަށް ބީއެމްއެލް އިން ގަބޫލުކުރާ އެހެން ހުރިހާ ނެޓްވޯކެއް މެދުވެރިކޮށް ޕޭމަންޓް ހެދޭނެ ނިޒާމްވެސް ގާއިމްކޮށްދޭނެއެވެ.
މިކަމާއި ގުޅޭގޮތުން ބީއެމްއެލްއިން ބުނެފައިވާގޮތުގައި އޯޕަން ލޫޕް ޓެކްނޮލޮޖީ ބޭނުންކޮށްގެން، ދަތުރު ކުރާ ފަރާތްތަކުން ފައިސާ ދެއްކުމަށް ގިނަ ކާޑުތަކެއް ބޭނުންނުކޮށް އެއް ކާޑަކުން ފައިސާގެ ހުރިހާ މުއާމަލާތެއް ކުރެވޭނެއެވެ. މި ކާޑު ޓޮޕް އަޕް ކުރުމަށް އިތުރު އިންފްރާސްޓްރަކްޗަރ ބޭނުން ކުރަން ނުޖެހުމާއެކު ދަތުރުވެރިންނަށް އިތުރު ހަރަދެއް ކުރަން ނުޖެހޭނެއެވެ. މިއާއެކު ދަތުރުވެރިންނަށް އިތުރު ލުއިފަސޭހަކަން ލިބި ހިދުމަތާމެދު ހިތްހަމަޖެހުން ލިބިގެންދާނެއެވެ. އޯޕަން ލޫޕް ސިސްޓަމުގެ އެހީގައި މުވައްސަސާތަކަށް ދަތުރުކުރާ ފަރާތްތަކުގެ އަދަދު ތަކާއި އިތުރު އެހެނިހެން މައުލޫމާތު ވަގުތުން ބަލާލެވޭނެއެވެ. މިކަމުގެ ސަބަބުން ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް މަގުފަހިވެގެންދާނެއެވެ.
ދާދި ފަހުން އިފްތިތާހު ކުރެވުނު މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގައި، ހދ. އަތޮޅުގެ ގެ 14 ރަށެއް ވަނީ އޯޕަން ލޫޕް ޓެކްނޮލޮޖީއާ ގުޅާލެވިފައެވެ. އަދި ކަނެކްޓިވިޓީ ގެ މަސައްކަތް ނިމުމަކަށް އަންނައިރު، މި ޓްރާންސިޓް ސޮލިއުޝަން މެދުވެރިކޮށް 41 ރަށެއް ގުޅާލެވޭނެއެވެ. މި ޕްރޮޖެކްޓްގެ ކުރިއަށް އޮތް ފިޔަވަހީގައި، ރާއްޖޭގައި ދަތުރުފަތުރު ގެ އެންމެ ބާރު ބޮޑު މާލެ އަދި ހުޅުމާލެއަށް އޯޕަން ޓެކްނޮލޮޖީ ފުޅާކުރެވި ބަސް އަދި ފެރީގެ ހިދުމަތް ހިމެނިގެންދާނެއެވެ.
މި ޕާރޓްނާޝިޕް އާއި ގުޅޭގޮތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ " ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް އީޖާދީ އަދި ކޮންޓެކްޓްލެސް ޕޭމަންޓްގެ މުހިންމުކަން މިވަނީ ހާމަވެފަ. އަދި އެކަމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލު ފެނިގެންދޭ. އަދި ހަމައެހެންމެ، އަޅުގަނޑުމެންގެ ހިދުމަތް ބޭނުންކުރަމުން އަންނަ ދަތުރުވެރިންގެ މޫވްމަންޓް ފަސޭހަކަމާއެކު ބަލާލެވޭ. މާސްޓަރކާޑާއި ގުޅިގެން ސަރުކާރުގެ އަމާޒާ އެއްގޮތަށް މާލެ ސިޓީ ސްމާޓް ސިޓީ އަކަށް ބަދަލުކުރުމަށް އެންމެ ފަހުގެ އޯޕަން ލޫޕް ޓެކްނޮލޮޖީގެ އެހީގައި މިކަން ހަގީގަތަކަށް ވާނެކަމަކާމެދު އަޅުގަނޑުގެ ޔަގީންކަން އެބައޮތް. މި ޕްރޮޖެކްޓް ކުރިޔަށް ގެންދިއުމަށް އަޅުގަނޑުމެންގެ ސަރވިސް ޕްރޮވައިޑަރ އެސްސީ ސޮފްޓް ޕްރައިވެޓް ލިމިޓެޑް ވެދެއްވި އެހީއަށް އަޅުގަނޑު ޝުކުރުދަންނަވަން."
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ޓިމް ސޯޔަރ އިތުރަށް ވިދާޅުވީ " މާސްޓަރކާޑާއެކު އަޅުގަނޑުމެން ދަމަހައްޓަމުންގެންދާ ޕާރޓްނާޝިޕް އިތުރަށް ފުޅާކޮށް އެމް.ޓީ.ސީ.ސީގެ ޕަބްލިކް ޓްރާންސްޕޯޓް ނެޓްވޯކަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކުރެވޭ އޯޕަން ލޫޕް ޓްރާންސިޓް ކާޑު ތައާރަފް ކުރެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ކޮންޓެކްޓްލެސް ޕޭމަންޓް ބޭނުންކުރަން ފެށުމާއެކު ޕޭމަންޓް ލޭންޑްސްކޭޕް މިދަނީ ހަލުވިކަމާއެކީ ކުރިއަރަމުން. ރާއްޖޭގެ އެންމެ ބޮޑު ބޭންކު ގޮތުގައި ބީއެމްއެލް އޮތް ވާއިރު، ކަސްޓަމަރުން ބޭނުންވާފަދަ ފަސޭހަކަން ހޯދައިދިނުމަށް އަޅުގަނޑުމެން އަބަދުވެސް އީޖާދީ އަދި ޑިޖިޓަލް ސޮލިއުޝަންސް ހޯދުމަށް މިދަނީ މަސައްކަތްކުރަމުން. މާސްޓަރކާޑާއި އެމް.ޓީ.ސީ.ސީ އާ ގުޅިގެން ރާއްޖޭގައި މި ޓެކްނޮލޮޖީ ކާމިޔާބުކަމާއެކު ގާއިމްކުރެވިގެންދާނެކަމަށް އުއްމީދުކުރަން."
" ދިވެހިންންށް ވޯލްޑް ކްލާސް ސޮލިއުޝަންސް ހޯދައިދިނުމަށް ރާއްޖޭގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވެވޭ ކަމީ މާސްޓަރކާޑަށް ލިބޭ ޝަރަފެއް. މާސްޓަރކާޑުން ވަރަށް ގިނަ ސަރުކާރުތަކާއެކު މަސައްކަތްކޮށް ދުނިޔޭގެ 150 ސިޓީއެއްގައި ދަތުރުވެރިންގެ ކޮންމެ ދުވަހެއްގެ ދަތުރުތަކަށް މިދަނީ ލުއިފަސޭހަކަށް ފޯރުކޮށްދެމުން. އަދި މި ހިދުމަތް ފޯރުކޮށްދީ ރާއްޖޭގައި ޑިޖިޓަލްކޮށް ހިދުމަތް ދިނުމުގެ ލަނޑުދަނޑި ހާސިލްކުރުމަށް ބައިވެރިވެވޭ ކަމީ އަޅުގަނޑުމެން ފަހުރުވެރިވާކަމެއް. ދަތުރުވެރިންނަށް ލުއިފަސޭހަކަމެއް ލިބިގެންދިއުމުގެ އިތުރުން އޯޕަން ލޫޕް މާސްޓަރކާޑު ޓްރާންސިޓް ސޮލިއުޝަންސް ސިސްޓަމް މެދުވެރިކޮށް ރާއްޖޭގެ ސޯޝިއޯ-އިކޮނޮމިކް ގޯލް ކާމިޔާބު ކުރުމަށްވެސް އެހީތެރިވެވޭނެ. " މާސްޓަރކާޑުގެ ކަންޓްރީ މެނޭޖަރ، ސްރީލަންކާ އެންޑް މޯލްޑިވްސް، ސަންދުން ހަޕުގޮޑަ ވިދާޅުވެއެވެ.
ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ގޮތުގައި، ބީއެމްއެލް އިން ދަނީ އައު ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފް ކުރުމުގައި ފައިތިލަ ސާބިތުކުރަމުންނެވެ. މިގޮތުން އޯޕަން ލޫޕް ޓްރާންސިޓް ކާޑު ސިސްޓަމަކީ މާސްޓަރކާޑު ފަދަ ކުންފުނިތަކާ ގުޅިގެން ބޭންކުން ތައާރަފް ކުރާ އީޖާދީ ހިދުމަތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް