ކިޔަވައިދޭ ވަގުތުތަކުގައި ސްކޫލްތަކުގެ ގޭޓުތައް ތަޅުލާފައި ބަހައްޓަން އެޑިއުކޭޝަން މިނިސްޓްރީން ހުރިހާ ސްކޫލްތަކަށް އަންގައިފި އެވެ.
މިގޮތަށް އަންގާފައި މިވަނީ ޖަމާލުއްދީން ސްކޫލަށް މީހަކު ގަދަކަމުން ވަދެގަނެ، މާރާމާރީ ހިންގަން އުޅުނު މައްސަލައެއް ކުރިމަތިވެފައި ވަނިކޮށެވެ. އެމީހާ ވަނީ ސްކޫލް ތެރެއަށް ވަދެ އަޑުގަދަކޮށް ކުދިން ބިރު ގަންނަފަދަ ގޮތަކަށް އަމަލުތައް ބަހައްޓާފަ އެވެ.
އެ މިނިސްޓްރީން ރާއްޖޭގެ ހުރިހާ ސްކޫލަކަށް ފޮނުވާފައިވާ އެންގުމެއްގައި ބުނެފައިވަނީ ސްކޫލު މާހައުލަކީ ދަރިވަރުންނާއި މުވައްޒަަފުންނަށް ހުރިހާ ގޮތަކުން ވެސް ރައްކާތެރި ތަނަކަށް ހެދުމަށް މިނިސްޓްރީން އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އެޑިއުކޭޝަނުން ވަނީ ދަރިވަރުންނާއި މުވައްޒަފުން އަދި ބެލެނިވެރިން ސްކޫލަށް ވަދެ ނުކުތުމުގައި އަމަލުކުރާނެ ގޮތްތަކެއް އަންގައިފަ އެވެ. އަދި އެކަންކަމަށް ވަގުތުން އަމަލު ކުރަން ފެށުމަށް އަންގާފައިވެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ މިހާރެކޭ ވެސް އެއްގޮތަށް، ސެޝަންތައް ކުރިއަށްދާ ވަގުތު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ގޭޓެއްގައި ވެސް ސެކިއުރިޓީ ބެލަހެއްޓުމަށް ސަމާލުވުމެވެ. ސެޝަން ފެށޭ ވަގުތު (މުވައްޒަފުންނާއި ދަރިވަރުން ހާޒިރުވާ ވަގުތު) ފިޔަވައި އެހެން ހުރިހާ ވަގުތެއްގައި ވެސް ގޭޓް އެތެރެއިން ތަޅުލާފައި ބެހެއްުޓުމަށް އަންގާފައިވެ އެވެ.
އަދި ސެޝަން ފެށުމަށް ފަހު މުވައްޒަފުންނާއި ދަރިވަރުންނަށް ސްކޫލަށް ވަދެނިކުތުމުގައި ހާއްސަ އިންތިޒާމުތައް ސްކޫލުން ހަމަޖެއްސުމާއި، ސެޝަން ކުރިއަށްދާއިރު ބެލެނިވެރިން ނުވަތަ އާންމުންނަށް ސްކޫލު ގޭޓުން އެތެރެވެވޭނީ ސެކިއުރިޓީ އޮފިސަރު މެދުވެރިކޮށް އެ މީހަކު ސްކޫލަށް ހާޒިރުވި ސަބަބު އޮޅުންފިލުވައިދިނުމުން ކަމަށް މިނިސްޓްރީގެ އެންގުމުގައިވެ އެވެ.
މީގެ އިތުރުން ބެލެނިވެރިން ސްކޫލަށް ހާޒިރުވާއިރު، ސްކޫލުން ދީފައިވާ ބެލެނިވެރިޔާ ކާޑު އޮތްތޯ ސުކޫލުން ކަށަވަރުކުރަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
ޖަމާލުއްދީނަށް މީހަކު ގަދަކަމުން ވަތް މައްސަލައިގަ ހައްޔަރު ކުރީ37 އަހަރުގެ ދިވެހި ފިރިހެނެކެވެ. އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެމީހާ ސްކޫލް ސެކިއުރިޓީ ގޭޓުން އެތެރެވަނީ އެހެން މުވައްޒަފު ސްކޫލުން ނުކުންނަ ވަގުތާއި ދިމާކޮށެވެ.
އޭނާ ކުއްލިއަކަށް ގޭޓުގައި ޖެހިގަނެގެން ވަދެގަތުމުން ސެކިއުރިޓީ ގާޑަށްވެސް އޭނާ ހުއްޓުވިފައެއް ނުވެ އެވެ. އަދި ކޮމްޕައުންޑުގައި ހުރެ ވަރަށް ބާރަށް ހަޑި ހުތުބަހުން ހަޅޭލަވާތަން ވީޑިއޯއިން ފެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް