ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތް ރަސްމީކޮށް ފަށައިފި

ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން "ރާއް...

12 Jun 2022 | 05:21

ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ފަރުމާކޮށްފައިވާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން "ރާއްޖެ ޓްރާންސްޕޯޓް ލިންކް"ގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ރަސްމީކޮށް ފެށުމުން، ދެން ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ކަނޑައަޅާފައިވާ އަގުތަކުގައި ޓިކެޓް ނަގައިގެންނެވެ.

އެމްޓީސީސީން ބުުނީ ފުރަތަމަ ފިޔަވަހީގެ ޒޯން 1 (ހއ. ހދ. ށ) ގެ އަތޮޅުތަކުގެ ތެރެއިން ހދ. އަތޮޅުގެ ރަށްތަކަށް 2 މެއި 2022 ވަނަ ދުވަހުން ފެށިގެން އާރް.ޓީ.އެލްގެ ޚިދުމަތަށް ރައްޔިތުން އަހުލުވެރިކުރުވުމަށްޓަކައި އެމްޓީސީސީން ޚިދުމަތް ދީފައިވަނީ ހިލޭ ކަމުގައެވެ.

މީގެ މަޤްޞަދަކީ ރައްޔިތުންނަށް ވީހާވެސް ބޮޑަށް އާރްޓީއެލް ޚިދުމަތް ބޭނުންކޮށް ތަޖުރިބާކުރުމަށް ފުރުޞަތު ދިނުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެމްޓީސީސީން އިއްޔެ ބުނީ މިހާރު އެ ކުންފުނިން ތައްޔާރު ވަމުން ދަނީ ހއ. އަތޮޅުގެ ރަށްތަކަށް ޚިދުމަތް ފެށުމަށް ކަމަށެވެ.

މިގޮތުން އާރް.ޓީ.އެލްއާއި ގުޅޭ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް 6 ޖޫން އިން 9 ޖޫން ގެ ނިޔަލަށް ވަނީ ހިންގާ ނިމިފައި ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ މި ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ އިތުރު ފެރީތައް ބޭލުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުން ކަމަށެވެ.

އާރް.ޓީ.އެލް. ޚިދުމަތުގައި ބޭނުންކުރާ ފެރީ ތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. އެމްޓީސީސީން ބުނީ މިހާރު ބޭނުންކުރާ ފެރީތަކަށް ވުރެ ހިތްގައިމު ފެރީތަކަކަށް އާރްޓީއެލްގެ ފެރީތައް ވާނެ ކަމަށެވެ.

އެގޮތުން މި ސްޕީޑް ފެރީތައް ހުންނާނީ ދަތުރުވެރިންނަށް ހިތްފަސޭހަ ކަމާއެކު ދަތުރުކުރެވޭގޮތަށް ފަރުމާކޮށް އެއަރކޯން ކުރެވިފައި ކަމަަށާއި ސީޓާއި ޕަސެންޖަރުންގެ ކެބިން ފަރުމާ ކުރެވިފައި ހުންނާނީ މިފަދަ ދަތުރުތައް ކުރުމަށް ފަސިންޖަރުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އަދި ފެރީގައި ފާޚާނަކުރެވެން ހުންނާނެ ކަމަށާއި ލަގެޖް ބެހެއްޓުމަށްވެސް ޖާގަ ޚާއްޞަ ކުރެވިފައި ހުންނާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އާރް.ޓީ.އެލްގެ ޚިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން ކެރީއޮން ލަގެޖެއް ގެންދެވޭނެ ކަަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތް ޓިކެޓް ނަގައިގެން ކުރުމަށް ރަސްމީކޮށް ފެށުނު ނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނަށާއި، އެންސްޕާގައި ރެޖިސްޓަރވެފައިވާ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.

ދަތުރުފަތުރުގެ ނިޒާމަށް އިންޤިލާބެއް ގެނުވާނެ މި ފެރީ ނިޒާމުގެ އެންމެ މުހިއްމު އެއް ސިފައަކީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި ބަލި މީހުންނަށް އަރާފޭބުމަށާއި ދަތުރުކުރުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިފައިވުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

މިގޮތުން ކޮންމެ ފެރީއެއްގައި ފުރޮޅުލީ ގޮނޑިއާއި ސްޓްރެޗަރު ބެހެއްޓުމަށް ވަކިތަނެއް ޚާއްޞަ ކުރެވިފައި ހުންނާނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް