*ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖު އެޅުމަށް ހަވާލުކޮށްފައިވާ ކުންފުނި ވީ އަވަރ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބިން ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ދިއްދޫގައި ޖޫނިއާ ކޮލެޖު އެޅުމަށް ހަމަޖެހިފައިވަނީ އެ ރަށު ހިއްކި ސަރަޙައްދުން އެކަމަށް ކަނޑައަޅާފައިވާ 30،000 އަކަފޫޓްގެ ބިމެއްގަ އެވެ.
އެތަނުގައި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ ކިޔަވައިދިނުމަށް ބޭނުންކުރާނެ ކްލާސްރޫމްތަކާއި، މަލްޓި-ޕާޕަސް ވޯކްޝޮޕަކާއި، އެކޮމަޑޭޝަން ބްލޮކަކާއި، އައިސިޓީ އާއި ފުޑް ޕްރޮސެސިން އަދި ފުޑް ޓެސްޓިން ލެބެއް ހިމެނޭ ހެންނެެވެ.
އަދި އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި އޮޑިޓޯރިއަމަކާއި، މީޓިން ރޫމްތަކާއި ލައިބްރަރީ ވެސް އެތަނުގައި ހުންނާނެ އެވެ.
މީގެ އިތުރުން ދަރިވަރުންނަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ އެކްޓިވިޓީ ސެންޓަރަކާއެކު ޖިމަކާއި ނަމާދުކުރަން ހާއްސަ އޭރިއާ އެއްވެސް ހުންނާނެއެވެ.
މި ޖޫނިއަރ ކޮލެޖް ޚާއްސަ ކޮށްފައިވަނީ ފުޑް ޕްރޮސެސިންގ އަދި ޓެކްނޮލޮޖީ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަށް ހިންގުމަށެވެ.
ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެހެން ދާއިރާތަކުގެ ކޯސްތައްވެސް ހިންގުމަށް ނިންމާފައި ވެއެވެ.
ދިއްދޫ ޖޫނިއާ ކޮލެޖު ގާއިމު ކުރުމަށް 2020 ވަނަ އަހަރުގެ ބަޖެޓުގައި 1.6 މިލިއަން ރުފިޔާ އަދި މިދިޔަ އަހަރު ތިން ލައްކަ ރުފިޔާ ހިމަނާފައިވެއެވެ. މި މަސައްކަތް ނިންމަން ވީ އަވަރ އިންވެސްޓްމެންޓަށް ދީފައިވަނީ 300 ދުވަހެވެ.
މިއީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގެ އިސްނެގުމަށް، ރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް، މި ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޕްރޮޖެކްޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް