މޯލްޑިވްސް ރިފޯމް މޫވްމެންޓު (އެމްއާރުއެމް) އަށް 3،000 މެމްބަރުން ހަމަވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އެ އަދަދަށް މެމްބަރުން ހަމަނުވާ ޕާޓީތައް ތިން މަސް ތެރޭގައި އުވާލާނެ ކަމަށް މިދިޔަ މާޗް މަހު އަންގާފަ އެވެ. އެގޮަތަށް އަމަަލު ކުރަން ނިންމީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ27 ވަނަ މާއްދާގެ ދަށުންނެވެ.
އީސީން، އެމްއާރުއެމްއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ މިދިޔަ މާޗް މަހުގެ 14 ވަނަ ދުވަހު އެ ޕާޓީއަށް މެމްބަރުން ހަމަ ނުވެއްޖެ ނަމަ އުވާލާނެ ކަމަށް ބުނެ ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. އެކަމަކު މިހާރު އެ ޕާޓީގެ މެމްބަރުންގެ އަދަދު 3،000 އަށްވުރެ އިތުރުވެފައިވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
އެހެން ކަމުން އެމްއާރުއެމްއަކީ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަވާ ޕާޓީއެއް ކަމަށް އީސީން އަންގާފައިވެ އެވެ.
އެ ޕާޓީން ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސްކޮށް ނިންމައި މެމްބަރުން ހަމަވި ކަމަށް އީސީން އަންގާފައި މިވަނީ އެ ކޮމިޝަނުން ޕާޓީތަކަށް މެމްބަރުން ހަމަ ކުރުމަށް ދިން ތިން މަސްދުވަހުގެ މުއްދަތު ހަމަވާން ދެ ދުވަހަށް ވެފައި ވަނިކޮށެވެ.
އެމްއާރުއެމްއިން މީގެ ކުރިން ބުނީ އީސީން ސިޓީ ފޮނުވި އިރުވެސް އެ ޕާޓީގައި 3،000 މެމްބަރުން ހަމަވާނެ ކަމަށެވެ. އެކަމަކު މެމްބަރުންގެ ތެރެއިން ބައެއް މީހުންނަށް ނޭނގި އޮޅުވާލައިގެން އެހެން ޕާޓީތަކަށް ވައްދާފައި ހުރިކަން އެނގިފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް