ވޮލީބޯލް އެސޯސިއޭޝަން ކަޕް: ގޫޑީސް ބަލިކޮށް ޕޮލިސް ކުލަބުން ފެށުން ރަނގަޅުކޮށްފި

ވޮލީބޯލް އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޜަންގެ ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ޕޮލިސް ކުލަބުން ގުޑީސް ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދައިފިއެވެ. ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކު...

12 Jun 2022 | 06:58

ވޮލީބޯލް އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޜަންގެ ފުރަތަމަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ޕޮލިސް ކުލަބުން ގުޑީސް ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދައިފިއެވެ.

ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މިމެޗު ފޯރިގަދަ ވާދަވެރި ކުޅުމަކަށްފަހު ޕޮލިސް ކުލަބުން ކާމިޔާބުކުރީ 3-2 ސެޓުންނެވެ.

މިމެޗުގެ ފުރަތަމަ ސެޓުގައި ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު މި ސެޓުން ޕޮލިސް ކުލަބުން ކާމިޔާބުކުރީ 30-28 އިންނެވެ.

ނަމަވެސް ގުޑީސް އިން ވަނީ ޖެހިގެން ކުޅުނު ދެ ސެޓް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މި ދެ ސެޓް އެޓީމުން ކާމިޔާބުކުރީ 25-23 އަދި 25-20 އިންނެވެ.

ހަތަރު ވަނަ ސެޓްގައި ޕޮލިސް ކުލަބުން ކުޅުން ރަނގަޅުކޮށް 25-23 އިން ސެޓް ކާމިޔާބުކުރިއެވެ.

މި ސެޓްގައި ޕޮލިސް ކުލަބަށް ކުޅޭ ބިދޭސީ ދެ ކުޅުންތެރިންކަމަށްވާ މުތުސާމީ އާއި އަނޫ ޖޭމްސް އަދި ޒުވާނުން ކުޅުންތެރިޔާ މާއިޝްގެ  މުހިންމު ޕޮއިންޓްތަކެއް ހޯދައިދިނެއެވެ.

ފަސް ވަނަ ސެޓް ފަށައިގެން ޕޮލިސް ކުލަބުން ލީޑުގައި އޮވެ 15-12 އިން ސެޓް ކާމިޔާބު ކުރިއެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މިމެޗުގައި މޮޅު ކުޅުމެއް ދެއްކެވި ޕޮލިސް ކުލަބުގެ ސެޓަރު މުތުސާމީއެވެ.

ވޮލީބޯލް އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޜަންގައި ޕޮލިސް ކުލަބުން ދެވަނަ މެޗުގައި ނުކުންނާނީ ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ. އަދި މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 13 ވަނަ ދުވަހުގެރޭ 20:15 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް